އިނގިރޭސި ވިލާތުގެ ކުރީގެ ކެޕްޓަން އަދި މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ތަރި ޑޭވިޑް ބެކަމް އަށް ވަރަށް ބޮޑަށް ތައުރީފު ކޮށް ބެކަމް އަކީ އާދަޔާ ހިލާފު މީހެއްގެ ގޮތުގައި ޔުނައިޓެޑްގެ ކޯޗް ސާ އެލެކްސް ފާގަސަން ސިފަކޮށްފިއެވެ.

މިހާރު ފްރާންސްގެ ޕެރިސް ސެއިންޓް ޖާމިއަން (ޕީއެސްޖީ)ގެ މިޑްފީލްޑަރަކަށް ކުޅޭ އުމުރުން 38 އަހަރުގެ ބެކަމް މިހާރު ވަނީ މި ސީޒަނަށްފަހު ކުޅުން ހުއްޓައިލާނޭ ކަމަށް ބުނެފައެވެ. ފާގަސަންގެ ކޯޗުކަމުގައި ބެކަމް، މެންޗެސްޓާ ޔުނައިޓެޑަށް 11 އަހަރު ދުވަހު ކުޅެދީފައި ވެއެވެ.

ބެކަމްއާ ބެހޭގޮތުން ފާގަސަން ބުނެފައިވަނީ ބެކަމްއަކީ ކޮންމެ ތަނެއްގައި ކުޅުނު ކަމުގައި ވީނަމަވެސް އޭނާ އަމިއްލަޔަށް އެތަނެއްގައި މަޝްހޫރުކަން ހޯދުމުގެ ހައިރާން ކުރުވަނިވި ގާބިލުކަމެއް ލިބިފައިވާ އާދަޔާ ހިލާފު ޝަހުސިއްޔަތެއް ކަމަށެވެ.

"ބެކަމް އެމެރިކާއަށް ދިޔުމުން މިއުޅޭ އެކަކުވެސް ގަބޫލެއް ނުކުރޭ އޭނާއަށް ފުޓްބޯޅައިގައި ދެން އިތުރަށް ކުރިއަށް ދެވިދާނޭ ކަމަކަށް. އެހެނަސް އޭނާވަނީ އެތަނުގައިވެސް މޮޅަށްކުޅެފައި އެނބުރި އައިސް، އޭސީ މިލާން، އަދި ޕީއެސްޖީގެ ޔޫރަޕިއަން މެޗުތަކުގައި ކުޅެފައި،" 2007 ވަނަ އަހަރު އެމެރިކާގެ އެލްއޭ ގެލެކްސީއަށް ބަދަލުވި ބެކަމްއާ ބެހޭ ގޮތުން ފާގަސަން ބުންޏެވެ.

އުމުރުން އެގާރަ އަހަރުގައި މެންޗެސްޓާ ޔުނައިޓެޑަށް ބެކަމް ގެނައީ ފާގަސަންއެވެ. ބެކަމްއާ އެކު ޔުނައިޓެޑަށް ގެނައި ކުޅުންތެރިންގެ ތެރޭގައި ރަޔާން ގިގްސް، ޕައުލް ސްކޯލްސް، ގެރީ ނެވީލް އަދި ނިކީ ބަޓް ފަދަ ކުޅުންތެރިން ހިމެނެއެވެ.

ބެކަމް ވަނީ ފާގަސަންގެ އިރުޝާދުގެ ދަށުން މެންޗެސްޓާ ޔުނައިޓެޑްގައި ޕްރިމިއާ ލީގު ހަ ފަހަރު، އެފްއޭ ކަޕް ދެފަހަރު، އެފްއޭ ކޮމިއުނިޓީ ޝީލްޑް ހަތަރު ފަހަރު، އެފްއޭ ޔޫތު ކަޕް އެއްފަހަރު، ޔުއެފާ ޗެމްޕިއަންސް ލީގު އެއްފަހަރު އަދި އިންޓަ ކޮންޓިނެންޓަލް ކަޕް އެއްފަހަރު ކާމިޔާބު ކޮށްފައެވެ.

ބެކަމްއާ ފާގަސަންއާ ދެމެދު މައްސަލަ ޖެހުނީ 2003 ވަނަ އަހަރުގެ އެފްއޭ ކަޕްގައި އާސެނަލް އަތުން ބަލިވި މެޗަކަށްފަހު ޔުނައިޓެޑްގެ ޑްރެސިން ރޫމްތެރޭގައި ފާގަސަން ރުޅިއައިސްގެން ހޫރާލި ބޫޓު ކިބައަކުން ބެކަމްގެ މޫނުމަތީގައި ޖެހުމުންނެވެ. އެ އަހަރު ބެކަމް ވަނީ 24.5 މިލިޔަން ޕައުންޑުގެ ފީއަކަށް ރެއާލް މެޑްރިޑަށް ބަދަލު ވެފައެވެ. އަދި އޭގެ ހަތަރު އަހަރު ފަހުން ބެކަމް ވަނީ އެމެރިކާގެ އެލްއޭ ގެލެކްސީއަށް ބަދަލު ވެފައެވެ. އަދި މިދިޔަ ސީޒަންގައި ގެލެކްސީއަށް ލީގު ހޯދައިދިނުމަށްފަހު ބެކަމް ވަނީ މިފަހަރު ޕީއެސްޖީއަށް ބަދަލުވެ، ޕީއެސްޖީއާއެކު މިދިޔަ ހަފްތާގައި ފްރާންސްގެ ލީގު ވަން ޓައިޓްލް ކާމިޔާބު ކޮށްފައެވެ. އެގޮތުން ބެކަމް ވެގެން ގޮސްފައިވަނީ، ތަފާތު ހަތަރު ގައުމެއްގެ ލީގު ޓައިޓްލް އުފުލާލުމުގެ ޝަރަފް ލިބުނު އިނގިރޭސި ހަމަ އެކަނި ކުޅުންތެރިޔާ އަށެވެ.

