19 May 2013, 10:15
އިއްޔެ ހަވީރު މާލޭގައި ހިންގި މާރާމާރީއެއްގައި ދެ ޒުވާނެއްގެ ބުރަކަށްޓާއި ކަރާއި މެޔަށް ތޫނުއެއްޗަކުން ހަމަލާދީ ޒަހަމްކޮށްލުމުން، ދެ މީހުން ވެސް އޮތީ ނާޒުކު ހާލަތެއްގައި ކަމަށާއި އެކަކަށް އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.
މާފަންނު ކޮޅުގައި އިއްޔެ ހަވީރު ހިންގި މާރާމާރީގައި ޒަޚްމްކޮށްލާފައި ވަނީ އުމުރުން 18 އަހަރުގެ ޒުވާނަކާއި 21 ޒުވާނެކެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު ޒީނަތު އަލީ ހަބީބު ވިދާޅުވީ އެ ދެ މީހުންގެ ބުރަކަށްޓަށާއި މެއަށާއި އެކަކުގެ ކަރަށް ވެސް ތޫނުއެއްޗެއް ހަރާފައި ހުރި ކަމަށެވެ. އަދި އެތަނުން އެކަކުގެ ފުއްޕާމޭ ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށް ވެސް ޒީނަތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދެ މީހުންގެ ހާލު ވެސް ކްރިޓިކަލް ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށެވެ. އަދި އެ ދެ މީހުން ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަރަށް ބޮޑަށް ގައިން ލޭފޭބުމުގެ ސަބަބުން ލޭމަދުވެފައިވާ ކަމަށް ވެސް ޒީނަތު ވިދާޅުވި އެވެ.
ޒީނަތު ވިދާޅުވީ ދެ މީހުންގެ ވެސް ސާޖަރީއެއް ހަދާފައިވާއިރު، އެކަކު މިހާރު ވެސް އޮތީ އައިސީޔޫގައި ކަމަށެވެ. އަދި އަނެއް މީހާއަށް މިވަގުތު ފަރުވާ ދެމުންދަނީ ވޯޑުގައި ކަމަށް ވެސް ޒީނަތު ވިދާޅުވި އެވެ.
"އެ ދެމީހުން ސްޓޭބަލް އެއް ނޫން. އެހެންވެ އަދި ބޭރަށް ފޮނުވާލަން ވެސް ޑޮކްޓަރު ވަކި ގޮތަކަށް ރިކަމަންޑެއް ނުކުރޭ،" ޒީނަތު ވިދާޅުވި އެވެ.
ފުލުހުން ބުނީ އިއްޔެގެ މާރާމާރީއާ ގުޅިގެން ވެސް އަދި އިއްޔެ ނޫން އިހަށް ދުވަހު ހިނގި މާރާމާރީގައި ދެމީހަކަށް ހަމަލަދިން މައްސަލައިގަ ވެސް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.
އިއްޔެ މާރާމާރީ ހިނގި ސަރަހައްދުގައި ހުރި މީހަކު ބުނީ ދެބައެއްގެ ދެމެދުގައި ހިނގި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދިނުމުން ލޭތަކާއެކު އެކަކު ވަނީ އެސަރަހައްދުގައި ހުރި މ. ޖަންތަރި ހުޅަނގުބައި ކިޔާ ގެއެއްގެ ތެރެއަށް ކަމަށެވެ. އަދި ސަންގެ ނޫސްވެރިން އެ ސަރަހައްދަށް ދިޔައިރު ވެސް އެގޭތެރެއާއި ސިޑީގައި ވެސް ލޭ އުނގުޅިފައި ހުރިތަން ފެނިފައިވެއެވެ.