19 May 2013, 00:36
ނ. އަތޮޅުގައި ރިސޯޓެއްގެ ގޮތިގައި ތަރައްގީ ކުރަމުން ގެންދާ ފުށިވެލާވަރު ގައި ބިދޭސީންނާއި ދިވެހީންގެ މެދުގައި ހިންގި މާރާމާރީއެއްގައި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފުށިވެލާވަރުގައި މާރާމާރީ ހިންގައިގެން އުޅޭ ކަމުގެ މައުލޫމަތު ލިބިގެން ފުލުހުން މިހާރު އެރަށުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ފުށިވެލާވަރުން ވާހަކަދެއްކި މީހަކު ބުނީ މިރޭ 8:15 އެހައިކަންހާއިރު އެ ހާދިސާ ހިނގީ ކެއުން ނިންމާލުމަށް ފަހު ދެ ދިވެހީން ކާކޮޓަރިން ނުކުތްވަގުތު ދޮރުކައިރީ ތިބި ބިދޭސީންތަކެއްގެ ކޮނޑުގައި ޖެހިގެން އެ މީހުން އެކަމާ ހިތްހަމަ ނުޖެހިގެން ކަމަށެވެ.
އޭނާ ބުނީ ހަތަރު ބިދޭސީން ބައިވެރިވެގެން ދޮޅު އިންޗީގެ ދަގަނޑު ހޮޅިބުރިއަކުން ދެ ދިވެހީންގެ ގައިގެ އެކި ތަންތަނަށް ހަމަލާދީފައިވާ ކަމަށެވެ. ނަމަވެސް އެ ސަރަހައްދު އަނދިރިކަމުން ލިބުނީ ކޮން ޒަޚަމްތަކެއްކަން ބުނެދޭން ނޭނގޭ ކަމަށް ވެސް އެމީހާ ބުންޏެވެ.
"މިރޭ 8:15 އެހައިކަންހާއިރު މިކަން ހިނގާފައި ވަނީ. ވީގޮތަކީ ދިވެހީންގެ ދެ މީހުން ކައި ނިމިގެން ކާ ކޮޓަރިން ނުކުމެގެން ދިޔަ ވަގުތު ދޮރުކުރިމަތީގައި ތިބި ބަނގްލަދޭޝްގެ ރައްޔިތުންތަކެއްގެ ކޮނޑުމަތީގައި އޮޅުކަމުން ޖެހުނީ. ދެން އެކަމާ ހިތްހަމަ ނުޖެހިގެން އެ މީހުން ޒުވާބުކޮށް ހަޅޭލައްވައި އެންމެ ފަހުން ހަތަރު ބަނގުލަދޭޝްގެ ރައްޔިތަކު ވެގެން ދޮޅު އިންޗީގެ ދަގަނޑު ހޮޅިބިރިއަކުން ދެ ދިވެހީންގެ ގައިގެ އެކިތަންތަންތަނުގައި ތަޅައި މާރާމާރީ ހިންގީ. އެވަގުތު އެ ސަރަހައްދު އަނދިރިކަމުން އަޅުގަނޑަކަށް ނޭނގެ ލިބުނީ ކޮން ޒަޚަމްތަކެއް ކަމެއް،" އެ މީހާ ބުންޏެވެ.
އެ މާރާމާރީ ހިންގުމަށް ފަހު އެ ހަތަރު ބިދޭސީން ފިލިކަމަށާއި އޭގެފަހުން ދިވެހީން ނުކުމެ އެކަމާ އިހްތިޖާޖުކޮށް ނުރުހުން ފާޅުކުރަން ފެށުމުން އެތަނުގެ ސެކިއުރިޓީންގެ ބެލުމުގެ ދަށަށް އެ ހަތަރު ބިދޭސީން ގެންދިޔަ ކަމަށް ވެސް އެމީހާ ބުންޏެވެ.
އެ ހާދިސާ ހިނގި ކަމުގެ މައުލޫމާތު ވަގުތުން ފުލުހުންނަށް ރިޕޯޓު ކުރި ކަމަށާއި ނަމަވެސް ފުލުހުން އެރަށަށް ދިޔައީ ތަކުރާރުކޮށް ގުޅައި އާދޭސް ކުރުމުން ކަމަށް ވެސް އެމީހާ ބުންޏެވެ.
