ނ. އަތޮޅުގައި ރިސޯޓެއްގެ ގޮތިގައި ތަރައްގީ ކުރަމުން ގެންދާ ފުށިވެލާވަރު ގައި ބިދޭސީންނާއި ދިވެހީންގެ މެދުގައި ހިންގި މާރާމާރީއާ ގުޅިގެން ހަ ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މަރާމާރީއާ ގުޅިގެން ރޭ ފަތިހު 5:30 އެހައިކަންހާއިރު ހައްޔަރުކޮށްފައި ވަނީ އުމުރުން 30 އަހަރުގެ މީހަކާއި 31 އަހަރުގެ މީހަކާއި 25 އަހަރުގެ މީހަކާއި 29 އަހަރުގެ މީހަކާއި 27 އަހަރުގެ މީހަކާއި 28 އަހަރުގެ މީހެއް ކަމަށެވެ. އެ އެންމެންނަކީ ވެސް ބަންގްލަދޭޝްގެ ރައްޔިތުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މާރާމާރީ ހިންގި ކަމުގެ މައުލޫމާތު ލިބުމުން ފުލުހުން އެރަށަށް ގޮސްފައި ވަނީ އާދޭސް ކުރުމުން ކަމަށް އެރަށުން ވާހަކަދެއްކި މީހުން ބުނި ނަމަވެސް ފުލުހުން ވަނީ އެކަން ދޮގުކޮށްފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މާރާމާރީ ހިންގާފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ހުށަހަޅާފައިވަނީ ރޭ 9:45 އެހައިކަންހާއިރު ކަމަށެވެ.

އެ މާރާމާރީގައި އަނިޔާވެފައިވަނީ އުމުރުން 19 އަހަރުގެ މީހަކާއި 25 އަހަރުގެ މީހަކަށް ކަމަށާއި އެ ދެ މީހުންނަކީ ވެސް ދިވެހީން ކަމަށް ފުލުހުން ބުންޏެވެ.

އެ ދެމީހުންނަށް ނ. މަނަދޫ ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ފުށިވެލާވަރުން ވާހަކަދެއްކި މީހަކު ބުނީ ރޭ 8:15 އެހައިކަންހާއިރު އެ ހާދިސާ ހިނގީ ކެއުން ނިންމާލުމަށް ފަހު ދެ ދިވެހީން ކާކޮޓަރިން ނުކުތްވަގުތު ދޮރުކައިރީ ތިބި ބިދޭސީންތަކެއްގެ ކޮނޑުގައި ޖެހިގެން އެ މީހުން އެކަމާ ހިތްހަމަ ނުޖެހިގެން ކަމަށެވެ.

އޭނާ ބުނީ ހަތަރު ބިދޭސީން ބައިވެރިވެގެން ދޮޅު އިންޗީގެ ދަގަނޑު ހޮޅިބުރިއަކުން ދެ ދިވެހީންގެ ގައިގެ އެކި ތަންތަނަށް ހަމަލާދީފައިވާ ކަމަށެވެ. ނަމަވެސް އެ ސަރަހައްދު އަނދިރިކަމުން ލިބުނީ ކޮން ޒަޚަމްތަކެއްކަން ބުނެދޭން ނޭނގޭ ކަމަށް ވެސް އެމީހާ ބުންޏެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ޓީމެއް ދަނީ ފުށިވެލާވަރުގައި ހަރަކާތްތެރިވަމުންނެވެ.