ފާގަސަން ފާހަގަ ކުރިގޮތުގައި ބެކަމްއަކީ ހިތްވަރާއި އަޒުމު ވަރުގަދަ މީހެއްގެ އިތުރުން އެންމެ ޅައުމުރުއް ސުރެންވެސް ވަރަށް ބުންވަރުގަދަ ތަރިއެކެވެ. އެގޮތުން އެހެން ކުޅުންތެރިންނާ ހިލާފަށް އެއް ފެންވަރެއްގައި 30ން މައްޗަށް ދިޔައިމަވެސް ބެކަމްއަށް އެ ހިފަހައްޓައި ލެވެނީ އޭނާގެ ބުންވަރު ރަނގަޅު ވުމުގެ ސަބަބުން ކަން ފާގަސަން ފާހަގަ ކުރިއެވެ.

ހުސްވި ހަފުތާގައި ފާގަސަން ރިޓަޔާ ކުރާކަން އިއުލާނު ކުރުމުން ބެކަމްވެސް ވަނީ ފާގަސަންއަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފައެވެ. ބެކަމް ސިފަ ކުރިގޮތުގައި ފާގަސަން އަކީ ފުޓްބޯޅައިގެ "ބައްޕަ"އެވެ. އަދި ފާގަސަންގެ ރިޓަޔަމަންޓާ އެކު ބެކަމްވެސް މިހާރުވަނީ މިސީޒަން ނިމުމުން ފުޓްބޯޅަ ކުޅުން ހުއްޓައިލާނޭކަން އިއުލާނު ކޮށްފައެވެ.

ބެކަމް ބުނީ ދުނިޔޭގެ އެންމެ މޮޅު ކޯޗުގެ އިރުޝާދުގެ ދަށުން ފުޓްބޯޅަ ކެރިއަރު ފެށުމުގެ ޝަރަފް އޭނާއަށް ލިބިފައިވާ ކަމަށާއި އަދި ފާގަސަންއާ ނުލައި މިއަދު އޭނާ ހާސިލުކޮށްފައިވާ ކާމިޔާބުތަކާ ހަމައަށް ވާސިލު ނުވެވުނީސް ކަމަށެވެ.

ފާގަސަން ބުނީ ބެކަމް ކުޅުނމް ހުއްޓާލުމަށް އެނިންމީ ހަމަ އެންމެ ރަނގަޅު ވަގުތުގައި ކަމަށެވެ.

"އަހަންނަށް ހީވަނީ ބެކަމް ކުޅުން ހުއްޓާލަން އެނިންމީ އެންމެ ރަނގަޅު ދަނޑިވަޅުގައިހެން. އޭނާ އެވަނީ މިހާރު ޕީއެސްޖީއާއެކު ލީގު ކާމިޔާބު ކޮށްފައި. އަދި އަހަރެންނެކޭ އެއްގޮތަށް އޭނާވެސް ކުރާނޭ ބައިވަރު މަސައްކަތްތައް އެބަހުރި،" ފާގަސަން ބުންޏެވެ. "އަހަރެމެން އެންމެނަށްވެސް އެނގޭ ފެޝަން އަކީ އޭނާ އެންމެ މުހިއްމު ދައުރެއް އަދާކުރާނޭ އެއް ދާއިރާކަން. އަދިވެސް ބައިވަރު ކަންތައް ހުންނާނެ".

ފާގަސަންގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑަށް އަލަށް ހަމަޖައްސާފައިވާ އެވަޓަންގެ ކޯޗު ޑޭވިޑް މޮއެސްވެސް ވަނީ ބެކަމް އަށް ތައުރީފު ކޮށް ވާހަކަ ދައްކާފައެވެ. މޮއެސް ބުނި ގޮތުގައި ބެކަމް ޕްރިސްޓަން ނޯތު އެންޑަށް ކުޅުނު އިރު ބެކަމްއާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު އޭނާއަށްވެސް ލިބުނު ކަމަށާއި ބެކަމްއަކީ ކޮންމެ މީހަކުވެސް އޭނާއާއެކީ މަސައްކަތްކުރާހިތްވާ ޒާތުގެ ހިތްހެޔޮ ހިންގުންތެރި މޮޅު ކުޅުންތެރިއެކެވެ.