19 May 2013, 09:15
އިމާދުއްދީން ސްކޫލް ކައިރީ އޮންނަ މާލޭ އެއް ނަމްބަރު ކުނި ކޮށި ސާފުކޮށް އެތަނުގައި ޕާކެއް ހަދަން މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
ގަލޮޅުގައި ދިރިއުޅޭ ގިނަ ބައެއްގެ އެދުމުގެ މަތިން މާލޭ އެއް ނަމްބަރު ކުނިކޮށީގައި ހިތްފަސޭހަ ޕާކެއް ހަދަން ނިންމީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ބޭއްވި އެ ސިޓީ ކައުންސިލް ބައްދަލުވުމުގެ އަގުލަބިއްޔަތުންނެވެ.
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އިބްރާހީމް ސުޖާއު ސަންއަށް ވިދާޅުވީ ގަލޮޅުގައި މިހާރު އެކަށީގެންވާ ވަރަށްވުރެ ގިނައިން ފްލެޓް ތަކާއި، އެހެނިހެން އިމާރާތްތައް ވެސް އެބަހުރި ކަމަށާއި، އޭގެ ސަބަބުން ގަލޮޅު މިހާރު ވަނީ ފުރި ބާރުވެ ތޮއްޖެހިފައި ކަމަށެވެ. އަދި އެ ސަރަހައްދަކީ މާލޭގެ މެދަށް ވެފައި އެ ސަރަހައްދު ތަރައްގީ ކޮށްފައި އޮތް ގޮތުން މީހުން ހިތްހަމަ ޖައްސާލަން މަޑުކޮށްލައިގެން ތިބޭނެ ތަންތަން ވެސް ވަރަށް މަދު ކަމަށެވެ. އަދި ވިދާޅުވީ ދެން އިތުރަށް ގަލޮޅުގައި ހުރި ހުސް ބިން ތަކުގައި އިމާރާތް ކުރާން އެ ކައުންސިލުން ބޭނުން ނުވާ ކަމަށެވެ.
"ގަލޮޅަކީ މިދިޔަ ސަރުކާރު ބަދަލުވި އިރު ވެސް އެންމެ ގިނަ ފްލެޓް އަޅާ އެންމެ މީހުން އާބާދު ކޮށްފައިވާ އަވަށް. އޭގެ ސަބަބުން ކްރައިމް ރޭޓްވެސް ވަރަށް ހައިވެފައި މި އޮތީ މި ސަރަހައްދުގައި. އަނެއްކާ އެއްވެސް ކަހަލަ އެންޓާޓެއިންމަންޓް ކުޅިވަރެއް ކުޅޭނެ ބިންކޮޅެއް ހުސް ޖާގައެއް ނެތް. ގަލޮޅު ތަރައްގީ ކޮށް ނިންމި އިރު މި އޮތީ އެ ގޮތަށް ތަރައްގީ ކޮށްފައި. އެހެންވީމައި އަޅުގަނޑުމެންގެ ޑިމާންޑަކީ ދެން ބޭނުމެއް ނޫނޭ ގަލޮޅުގައި އިތުރަށް އިމާރާތް ކުރާ ކަށެއް،" ސުޖާއު ވިދާޅުވި އެވެ.
ސުޖާއު ވިދާޅުވީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި އެ ތަނަށް ކުނި އެޅުން ހުއްޓާލާނެ ކަމަށާއި، އަދި އެއަށްފަހު އަންނަ އަހަރުގެ ބަޖެޓުގައި އެތަން ތަރައްގީ ކުރުމަށް ބޭނުންވާނެ ފައިސާ ހިމަނާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެ ސަރަހައްދު ޕާކަކަށް ހެދުމުގެ މަސައްކަތް ކުރާނީ ސިޓީ ކައުންސިލުން އެ ކައުންސިލްގެ މެންޑޭޓުގެ ތެރެއިން ކަމަށެވެ. އަދި ވިދާޅުވީ އެ ސަރަހައްދުގެ ބޮޑު ކަމުން މުޅި ޕާކުގެ މަސައްކަތަށް ގާތް ގަނޑަކަށް ހަތަރު މިލިއަށް ރުފިޔާ ޚަރަދުވާނެ ކަމަށެވެ.
