ތިރީސް ތިން ވަނަ ގައުމީ ބާސްކެޓް ބޯޅަ މުބާރާތުގެ ފިރިހެން ދެވަނަ ޑިވިޒަންގައި ރޭ ކުޅުނު މެޗް ޕޮލިސް ކުލަބުން ކާމިޔާބު ކޮށްފި އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު މެޗް ޕޮލިސް ކުލަބުން ކާމިޔާބު ކުރީ ވީ ޔުނައިޓެޑް ސްޕޯޓްސް ކުލަބާ ވާދަކޮށް 94 ޕޮއިންޓު 48 ޕޮއިންޓުންނެވެ.

ރޭގެ މެޗުގައި ޕޮލިސް ކުލަބަށް އެންމެ ގިނަ ޕޮއިންޓް ހޯދައި ދިނީ 19 ޕޮއިންޓު ބަޔައް ހޯދައިދިން އިބްރާހިމް ރަޝީދުއެވެ. ވީ ޔުނައިޓެޑަށް އެންމެ ގިނަ ޕޮއިންޓު ހޯދައިދިނީ އަހުމަދު ސަނީހުއެވެ. އޭނާ ވަނީ ރޭގެ މެޗުގައި ބަޔަށް 10 ޕޮއިންޓު ހޯދައިދީފައެވެ.

ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޕޮލިސް ކުލަބަށް ނުވަ ޕޮއިންޓު ހޯދައިދިން މުހައްމަދު ފަޒީލެވެ.
މުބާރަތުގައި މިރޭ 9:00ގައި ކުޅެން ހަމަޖެހިފައިވާ މެޗުގައި ބައްދަލުކުރާނީ ގްރޫޕް އެކެއްގެ އެމްއެސް ހެލްޕިން ހޭންޑާއި ކުލަބް އީގަލްސް އެވެ.

މުބާރާތުގެ ގްރޫޕް އެކެއްގައި ހިމެނޭ ޓީމްތަކަކީ ޕޮލިސް ކުލަބާއި ކުލަބް އީގަލްސްއާއި އެމްއެސްއެޗްއެޗްއެސްއޭ އަދި ވީ ޔުނައިޓެޑް ސްޕޯޓްސް ކުލަބެވެ. އަދި ގްރޫޕް ދެއްގައި ހިމެނޭ ޓީމްތަކަކީ ޑީ ބާސްކެޓް ބޯލް ކުލަބާއި ޔޫތް ސްޕޯޓްސް ކުލަބް އަދި ދަ ބައުސް ސްޕޯޓްސް ކުލަބެވެ.

ޖުމްލަ ހަތް ޓީމް ވާދަކުރާ މިމުބާރާތުގެ މެޗްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ދެ ގްރޫޕަކަށް ބަހައިލައިގެން ކޮންމެ ގްރޫޕެއްގެ ވެސް އެއް ވަނަ ޓީމާއި ދެ ވަނަ ޓީމް ސެމީ ފައިނަލަށް ދަތުރު ކުރާ ގޮތަށެވެ. އެގޮތުން މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލްގައި މިމަހުގެ 22 ވަނަ ދުވަހު ނިކުންނާނީ ގްރޫޕް އެކެއްގެ އެއް ވަނަ ޓީމާއި ގްރޫޕް ދޭއްގެ ދެ ވަނަ ޓީމެވެ. އަދި މުބާރާތުގެ ދެ ވަނަ ސެމީގައި ބައްދަލުކުރާނީ ގްރޫޕް އެކެއްގެ ދެ ވަނަ ޓީމާއި ގްރޫޕް ދޭއްގެ އެއް ވަނަ ޓީމެވެ.