މީޑިޔާއަކީ ޑިމޮކްރަސީގެ މުހިންމު ގުނަވަނެއްކަން ގަބޫލު ކުރުމަށް މޯލްޑިވްސް މީޑިޔާ ކައުންސިލުން ސަލާމަތީ ބާރުތަކަށް ގޮވާލައިފި އެވެ.


 ރޭ މާލޭގައި ބޭއްވި މުޒާހަރާ ކަވަރުކުރަން އުޅުނު ނޫސްވެރިނަށް ފުލުހުން ހުރަސް އަޅައި ހާލަތާ ނުބައްދަލު މިންވަރަށް ބާރުގެ ބޭނުންކޮށް ބޮޑެތި ޖިސްމާނީ އަނިޔާ ދީފައިވާތީ ހަރުކަށި އިބާރާތުން އެ އައަމަލު ކުށްވެރި ކުރާ ކަމަށް މީޑިޔާ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.


ކައުންސިލު ބުނީ ދައުލަތުގެ ހުރިހާ މުއައްސަސާތަކަކީ ވެސް މީޑިޔާއާ ރަހުމަތެރި ތަންތަން ކަމަށް ހެދުމުގެ މުހިއްމުކަން ގުޅިފައި ވަނީ ޑިމޮކްރެޓިކް ވެއްޓެއް ބިނާ ކުރުމުގެ މުހިންމު މަސައްކަތެއް ކަމަށާއި މީޑިއާ އާ ކުރިމަތިލުމުގައި ފުލުހުން ރޭ ދެއްކި ހަރުކަށި ކަމަކީ ރާއްޖޭގެ ޑިމޮކްރަސީގެ ލަފަތުގައި މިނިވަން މިޑިޔާއެއް ގާއިމު ވުމުގެ މަގުސަދު  ހާސިލު ކުރުމަށް އެ ކައުންސިލުން ކުރާ މަސައްކަތަށް ކުރިމަތިވެ ގޮންޖެހުމެއް ކަމަށެވެ.


މީޑިއާ އަށް އިހުތިރާމް ކުރުމަށާޢި މީޑިއާ އަކީ ޑިމޮކްރަސީގެ މުހިންމު ގުނަވަނެއް ކަމަށް ގަބޫލު ކުރުމަށް ކައުންސިލުން ގޮވައިލައި ބުނެފައި ވަނީ ނޫސްވެރިންގެ ގާނޫނީ ގައްގު އަދާކުރުމަށް ލިބިދޭން ޖެހޭ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށް ދިނުމަށް ސަލާމަތީ ބާރުތަކަށް އިލްތިމާސް ކުރާ ކަމަށެވެ.


މީޑިޔާ ކައުންސިލުގެ ނޫސްބަޔާނުގައިވާ ގޮތުގައި ރޭގެ މުޒަހަރާގެ ތެރޭގައި ނޫސްވެރިންނާ މެދު ހިންގި އަމަލުތައް، އެ ކޮމިޝަނަށް ލިބިފައިވާ ގާނޫނީ ބާރުގެ ދަށުން ބަލައި ތަހުގީގުކުރަމުންދޭނެ ކަމަށެވެ.