އިންޓަނެޓް މެދުވެރިކޮށް ޓެކްސް ބަޔާނާއި ފައިސާ ދެއްކޭ ގޮތަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން "މީރާ ކަނެކްޓް" ގެ ހިދުމަތް މިއަދު ތައާރަފްކޮށްފި އެވެ.

ދައުލަތުގެ ޓެކްސް އިދާރާއިން ބުނީ ޓެކްސް ދައްކާ ފަރާތްތަކަށް ފަސޭހަގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން ތައާރަފުކުރާ "މީރާ ކަނެކްޓް"ގެ ހިދުމަތް މިއަދު ތައާރަފްކުރުމާ އެކު ފުރަތަމަ ފިޔަވަހީގައި އޮންލައިކޮށް ހުށައެޅޭނީ ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ތެރެއިން އެ ހިދުމަތަކަށް އެދި ރަޖިސްޓްރީކުރެވޭ ފަރާތްތަކަށް ކަމަށެވެ.

"އެފަރާތްތަކަށް 19 މެއި 2013 އިން އެފަރާތްތަކުގެ ޖީއެސްޓީ ބަޔާނާއި ބީޕީޓީ ބަޔާން "މީރާ ކަނެޓް" މެދުވެރިކޮށް ހުށައެޅޭނެ" މީރާއިން ބުންޏެވެ.

މީރާއިން ބުނީ ފުރަތަމަ ފިޔަވަހީގައި "މީރާ ކަނެކްޓް" މެދުވެރިކޮށް ހަމައެކަނި ޓޫރިޒަމް ދާއިރާގެ ޓެކުސްތަކުގެ ހިދުމަތް ދިން ނަމަވެސް ކުރިއަށް އޮތްތަނުގައި އެހެނިހެން ޓެކްސްތައް ވެސް ދެއްކޭނެ އިންތިޒާމް ހަމަޖައްސާއިރު ބަޔާން ފުރުމާއި ޓެކްސް ފައިސާ ދެއްކުމުގެ ހިދުމަތް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

މީރާއިން ބުނީ "މީރާ ކަނެކްޓް" ބޭނުންކުރާނެ ގޮތުގެ މައުލޫމާތް ދިނުމާއި އެކައުންޓް ހުޅުވުމުގެ ޓުރެއިނިން ދިނުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށެވެ.