19 May 2013, 09:33
ގްލޯބަލް ކާގޯ ކެއާއިން ސްޕޮންސާ ކޮށްގެން ބާއްވާ ގްލޯބަލް ޓީ ޓުވެންޓީ ކްރިކެޓް ކަޕްގެ ފައިނަލުގައި އެމްއެސް އެކަޑަމީ އާއި މާލޭ ސްޕޯޓްސް ވާދަކުރި މެޗު ހަ ލަނޑުގެ ތަފާތުން ކާމިޔާބު ކޮށް ހުސްވި އަހަރުގެ ޗެމްޕިއަން މާލޭ ސްޕޯޓްސް މުބާރާތުގެ ތަށި ދިފާއުކޮށްފިއެވެ.
އިއްޔެގެ ފައިނަލު މެޗުގައި ޓޮސް ދިމާވެގެން މާލޭ ސްޕޯޓްސްއިން ކުޅެން އަރައި 159 ލަނޑު ހަދާފައިވާ އިރު ޖަވާބުގައި އެމްއެސް އެކަޑަމީއިން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 153 ލަނޑެވެ.
ފައިނަލު މެޗުގައި މާލޭ ސްޕޯޓްސްއިން އެންމެ ރަނގަޅަށް ކުޅުނީ 54 ބޯޅައިން 64 ލަނޑު ހެދި ޝަފުރާޒު ޖަލީލާއި، 45 ބޯޅައިން 56 ލަނޑު ހެދި ޢަބްދުﷲ ޝާހިދުއެވެ. ފއިނަލު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށްވެސް ހޮވުނީ ހެދި ޢަބްދުﷲ ޝާހިދުއެވެ. އެމްއެސް އިން އެންމެ ރަނގަޅަށް ކުޅުނީ 69 ލަނޑުހެދި އިޝާން ޖަޔަކޮޑީއެވެ.
މުބާރާތުގެ ވަނަތަކަށް ބާލާއިރު އެންމެ މޮޅު އުކުންތެރިޔަކަށް ހޮވުނީ، މުބާރާތުގައި 10 ވިކެޓް ނެގި އެމްއެސް އެކަޑަމީގެ މުހައްމަދު ޝާފީއެވެ. އަދި އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މުބާރާތުގައި 136 ލަނޑު ހެދި އެމްއެސް އެކަޑަމީގެ މިހުސާން ހާމިދުއެވެ. އަދި މުޅި މުބާރާތުން ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މުޅި މުބާރާތުގައި 176 ލަނޑާއި ތިން ވިކެޓް ނެގި އިޝާން ޖަޔަކޮޑިޔާއެވެ.
ވަނަވަނައަށް އައި ފަރާތްތަކަށް އިނާމު ބައްސަވައި ދެއްވީ މުބާރާތް ސްޕޮންސާކުރި ގްލޯބަލް ކާގޯ ކެއާގެ ޑައިރެކްޓަރު ސެމިއުލް ރާޖްއާއި، ކްރިކެޓް ބޯޑުގެ އެކްސްކޯ މެންބަރުންނެވެ.