މާލިއްޔަތު ކޮމެޓީން އެދުމުން ފިނޭންސުން މާލީ ތަފުސީލުތައް ނުދިން މައްސަލައާ މެދު ގޮތެއް ނިންމަން ބޭއްވި ބައްދަލުވުމަށް އެމްޑީޕީގެ މެންބަރުންނަށް ހާޒިރު ނުވެވިގެން އެ މައްސަލައިގައި ކޮމެޓީން ގޮތެއް ނިންމުން މާދާމާއަށް ފަސްކޮށްފި އެވެ.


މާލިއްޔަތު ކޮމެޓީގެ މުގައްރިރު، އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ވިދާޅުވީ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުން މިއަދު 1:00 ޖެހި އިރު ބޭއްވެވި ކަމަށާއި ކޮމެޓީ ކުރިޔަށް ގެންދެވޭ ވަރަށް ކޯރަމް ވެސް ހަމަވި ކަމަށެވެ.


ނަމަވެސް ނާޒިމު ވިދާޅުވީ ކޮމެޓީ ބައްދަލުވުން މާއްދަމާއަށް ފަސް ކުރެއްވެވީ އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ މެންބެރުންނަށް ކޮމެޓީ ޖަލްސާއަށް ވަޑައިގެންނެވޭ ގޮތް ނުވުމުން ކަމަށެވެ. އަދި ވިދާޅުވީ މި މައްސަލައިގައި އެބޭފުޅުންނާއެކުގައި ނޫނީ ކޮމެޓީ ކުރިޔަށް ގެންދިއުމަކީ ރަނގަޅު ގޮތް ނޫން ކަމަށެވެ.


"މިކަހަލަ ސެންސިޓިވް އިޝޫއެއްގައި އެ ބޭފުޅުން ވަޑައިގެން ނެތީސް ކުރިޔަށް ގެންދިއުން ރަނގަޅުވެދާނެ ކަމަށް ނުފެނުނު. އެކަމަކު ކުރިޔަށް ގެންދެވޭ ވަރަށް ކޯރަމް ހަމަވި،" ނާޒިމް ވިދާޅުވި އެވެ.


ނާޒިމް ވިދާޅުވީ ފިނޭންސުން މާލީ ތަފުސީލުތައް ނުދިން މައްސަލަ އަށް ގޮތެއް ނިންމުމަށް މާދަމާ މާލިއްޔަތު ކޮމެޓީ ބައްދަލުވާނެ ކަމަށާއި އެ ބައްދަލުވުމުގައި ފިނޭންސްގެ މައްސަލައިގެ އިތުރުން އޮޑިޓާ ޖެނެރަލްގެ މައްސަލަ ވެސް އެޖެންޑާކޮށްފައިވާނެ ކަމަށެވެ.


މާލިއްޔަތު ކޮމެޓީން މިއަދު ބައްދަލުވުމެއް ބާވަން އުޅުނީ ދައުލަތުގެ މާލީ މެޝިނަރީ ހިނގަމުންދާ ގޮތް ބެލުމަށް މާލީ 17 ކަމެއް ފާހަގަކޮށް ތަފުސީލަށް އެދިފައިވާ 17 ސިޓީއެއް ފިނޭންސަށް ފޮނުވުމުން ފިނޭންސުން މައުލުމާތު ނުދިން މައްސަލައިގައި އަޅާނެ ފިޔަވަޅެއް ކަނޑައެޅުމަށެވެ.


މާލިއްޔަތު ކޮމެޓީގައި ހިމެނިވަޑައި ގަންނަވަނީ 10 މެންބަރުންނެވެ. އޭގެ ތެރެއިން އެމްޑީޕީ މެންބަރުންނަކީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝިދާއި ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަމްޒާ އާއި ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ.


ކޮމެޓީގައި ދެން ހިމެނިވަޑައިގަންނަވަނީ މުގައްރރި އަހުމަދު ނާޒިމާއި ނައިބު މުގައްރިގު މުހައްމަދު ނާޝިޒް އާއި އަބްދުﷲ އަބްދުއްރަހީމާއި އަބްދުﷲ މަސީހު މުހައްމަދާއި އަހުމަދު ސަލީމާއި ރިޔާޒު ރަޝީދާއި އަބްދުﷲ ޔާމީނެވެ.