18 May 2013, 17:13
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާ އަންނަ މަހުގެ ފަސް ވަނަ ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.
އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މަތީނު މިއަދު "ސަން" އަށް ވިދާޅުވީ މިއަންނަ މަހުގެ ފަސް ވަނަ ދުވަހު އެ ކުންފުނީގެ އޮފީހުގައި ބޭއްވުމަށް ނިންމާފައިވާ އެ ޖަލްސާ ފެށުމަށް ނިންމާފައި ވަނީ އެރޭ 8:30 ގައި ކަމަށެވެ. އަދި އެޖަލްސާއަށް އެކުންފުނީގެ ހުރިހާ ހިއްސާދާރުންނަށް ދައުވަތު އަރުވާކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޓީޑީސީގެ މިދިޔަ އަހަރުގެ މާލީ ބަޔާނަށް ބަލާއިރު އެ ކުންފުންޏަށް މިދިޔަ އަހަރު ވަނީ ހަތް މިލިއަން ޑޮލަރު (108 މިލިއަން ރުފިޔާ)ގެ ގެއްލުމެއް ވެފައެވެ. އަދި އެކުންފުއްޏަށް މިދިޔަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 20 މިލިއަން ޑޮލަރު(3 ބިލިއަން ރުފިޔާ) އެވެ. އެއީ 2011 ވަނަ އަހަރު ލިބުނު އާންމުދަނީއަށް ވުރެ 17 ޕަސެންޓްގެ ދަށް އަދަދެކެވެ. އަދި ޖުމްލަ ފައިދާގެ ގޮތުގައި މިދިޔަ އަހަރު އެ ކުންފުންޏަށް ފަސް މިލިއަން ޑޮލަރު (82 މިލިއަން ރުފިޔާ) ލިބިފައިވާއިރު އެއީ 2011 ވަނަ އަހަރު ލިބުނު މިންވަރަށް ވުރެ 36 ޕަސެންޓްގެ ދަށް އަދަދެކެވެ.
އެމްޓީޑީސީގެ ހިއްސާދާރުން ރައުސްމާލަށް ބަލާ އިރު އެއަދަދު 2011 ވަނަ އަހަރު 40 މިލިއަން ޑޮލަރުގައި ހުރި އިރު މި އަހަރު ނިމުނު އިރު އެ މިންވަރު ވަނީ 34 މިލިއަން ޑޮލަރަށް ތިރިވެފަ އެވެ. އެހެންކަމުން އެއީ 2011 ވަނަ އަހަރަށް ވުރެ 16 ޕަސެންޓް ދަށް ވުމެކެވެ. އަދި މިދިޔަ އަހަރު އެ ކުންފުނީގެ ހިއްސާއަކަށް ލިބުނު އާމްމުދަނީ ވެސް ވަނީ 2.0 ޑޮލަރުގެ ގެއްލުމެއް ވެފަ އެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގައި ވެސް އެކުންފުނީގެ ހިއްސާއަކަށް އެއްވެސް އެއްޗެއް ބަހާފައެއް ނުވެ އެވެ.
އެމްޓީޑީސީ 2006 ވަނަ އަހަރު އުފެދުނީ ރާއްޖޭގެ ތަފާތު ސަރަހައްދަކުން 15 ރިސޯޓެއް ތަރައްގީ ކުރުމުގެ މަގުސަދުގަ އެވެ.