19 May 2013, 09:46
ދިމިޝްޤު (މޭ 19) : ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރުގެ އިސް މަސްއޫލުވެރިއެއް ކަމަށްވާ ފައިސަލް އަލް މިޤްދާދުގެ ބައްޕަ ވަގަށް ނަގައިފިއެވެ.
އުމުރުން 84 އަހަރުގެ މުސްކުޅި ބޭފުޅެއް ކަމަށްވާމިޤްދާދުގެ ބައްޕަ ވަގަށްނަގައި ރަހީނުކޮށްފައިވަނީ ދިރްޢާގެ ޙޫރާންގައި ހުންނަ އޭނާގެ ގެއަށް އިއްޔެ ހަވީރުގެ ވަގުތެއްގައި ހަތިޔާރުއެޅި ބަޔަކު ކުއްލިގޮތަކަށް ވަދެގަތުމަށްފަހު ހަތިޔާރުން ބިރުދައްކައިގެން ކަމަށާއި އެމީހުން އޭނާއަށް ވަރަށް ބޮޑަށް އަނިޔާކުރި ކަމަށްވެސް މަންޒަރުދުށް މީހުންނާ ހަވާލާދީ އޭއެފްޕީ ބުނެ އެވެ. ހަތިޔާރު އެޅި ބަޔަކު ފައިސަލް އަލްމިޤްދާދުގެ ބައްޕަ ވަގަށް ނަގައި ރަހީނު ކުރިކަން ސޫރިޔާ ސަރުކާރުންނާއި އިދިކޮޅު ކޯލިޝަނުންވެސްވަނީ ކަށަވަރުކޮށްދީފަ އެވެ.
ސޫރިޔާގެ ޚާރިޖީ ވަޒީރުގެ ނައިބު ފައިސަލް އަލް މިޤްދާދަކީ ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރުގެ ދިފާޢުގައި އެންމެ ވަރުގަދައަށް ވާހަކަދައްކަވާ އިސްމަސްއޫލުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. މިޤްދާދު އެންމެ ފަހުން ދެއްވި ބަޔާނުގައިވެސް ވިދާޅުވެފައިވަނީ ސޫރިޔާ ސަރުކާރުން ހަނގުރާމަކުރަން ޖެހިފައިވަނީ ހައްދުފަހަނަޅާފައިވާ ޓެރަރިސްޓުންގެ ޖަމާއަތްތަކަކާ ދެކޮޅަށް ކަމަށާ މިހަނގުރާމަ ކާމިޔާބު ކުރައްވާނެ ކަމުގައެވެ.
މިކަމުގެ ޒިންމާ އެއްވެސް ފަރާތަކުން އުފުލާފައެއްނުވެއެވެ. ނަމަވެސް ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ އިދިކޮޅު ހަނގުރާމަވެރިން ސޫރިޔާގެ އިސްމަސްއޫލުވެރިންނަށާއި އެމީހުންގެ ޢައިލާތަކުގެ މެންބަރުންނަށް ބިރުދައްކައި ގޯނާކޮށް އަދި ބަޑިން ޙަމަލާދީ މެރުމުގެ ޢަމަލުތައްވެސް މީގެކުރިން ހިންގާފައިވެއެވެ.
ފައިސަލްއަލްމިޤްދާދުގެ ބައްޕަ ވަގަށްނެގުމުގެ ޢަމަލު ހިންގާފައިމިވަނީ ރައީސް ބައްޝާރުލްއަސަދަށް ވަފާތެރި ސިފައިންގެ އަނިޔާވެރިކަން ހައްދުފަހަނަޅާގޮސް ކޮންމެ ދުވަހަކު ސޫރިޔާގައި މަރާލެވޭ ޢާންމުންގެ ޢަދަދު ސަތޭކައިން ގުނާލެވޭ ދުވަސްވަރެއްގައެވެ. ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ ތެރޭގައި ހިމެނޭ އައްނުސްރާ ޖަމާއަތުން މީގެ ދެދުވަސްކުރިންވަނީ ރައީސް ބައްޝާރުލްއަސަދަށް ވަފާތެރި ސިފައިންގެ 11 މީހަކު އަސީރު ކޮށް އެމީހުން އެއްތަނަކަށް ޖަމާކުރުމަށްފަހު އެމީހުންގެ ތެރެއިން ކޮންމެ މީހެއްގެ ބޮލަށް ވަކިން ބަޑިޖަހައި މެރިމަންޒަރުގެ ވީޑިޔޯއެއް ޢާންމު ކޮށްފައެވެ.
މި 11 މީހުންނަކީ ސޫރިޔާގެ އިދިކޮޅު ފަރާތްތަކަށް ނިސްބަތްވާ ޢާއިލާތަކުގެ އަންހެނުން ރޭޕްކުރުމުގައި ފުޅާދާއިރާއެއްގައި ޙަރަކާތްތެރިވަމުން ދިޔަ ބައެއްކަމަށް އައްނުސްރާ ޖަމާއަތުންވަނީ ސިފަކޮށްފައެވެ. މިހިސާބަށް ހަނގުރާމަވެރިންގެ ޢަމަލުތައްދަނީ ބައްޝާރުގެ ސިފައިންގެ އަނިޔާވެރިކަމުގެ ސަބަބުން ކަމަށާ މިކަމުގެ ޒިންމާ އުފުލަންޖެހޭނީ ބައްޝާރު ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެއެވެ.
އައްނުސްރާ ޖަމާއަތަކީ އަލްޤާޢިދާ އާ ގުޅުންހުރި ޖަމާއަތެއް ކަމަށް، އިދިކޮޅު ހަނގުރާމަވެރިންނަށް ތާއީދުކުރާ ހުޅަނގުގެ ގައުމުތަކުން ތުހުމަތުކުރާ ޖަމާޢަތެކެވެ. (ނޫސްއެޖެންސީތައް)