އެމްޑީޕީގެ ދަނޑުވެރިކަމުގެ ސިޔާސަތު އިފްތިތާހު ކޮށްފި އެވެ.

"އެގްރިވިޔަފާރި, ހެއްދި އެތިކޮޅު ދޭ ކިރާލަން، ވަގުތުން ފައިސާ ދޭ" މި ނަމުގައި ހދ. ކުޅުދުއްފުށީގައި ބޭއްވި ރަސްމީއްޔާތުގައި ދަނޑުވެރިކަމުގެ ސިޔާސަތު ރަސްމީކޮށް އިފްތިތާހް ކޮށްދެއްވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެވެ.

ދަނޑުވެރިކަމުގެ ސިޔާސަތު އިފްތިތާހު ކޮށްދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަކީ ދަނޑުހައްދައިގެން ދިރި އުޅެމުން އަންނަ ބައެއް ކަމަށާއި އެމްޑީޕީން ހުށަހަޅާ އެ ސިޔަސާތުގެ ބޭނުމަކީ ވިޔަފާރިއެއްގެ ގޮތުގައި ދަނޑުވެރިކަން ކުރެވޭނެ ގޮތް ތަނަވަސްކޮށްދިނުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ދަނޑުވެރިކަމުގެ އެންމެ މުހިއްމު ބަޔަކީ ހައްދާ އެތިކޮޅު ވިއްކާލާފައި ވަގުތުން ފައިސާ ލިބޭނެ އިންތިޒާމް ހަމަޖެހިގެން ދިއުން ކަމަށެވެ. އެހެންކަމުން ދަނޑުވެރިން ހައްދާ ތަކެތި ގަންނާނެ ކުންފުންޏެއް އެމްޑީޕީގެ ސަރުކާރެއްގައި އުފައްދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އެމްޑީޕީގެ ސަރުކާރުން އުފައްދާ އެ ކުންފުންފުނި ރަނގަޅަށް ހިނގައިގަނެ ފައިދާވާން ފެށުމުން ކުންފުނީގެ ހިއްސާ އާންމު ރައްޔިތުންނަށާއި އަމިއްލަ ކުންފުނިތަކަށް ވިއްކުމަކީ އެމްޑީޕީގެ އަމާޒެއް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

"އެމްޑީޕީގެ ސަރުކާރުގެ އަމާޒަކަށް ވާނީ ބިންބޮޑު ރަށްރަށުގައި ދަނޑުތައް ހަދައި ދިގު މުއްދަތަކަށް ރައްޔިތުންނަށް ފޯރުކޮށްދިނުން. އަދި ދަނޑުގައި ހައްދާ ތަކެތި ސަރުކާރުން ގަންނަ ފެށުން. ދަނޑުވެރިކަމުގެ މަސައްކަތުގެ ތެރޭގައި ތަމްރީނާއި އެކީގައި އެކަމުގައި މަސައްކަތް ކުރާނެ މީހުން ނުލާހިކު ބޭނުންވާނެ. އެމްޑީޕީގެ އަމާޒަކީ ހުނަރު ހުރި މީހުން މިދާއިރާއަށް ނެރުން. އެމްޑީޕީ ދެކޭ ގޮތުގައި ހަމައެކަނި ދަނޑު ހައްދައިގެން މިކަން ވާކަށް ނެތް. ދަނޑުވެރިކަން ކޮށް ކުރިއެރުވުމަށް މާކެޓެއް ބޭނުންވޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ސަރުކާރުން އުފައްދާ ކުންފުނިން ދަނޑުވެރިންގެ އަތުން ގަންނަ ތަކެތި ރާއްޖޭގެ އެކި ރަށްތަކަށް ގެންގޮސް ވިއްކުމަށްޓަކައި "އެގްރި ބޯޓު" ނަކަމަށް ކިޔާ ބޯޓެއް އޮންނާނެ ކަމަށާއި އެ ބޯޓުގެ މަގުސަދަކީ ކަލެކްޓާވެސެލް އެއްގެ ގޮތުގައި މަސައްކަތް ކުރުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ދަނޑުވެރިކަމުގެ ވިޔަފާރީގެ ސިޔާސަތުގެ ސަބަބުން ރާއްޖެއަށް އެތެރެކުރާ ދަނޑުގޮވާމުގެ ބާވަތްތައް 44 ޕަސެންޓަށް ދައްވެގެން ކަމަށެވެ. އަދި ރާއްޖޭގައި އުފައްދާ ތަކެތި ހެޔޮއަގުގައި ލިބޭނެ ގޮތް ހެދުމަށްޓަކައި ރާއްޖެއިން ބޭރުން އެތެރެ ކުރާ ދަނޑުވެރިކަމުގެ ބާވަތްތަކުގެ ޑިއުޓީއަށް ބަދަލުތަކެއް ގެންނާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.