"އަސްލު މިއީ ގަލޮޅު ރައްޔިތުންގެ އެދުމުގެ މަތިން ކުރަން ނިންމި ކަމެއް. ދެން އަޅުގަނޑުމެން ބެލި ބެލުމުގައި އެ ތަނަށް ސަރުކާރުން ޚަރަދު ކުރަން ޖެހޭނީ ގާތް ގަނޑަކަށް ތިނެއް ނުވަތަ ހަތަރު މިލިއަނެއްހާ ރުފިޔާ. އެތަނަކީ އިމާރާތް ކުރާ ތަނެއް ނޫން. އެތަން ޖެހެނީ ފަސްގަނޑު އެއްވަރު ކޮށްފައި ގަސް އިންދާފައި، އަދި ވަށައިގެން އެ ތަނުގައި ގޮނޑިތައް ޖެހުމާއި، އެ ކަހަލަ ކަންކަން،" ސުޖާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ތަނުގައި ޕާކެއް ހަދަން ގަލޮޅުގެ ރައްޔިތުން ބޭނުންވާ ކަމަށް ހައުސިން މިނިސްޓްރީ އަށާއި ސަރުކާރުގެ އެހެނިހެން ވުޒާރާ ތަކުގެ އިތުރުން މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ހުރިހާ ކެނޑިޑޭޓުންނަށް ވެސް މިހާރު އެކަން އަންގަމުންދާ ކަމަށާއި، އެ ކަމާއި ދެކޮޅަށް މަސައްކަތްކުރާ ކެނޑިޑޭޓަކާއި މެދު ގަލޮޅު ރައްޔިތުން ވިސްނާނެ ކަމަށެވެ.
"ގަލޮޅުގެ ރައްޔިތުން ބޭނުންވަނީ އެ ތަނުގައި ހިތްފަސޭހަ ޕާކެއް ހަދަން. އެހެންވީމަ ސަރުކާރުން ވެސް އަދި ސިޔާސީ ބޭފުޅަކުވެސް ވައުދުވެވަޑައި ނުގަންނަވާށޭ އެ ތަނުގައި ސްކޫލް އަޅަން ނޫނީ އިމާރާތް ކޮށް އެތަން ފުރާލަން. އެހެންވީމަ އަޅުގަނޑުމެން މި ދަނީ ސިޓީ ފޮނުވަމުން ރައީސް މައުމޫނަށް، ރައީސް ނަޝީދަށް، ރައީސް ވަހީދަށް، ގާސިމް އިބްރާހީމް އަށް، ތަސްމީން އަލީއަށް. މި އެންމެންނަށް މި ދަނީ އަންގަމުން އެ ތަނުގައި އިމާރާތް ކުރާން އިތުރަށް ވައުދުވެ ވަޑައި ނުގަންނަވާށޭ. އަޅުގަނޑުމެންނަށް މި ގޮތަށް މިކަން ކުރުމަށް އެއްބާރުލުން ދެއްވާށޭ. އެ ނޫން ގޮތަކަށް ކަންތައް ކުރައްވާ ވެރިޔަކާއި ދޭތެރޭ ގަލޮޅުގެ ރައްޔިތުން ވިސްނުމަށް އަޅުގަނޑުމެން އެންކަރޭޖްވެސް ކުރާނަން،" ސުޖާއު ވިދާޅުވިއެވެ.
މާލޭ އެއްނަމްބަރު ކުނިކޮށީގައި ޕާކެއް ހެދުމަށް ސިޓީ ކައުންސިލުން ނިންމުމާއި ގުޅިގެން އެކަމާއި ގުޅޭ ގޮތުން ސުވާލު ކުރުމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެކަމާއި ގުޅޭ ގޮތުން އެ މިނިސްޓްރީއާ މަޝްވަރާ ކޮށްފައި ނުވާ ކަމަށާއި، އެހެން ކަމުން އަދި އެކަމާއި ގުޅޭގޮތުން އެއްވެސް އެއްޗެއް ވިދާޅުވާން ބޭނުންފުޅު ނުވާ ކަމަށެވެ.
އޭނާ ވިދާޅުވީ ނަމަވެސް އެ ސަރަހައްދުގައި ބޮޑެތި އިމާރާތް ތަކެއް ކުރުމަކީ އެހާ ރަނގަޅުކަމެއްގެ ގޮތުގައި އެ މިނިސްޓްރީން ވެސް ނުދެކޭ ކަމަށެވެ. އަދި މާލޭގައި ހުސްބިންތައް ބަހައްޓަން ޖެހޭ ކަމަށާއި، އޭގެ އިތުރުން ގްރީން އޭރިޔާތައް ވެސް މާލޭގައި އިތުރު ކުރަން ޖެހޭ ކަމަށް ދެކިލައްވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެއްނަންބަރު ކުނި ކޮށީގައި ކުރާނެ ވަކި ކަމެއް އަދި އެ މިނިސްޓްރީން ނިންމާފައި ނުވާއިރު ސިޓީ ކައުންސިލުން އެފަދަ ކަމެއް ކުރުމުގެ ކުރިން އެ މިނިސްޓްރީއާ މަޝްވަރާކޮށް އެކަމުގެ ހުއްދަ ގާނޫނުގައިވާ ގޮތުގެ މަތީން ހޯދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި އެ ތަން ބޭނުންކުރާނީ ވަރަށް ވިސްނުމަށްފަހު އެންމެ ފައިދާހުރި ގޮތަކަށް ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.