މިދިޔަ އަހަރުގެ ފަހުކޮޅު އުސްފަސްގަނޑުގައި ބޭއްވި ޖަލްސާއެއްގައި އެމްޑީޕީއާ ގުޅުމަށް ކުދި ޕާޓީތަކަށް ކުރީގެ ރައީސް ނަޝީދު ގޮވާލެއްވި އެވެ. ޕީޕީއެމްގެ ޕްރައިމަރީއަށް ނަން ހުށަހެޅުއްވި ދުވަހު އަބްދުﷲ ޔާމިން ވެސް ގޮވާލެއްވީ އެ ޕާޓީއާ ކޯލިޝަން ހެދުމުގެ ދޮރު ބަންދުނުވާ ކަމަށެވެ. ހުރިހާ ޕާޓީތަކުން ޕީޕީއެމަށް ބައިޔަތު ހިއްފުމަށް ޔާމިން އެދުވަހު ގޮވާލެއްވި އެވެ. ނަމަވެސް ރިޔާސީ އިންތިހާބު ކައިރިވެ، ޕާޓީތަށް "ކޮޅުކޮޅަށް ބެހުމުން" ބޮޑު ދެ ފިކުރަށް ކުދި ޕާޓީތަކުގެ ތާއިދެއް ނުލިބުނެވެ. ދެން ބުނަން ފެށީ ކޯލިޝަން ހެދުމަކީ ރިޔާސީ ނިޒާމެއްގައި "ވިޔާނުދާ ކަމެއް" ކަމުގަ އެވެ. ނަމަވެސް މިކިޔާ އެއްޗެއް ދިމާވޭތޯ އެވެ.

ރައީސް ޑރ. ވަހީދުގެ ކޯލިޝަންގައި ރާއްޖޭގައި ތިން ވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީ ޑީއާރްޕީ އާއި ކުޑަ ޕާޓީއެއް ނަމަވެސް ނުފޫޒް ގަދަކަމަށް ބެލެވޭ އަދާލަތު ޕާޓީއިން ވަނީ ބައިވެރިވެފަ އެވެ. އެ ޕާޓީތަކުގެ ކޯލިޝަންއާ އެކީ މިއަދު ރާއްޖޭގެ ސިޔާސީ މައިދާނުގައި އެންމެ ބޮޑަށް ދެކެވިގެންދާ އެއް ވާހަކައަކީ ކޯލިޝަން ހެދުމަކީ ރިޔާސީ ނިޒާމެއްގައި އޮންނަކަމެއް ނޫން ކަމަށް ބުނެ ކުރެވޭ ބަހުސްތަކުގެ ވާހަކައެވެ. އެ ބަހުސްތައް އެންމެ ބޮޑަށް ކުރަމުންދަނީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި އެއްވެސް ޕާޓީއަކާއި ނުގުޅޭނެ ކަމަށް ބުނާ އެމްޑީޕީ އާއި ޕީޕީއެމްގެ ލީޑަރުނެވެ.

ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވި ގޮތުގައި ކޯލިޝަން ހެދުމަކީ ރިޔާސީ ނިޒާމުގެ ސިފައެއް ނޫނެވެ. އަދި ކޯލިޝަން ހެދުމަކީ ބަރުލަމާނީ ނިޒާމުގެ ސިފައެއް ކަމަށާއި ރާއްޖޭގައި ރިޔާސީ ނިޒާމެއް އޮންނައިރު ހަގީގީ ރިޔާސީ ނިޒާމެއްގައި އޮންނަނީ ކޮންމެ ޕާޓީ އަކުން ވަކި ވަކީން ރިޔާސީ އިންތިޚާބުގައި ވާދަ ކޮށްގެން ނަތީޖާއެއް ނެރުން ކަމަށް ރައީސް މައުމޫން ވިދާޅުވެފައިވެ އެވެ.

"އަސްލުގައި ކޯލިޝަން ހެދުމަކީ ރިޔާސީ ނިޒާމުގެ ސިފައެއް ނޫން. ރިޔާސީ ނިޒާމުގައި މި އޮންނަނީ ކޮންމެ ޕާޓީއެއް ވަކިވަކީން ވާދަ ކުރާން. އެމެރިކާގައި ކޯލިޝަނެއް ހެދި ވާހަކަ ދުވަހަކުވެސް އަޑު އެހިންތޯ. އެއީ ރިޔާސީ ނިޒާމުގެ އެންމެ ފުރިހަމަ މިސާލު އޮތް ތަން. އެހެންވީމަ ކޯލިޝަން ހެދުމަކީ ބަރުލަމާނީ ނިޒާމުގެ ސިފައެއް،" މައުމޫން ވިދާޅުވި އެވެ.

