19 May 2013, 10:26
ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް)ގެ ރަސްމީ އެޖެންޑާއަށް ސްރީލަންކާ ލިޔަ ނުދީ އެގައުމު ސަލާމަތްކުރީ ރާއްޖެއިން ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބުދުއް ސަމަދު އަބުދުﷲ ވިދާޅުވެއްޖެ އެވެ.
ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅެއްގައި ޑރ. ސަމަދު ވިދާޅުވި ކަމަށް ދަ ސަންޑޭ ޓައިމްސް ނޫހުން ބުނީ ސީމެގްގެ ރަސްމީ އެޖެންޑާގައި ސްރީލަންކާ ހިމެނުމަށް ބައެއް ގައުމުތަކުން މަސައްކަތްކުރި ކަމަށާއި ރާއްޖޭން އެކަމާ ވަރުގަދައަށް ދެކޮޅު ހެދި ކަމަށެވެ.
"އެތައް އަހަރެއް ވަންދެން ސްރީލަންކާގެ ރައްޔިތުން ޓެރަރިޒަމްގެ ވޭން ތަހައްމަލު ކުރި ގޮތް އަޅުގަނޑު ދުށިން، އެހެންވީމާ އެފަދަ ހާސް ކަމެއް ތަޖުރިބާކޮށްފައިވާ ގައުމަކަށް އަދަބުދިނުމުގެ އެއްވެސް ބާވަތެއްގެ ފިޔަވަޅެއް އެޅުމަކީ ބޭއިންސާފު ކަމެއް،" ޑރ. ސަމަދު ވިދާޅުވި ކަމަށް ނޫޙުގައިވެ އެވެ.
އޭނާ އަދި ވިދާޅުވެފައި ވަނީ ހަނގުރާމައިގެ ދުވަސްވަރުގައި ގަބޫލު ނުކުރެވޭ ކަންތައްތަކެއް ހިނގާފައި ވެދާނެ ކަމަށާއި ސްރީލަންކާ ސަރުކާރުން ގާއިމްކޮށްފައިވާ ދާހިލީ ނިޒާމުތަކުން އެ ކަންބޮޑުވުންތަކަށް ހައްލު ހޯދޭނެ ކަމަށެވެ.
އަންނަ ނޮވެމްބަރު މަހު ސްރީލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންވެލްތު ގައުމުތަކުގެ ވެރިންގެ ބައްދަލުވުން އެހެން ގައުމަކަށް ބަދަލުކުރުމާ ރާއްޖޭން ވަރުގަދައަށް ދެކޮޅު ހެދި ކަމަށް ވެސް ޑރ. ސަމަދު ވިދާޅުވެފައިވެ އެވެ. އަދި ވިދާޅުވެފައި ވަނީ ކޮމަންވެލްތުގެ ގައުމުތަކުގެ ވެރިންގެ ބައްދަލުވުމުގައި ސްރީލަންކާއާ ދެކޮޅަށް ފިޔަވަޅެއް އެޅުމަށް މަސައްކަތް ނުކުރާނެ ކަމަށް ކަނޑައެޅިގެން ދަންނަވަން އެނގިވަޑައި ނުގަންނަވާ ކަމަށާއި އެހެން ނަމަވެސް އެފަދަ ފިޔަވަޅެއް ކާމިޔާބު ނުވުން ގާތް ކަމަށެވެ.
ސީމެގްގެ ރަސްމީ އެޖެންޑާގައި މިދިޔަ އަހަރު ރާއްޖެ ހިމެނީ އިންސާފުން ނޫން ކަމަށް ވިދާޅުވާ ވިދާޅުވުން ސްރީލަންކާގައި ވެސް ޑރ. ސަމަދު ވަނީ ތަކުރާރުކުރައްވާފަ އެވެ.
ސީމެގްގައި ހިމެނޭ ގައުމުތަކަކީ ރާއްޖެއާއި އޮސްޓްރޭލިއާ އާއި ބަންގްލަދޭޝް އާއި ކެނެޑާއާއި ޖެމެއިކާއާއި ސިއެރަލިއޯންއާއި ޓެންޒޭނިއާއާއި ޓްރިޑާޑް އެންޑް ޓޮބޭގޯ އާއި ވަނުއަޓޫ އެވެ.