"މިކަން ހިނގުމާ އެކު ވަގުތުން އަޅުގަނޑު ގުޅިން ނ. ހޮޅުދޫ ޕޮލިސް ސްޓޭޝަނަށް. ސަބަބަކީ ހޮޅުދޫން މިރަށަށް އާދެވޭނެ 10 މިނެޓުން. އަޅުގަނޑު ގުޅީމަ ހޮޅުދޫ ޕޮލިސް ސްޓޭޝަންގެ ފުލުހުން ވިދާޅުވަނީ ވައިގަދަކަމުން އާދެވޭކަށް ނެތޭ. ދެން އަޅުގަނޑު ގުޅީ ނ. މަނަދޫ ޕޮލިސް ސްޓޭޝަނަށް އެތަނުގެ ފުލުހުން ވެސް މިރަށަށް އައުމަށް އެއްބަހެއް ނުވި. ދެން އަޅުގަނޑު މިތަނުގެ މެނޭޖްމަންޓަށް ގުޅައި ޝަކުވާ ކުރިން. އެވަރުން ނުވެގެން މާލޭގައި ހުންނަ ފުލުހުންގެ މައި އިދާރާއަށް ގުޅައި އާދޭސް ދެންނެވިން. އެހާހިސާބުން ފުލުހުން އެއްބަސްވީ މިރަށަށް އަންނަން. ބައްލަވާ މިރޭ 8:15 ހާއިރު ހިނގި މާރާމާރީއެއް އެކަމަކު ފުލުހުންނަށް މިރަށަށް އާދެވުނީ މިރޭ 11:50 އެހައިކަންހާއިރު،" އެމީހާ ބުންޏެވެ.
އޭނާ ބުނީ އަނިޔާ ލިބުނު މީހުން ތިބީ އެތަނުގެ ފަސްޓްއެއިޑް މީހުންގެ ބެލުމުގެ ދަށުގައި ކަމަށާއި އެ މީހުން ސިއްހީމަރުކަޒަކަށް ފޮނުވާލެވޭނީ ފުލުހުން އަންގާ ގޮތެއްގެމަތިން ކަމަށް އެތަނުގެ މެނޭޖްމަންޓުން ބުނެފައިވާކަމަށެވެ.
އެރަށަކީ ގަވާއިދާ ޚިލާފަށް މަސައްކަތް ކުރާ ގިނައަދަދެއްގެ ބިދޭސީން އުޅޭ ރަށެއް ކަމަށާއި ނަމަވެސް ތަކުރާރުކޮށް ކަމާބެހޭ ފަރާތްތަކަށް އެ ޝަކުވާ ހުށަހެޅުމުން އެ މީހުންނާ މެދު ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް ވެސް އެމީހާ ބުންޏެވެ.
އޭނާ ބުނީ ގަވާއިދާ ޚިލާފަށް އުޅޭ 600 ވަރަކަށް ބިދޭސީން އެރަށުގައި އުޅޭ ކަމަށާއި ޓޫރިސްޓު ވިސާގައި އައިސްއުޅޭ ޗެކްރިޕަބްލިކްގެ މީހުން އާމްދަނީ ހޯދުމަށް އެރަށުގައި މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
"ޓޫރިސްޓު ވިސާގައި ރާއްޖެ އައިސް އުޅޭ ޗެކްރިޕަބްލިކްގެ ރައްޔިތުންތަކެއް މިރަށުގައި އާމްދަނީ ހޯދުމުގެ ގޮތުން މަސައްކަތް ކުރަމުން އެބަގެންދޭ. އެއީ ގަވާއިދާ ޚިލާފަށް ކުރާ ކަމެއް ދެއްތޯ؟ ގަސް އިންދުމާއި މުށިޖެހުން ފަދަ އާދައިގެ މަސައްކަތް ކޮށްގެން އެމީހުން ގެންދަނީ އާމްދަނީ ހޯދަމުން،" އެމީހާ ބުންޏެވެ.
މިކަމާ ބެހޭގޮތުން އެތަނުގެ އިސް ބޭފުޅެއްކަމަށްވާ މުހައްމަދު ހަސަން އަށް ގުޅާލުމުން ވިދާޅުވީ މައުލޫމާތު ދެވޭނީ ފުލުހުން ތަހުގީގު ކުރުމުން ކަމަށެވެ.