ރައީސް މައުމޫން އެމޭރުމުން ވާހަކަފުޅު ދައްކަވާފައިވާއިރު އެމަނިކުފާނު ކޯލިޝަން ނަހައްދަވާތޯ އެވެ. ތާރީހު އެކަމަށް ހެކިދެ އެވެ. މިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް މައުމޫން ވާދަކުރެއްވިއިރު އެމަނިކުފާން ކޯލިޝަނެއް ހެއްދެވި އެވެ. ކޮއްކޯފުޅު ޔާމިންގެ ލީޑަރަކަށް ހުންނެވި އޭރުގެ ޕީޕަލްސް އެލަޔަންސް (ޕީއޭ)އާއި ޑީއާރްޕީން ކޯލިޝަނެއް ހެދި އެވެ. އަދި ރައީސް މައުމޫނަށް ވެރިކަމުގެ އިތުރު ދައުރެއް ހޯއްދެވުމަށް ކޮއްކޯފުޅުގެ ޕާޓީން މަސައްކަތް ފެށި އެވެ. އެ މަސައްކަތުގައި ފުރަތަމަ ބުރުން 44 ޕަސެންޓްގެ ވޯޓު ހޯދެއްވި އެވެ. އަދި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ އުފެދޭ ސަރުކާރުގެ ގިނަ ބާރުތަކެއް ކޯލިޝަންގައި ހިމެނޭ ޕީއޭއަށް ދިނުމަށް ރައީސް މައުމޫން އެއްބަސްވެފައިވާކަމަށް އޭރު ގިނަ އަޑުތަކެއް ވެސް ފެތުރުނެވެ.

އޭރު ވެސް ރިޔާސީ ނިޒާމެއް ރާއްޖޭގައި އޮތްއިރު ރައީސް މައުމޫން ކޯލިޝަންއަށް ތާއީދުކޮށް، ކޯލިޝަނެއް ހެއްދެވުމަށްފަހު މިއަދު ކޯލިޝަން ހެދުމަކީ ބަރުލަމާނީ ނިޒާމްގެ ސިފައެއްކަމަށް ވިދާޅުވުވަނީ ކީއްވެގެންތޯއެވެ؟

އެމްޑީޕީގެ ޓިކެޓުގައި މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކުރީގެ ރައީސް ނަޝީދު ވިދާޅުވާ ގޮތުގައި ގާނޫނު އަސާސީ ތަންފީޒުކުރާ ނަމަ ރިޔާސީ ނިޒާމެއްގައި ކޯލިޝަންގެ ވާހަކައެއް ނުދެއްކޭނެ އެވެ. އަދި ސިޔާސީ ޕާޓިތައް ކޯލިޝަން ހެދުމަށް ފާޑުވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވީ ކޯލިޝަނެއްގެ ވެރިކަމެއްގައި ނަމަ އެ ވެރިކަމުގެ ތެރޭގައި ބައިބައިވުން އުފެދޭނެ ކަމަށެވެ.

"ގާނޫނު އަސާސީ އޭގެ ރޫހާ އެއްގޮތަށް ތަންފީޒު ކުރަނީ ނަމަ ރިޔާސީ ނިޒާމެއްގައި އިއްތިހާދުގެ ވާހަކައެއް ނުދެއްކޭނެ. ދައްކަނީ ނަމަ އެއީ ޣައިރުގާނޫނީ ވާހަކައެއް. އެއީ މިގާނޫނު އަސާސީގެ ރޫހު ތަންފީޒު ކުރުމަށްޓަކައި،" ނަޝީދު ވިދާޅުވި އެވެ.

ރިޔާސީ ނިޒާމެއްގައި އިއްތިހާދު ހެދުމަކީ އޮންނަ ކަމެއް ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވާއިރު 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނުކުންނެވީ އަށް ޕާޓީއަކާއެކު "ވަތަންއެދޭ" ގޮތަށެވެ. ދެ ވަނަ ބުރުން އެމްޑީޕީ އިން ކާމިޔާބުކޮށް ރައީސް ނަޝީދު ރައީސް ކަމުގެ ހުވާ ކުރެއްވީވެސް، މިހާރު އޮތް ގާނޫނު އަސާސީގެ ދަށުން ކޯލިޝަނެއްގެ ތެރެއިންނެވެ. ބޮޑު ކޯލިޝަނެއް ހެދުމުން ދެވަނަ ބުރުގައި ރައީސް ނަޝީދަށް ވަނީ އެ އިންތިހާބުގެ 54 ޕަސެންޓް ވޯޓް ކާމިޔާބު ކުރައްވައި، ޕާޓީ ސިސްޓަމްގެ ތެރެއިން ފުރަތަމަ އިންތިހާބީ ރައީސް ކަމުގެ މެޑަލް ޖައްސަވާފަ އެވެ. އެ ކާމިޔާބީގެ "ވަތަންއެދޭ" ބޮޑު ކޯލިޝަނެވެ.

