19 May 2013, 09:33
ކަރާޗީ (މޭ 19) : ޕާކިސްތާނުގެ ސިޔާސީ މައިދާނުގައި އިސްކޮށް ޙަރަކާތްތެރިވާ އަންހެން ބޭފުޅެއް ކަމަށްވާ ޒަހްރާ ޝާހިދު ޙުސައިންގެ ގައިކޮޅަށް ބަޑިޖަހައި އަވަހާރަކޮށްލައިފި އެވެ.
ހަތިޔާރުއެޅި ގޮތްނޭންގޭ ބަޔަކު މިޖަރީމާ ހިންގާފައި ވަނީ ކަރާޗީގެ މުއްސަނދި އަވަށެއްގައި ހުންނަ ޒަހްރާ ޝާހިދު ޙުސައިންގެ ގެކޮޅުގެ ކުރިމަތީގައެވެ. މޮޓޯ ސައިކަލްތަކެއްގައި އައި ހަތިޔާރުއެޅި ބަޔަކުޒަހްރާގެ ގައިކޮޅަށް ބަޑިޖެހިކަމަށް ވަނީ އޭނާގެ ގޭގެ ކުރިމަތީގައި އުޅުއްވަނިކޮށް ކަމަށް މަންޒަރު ދުށް މީހުން ބުނެ އެވެ. ޒަހްރާ އަވަހާރަވީ ކުއްލި ޙާލަތުގައި ކަރާޗީގެ ހޮސްޕިޓަލަކަށް ގެންދިޔުމަށްފަހުގައި ކަމަށް ފުލުހުންބުނެ އެވެ. ޒަހްރާގެ ގައަށް ބަޑިޖެހި ކަމަށް ބެލެވެނީ އޭނާގެ ގެއަށް ވައްކަންކުރަން އައި ވަގުންގެ ޖަމާއަތަކުން ކަމަށް ޝައްކުކުރެވޭ ކަމަށް މިޖަރީމާ ތަޙްޤީޤް ކުރަމުންގެންދާ ކަރާޗީގެ ފުލުހުންނާ ހަވާލާދީ ބައެއް ރިޕޯޓްތައް ބުނެއެވެ.
ޒަހްރާ ޝާހިދު ޙުސައިންއަކީ ޕާކިސްތާނުގައި ތިންވަނައަށް އެންމެ ބޮޑު ޕާޓީ ކަމަށްވާ އިމްރާން ޚާންގެ "ތަހްރީކޭ އިންސާފް" ޕާޓީގެ އިސް ވެރިއެކެވެ. އެޕާޓީންވަނީ މިއީ ސިޔާސީ ކަތިލުމެއް ކަމަށް ސިފަކޮށްފައެވެ. ޒަހްރާއަކީ އެޕާޓީއަށް ނިސްބަތްވާ ޕާލަމެންޓް މެންބަރުންގެ ތެރޭގައި ހިމެނޭ ތަޖްރިބާކާރު ބޭކަނބަނލެކެވެ.
ޒަހްރާ އަވަހާރަކޮށްލާފައި މި ވަނީ ކަރާޗީގެ ސަރަހައްދެއްގައި ޕާލަމެންޓްގެ ބައިއިލެކްޝަނެއް ބާއްވަން ތައްޔާރުވަމުން ގެންދަނިކޮށެވެ. ބައިއިލެކްޝަން ބޭއްވުމަށް ނިންމާފައިވަނީ ވާދަވެރި ޕާޓީއަކާ ދެކޮޅަށް އިމްރާން ޚާން ކުރެއްވި ތުހުމަތުތަކަކާ ގުޅިގެންނެވެ. ޒަހްރާއަކީ ކަރާޗީގެ މުއްސަނދި ޢާއިލާއަކަށް ނިސްބަތްވާ ބޭކަނބަލެކެވެ. (ނޫސްއެޖެންސީތައް)