ޖެމެއިކާގައި މިހާރު ތަމްރީންތަށް ކުރިޔަށްގެންދާ ރާއްޖޭގެ ދެ އެތުލީޓުން ކަމަށްވާ އަޒްނީމް އަހުމަދާއި، ހަސަން ސާއިދު، ޖެމެއިކާގެ ކިންގްސްޓަންގައި މިއަދު ކުރިޔަށްދާ ޖޭއޭއޭއޭ އޯލްކަމާސް މީޓް 2ގައި، ވާދަކުރާނެ ކަަމަށް އެތުލެޓިކްސް އެސޯސިއޭޝަނުން ބުނެފި އެވެ.

އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކެރެޓަރީ އަހުމަދު މުންތަގިމް ވިދާޅުވީ، މުބާރާތުގައި ހަސަން ސާއިދު ވާދަކުރާނީ 400 މީޓަރު ދުވުމުގައި ކަމަށާއި އަޒްނީމް އަހުމަދު ވާދަކުރާނީ، 100 މީޓަރު ދުވުމުގައި ކަމަށެވެ.

އޯލްކަމާސް މީޓް އެކެއްގައި އިންޖަރީގެ ސަބަބުން އަޒްނީމް އަށް ވާދަނުކުރެވުނު ނަމަވެސް ސާއިދު ވަނީ އެމުބާރާތުގައި ވާދަކޮށް ރާއްޖޭގެ 400 މީޓަރު ދުވުމުގެ ގައުމީ ރިކޯޑް ހަދާފައެވެ. އެހެން ނަމަވެސް މިއަދުގެ ދުވުމަށް އަޒްނީމް 100ޕަސެންޓް ފިޓް ނުވާކަމަށް އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

އަޒްނީމަކީ އެންމެ ފަހުން ލަންޑަނުގައި ބޭއްވި ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތް ކަމަށްވާ އޮލިމްޕިކްސް އިވެންޓުގެ 100 މީޓަރު ދުވުމުގެ ޕްރިލިމިނަރީ ބުރުން ކޮލިފައިވި ރާއްޖޭގެ ހަމައެކަނި އެތުލީޓެވެ.

އަދި ސާއިދަކީ އެންމެ ފަހުން ބޭއްވި އިންޑިއަން އޯސަން ގޭމްސްގައި ރާއްޖެ ތަމްސީލު ކުރި އެތުލީޓެކެވެ. އެގޮތުން އެ ފަހަރުގެ 100 މީޓަރުގެ ފުރަތަމަ ހީޓްގައި ސާއިދު އަށް ރޭސް ނިންމާލެފައި ވަނީ 11.22 ސިކުންތުންނެވެ.