ރާއްޖޭގައި އޮންނަ އެންމެ ބޮޑު ސިޔާސީ ދެ ފިކުރު ކަމަށްވާ އެމްޑީޕީ އާއި ޕީޕީއެމްއިން މީގެކުރިން ކޯލީޝަނެއް ހަދައިގެން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ނަމަވެސް މިއަދު ކޯލިޝަންއަށް ފާޑުކިޔުމުގެ ހަގީގީ ސަބަބަކީ "ތިން ވަނަ ފިކުރުގެ" ފާޅުވެދާނެތީތޯ އެވެ. ހާލަތާއި ގާނޫނު ވެސް މިހާތަނަށް ބަދަލުނުވާއިރު ކޯލިޝަން ހެދުމަކީ ބަރުލަމާނީ ސިފައަކަށް ކުއްލިއަކަށް ވީ ކީއްވެތޯއެވެ؟

ކޯލިޝަނެއް ވާހަކަދައްކާއިރު އަދި އެކަމާ އެމްޑީޕީއިން އާއި ޕީޕީއެމްއިން ފާޑުކިޔަމުންދާއިރު އެ ދެ ޕާޓީއަކީ ކޯލިޝަނެއްގެ ހިތި އަދި ފޮނިކަން ރަނގަޅަށް ތަޖުރިބާކޮށްފައިވާ ދެ ޕާޓީއެވެ. ރައީސް މައުމޫންގެ ދިގު ވެރިކަން ބަދަލުކޮށްލަން އެންމެ ބޮޑު އެހީތެރިކަމެއް ރައީސް ނަޝީދަށް ލިބުނު ފަރާތަކީ ބޮޑު ކޯލިޝަނަކަށް ވާއިރު އެއީ ކޯލިޝަންއެއްގެ ކާމިޔާބީ އަދި ބާރުވެރިކަން ރައީސް ނަޝީދަށް ގަބޫލްކުރެވޭނެ ބޮޑު ހެއްކެކެވެ. އަދި ރައީސް މައުމޫންގެ "ބާރުގަދަ ވެރިކަން" ނިމުމަކަށް ގެނައީ ކޯލިޝަނަކަށް ވާއިރު އެއީ ޕީޕީއެމްއިން ކޯލިޝަނަކާއި ވާދަކުރުމަށް ޖެހިލުންވާނެކަމުގެ އެއް ހެއްކެކެވެ.

ރައީސް ވަހީދު ރިޔާސީ އިންތިހާބަށް ނުކުންނަވަން ބައިޔަތު ހިއްޕަވާ ޕާޓީތަކުގެ މެންބަރުންގެ އަދަދު 35،000 ވުރެ ގިނަ އެވެ. އެއީ 21000 މެންބަރުންގެ ޑީއާރްޕީ އާއި 10،000 ވުރެ ގިނަ މެންބަރުންގެ އަދާލަތު ޕާޓީ އާއި ގައުމީ ޕާޓީގެ 2000 މެންބަރުންނާއި ރައީސް ވަހީދުގެ ޕާޓީގެ 3000 މެންބަރުންނެވެ. މިއީ ބޮޑު ދެ ޕާޓީ ޖެހިލުން ވާވަރުގެ އަދަދަދަށް ވަނީ ބާއެވެ؟

ކޯލިޝަނަކީ މީގެ ކުރިން އެމްޑީޕީއިން ވެސް އަދި ޕީޕިއެމްއިން ވެސް ތާއީދުކުރި ގޮތަކަށްވާއިރު މިއަދު އެ ދެ ޕާޓީއަށް ކޯލިޝަން ކަމުނުދިޔުމުން އުފެދޭ ސުވާލަކީ ހަގީގަތުގައި ޑރ. ވަހީދުގެ ކޯލިޝަންއިން އެބުނާ "ތިން ވަނަ ފިކުރު" ދެކެ އެ ދެ ޕާޓީއިން ޖެހިލުން ވަނީ ބާއެވެ. އަދި އެމްޑީޕީއިން ބުނާ "އެއްބުރުން" ކާމިޔާބް ކުރުމަށް ވާނެ އެންމެ ބޮޑު ހުރަހަކީ ކޯލިޝަން ކަމަށް އެ ޕާޓީއަށް ގަބޫލު ކުރެވެނީތޯ އެވެ؟ ނުވަތަ ރައީސް މައުމޫންގެ ފިކުރަށްވުރެ ރައީސް ޑރ. ވަހީދުގެ ފިކުރު ކުރިއަރާނެ ފާނެ ކަމަށް ބެލެނެވެނީބާވަ އެވެ؟