މި މަހު ކުރީކޮޅު ކަނޑަށް ގެއްލުނު ހަތަރު މީހުން ހޯދަން ހެލިކޮޕްޓަރު ބޭނުންކޮށްގެން ކުރަމުންދިޔަ މަސައްކަތް ހުއްޓާލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ގެއްލިގެން ހޯދަމުން ދަނީ މިމަހުގެ ހަތަރު ވަނަ ދުވަހު ގއ. ކޮލަމާފުށިން ރާޅާއަޅަން ނުކުމެ އުޅުނު އެރަށު ކުނާވިޔާގޭ، މުހައްމަދު ސައްމޫން ޝަރީފު 21، އާއި ހަމަ އެ ދުވަހު މ. އަތޮޅުން ފުރައިގެން ލ. މާވަށަށް ދެމީހުންނާއެކު ދަތުރު ކުރި އަޒުމް ދޯންޏެވެ. އެ ދޯނިން ދަތުރު ކުރީ އދ. މާމިގިލީ ހަނދުވަރުދޭގޭ ޙަސަން ރަޝީދު 39، އަދި ލ. މާވަށް ހިޔަލީގޭ އުމުރުން 32 އަހަރުގެ އަބްދުﷲ ވަހީދު އެވެ. އެ ތިން މީހުންގެ އިތުރުން މިމަހުގެ ނުވަ ވަނަ ދުވަހު ގދ.ފަރެސްމާތޮޑާ ކައިރީ އޮތް ފަޅުރަށަކަށް އަކިރި ބަލާ ދިޔަ އެ ރަށު ރޯޒީ ސައިޑް މުހައްމަދު ފަލާހް 30، ވެސް ގެއްލުނު ފަހުން އެއްވެސް ހަބަރެއް ވެފައެއް ނުވެ އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ކާނަލް އަބުދުއްރަހީމް ވިދާޅުވީ ގެއްލުނު އެއްވެސް މީހެއްގެ ހަބަރެއް މިހާތަނަށް ވެފައި ނުވާ ކަމަށާއި އެ މީހުންގެ ހަބަރެއް ނުވަނީސް ހޯދުން ހުއްޓާނުލާނެ ކަމަށެވެ.

ނަމަވެސް އެ މީހުން ހޯދުން ވައިގެ މަގުން ހުއްޓާލާފައިވާ ކަމަށާއި އަދި ކޯސްޓްގާޑަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާގެ ސަރުކާރުން ފޮނުވި ހާއްސަ ނޭވީ މަތިންދާ ބޯޓު ވެސް ފުރާފައިވާ ކަމަށް އަބުދުއްރަހީމް ވިދާޅުވި އެވެ.

އަބުދުއްރަހީމް ވިދާޅުވީ މީހަކު ގެއްލުމުން އަބަދު ވެސް އަމަލު ކުރާ އުސޫލުގެ ދަށުން ރެސްކިއު ކޯޑިނޭޝަންތަކަށް އެކަން އަންގާފައިވާނެ ކަމަށެވެ. ނަމަވެސް ކުރިން އެ މީހުން ހޯދަން ބަލަމުންދިޔަ ސްކޭލްގައި އެ މަސައްކަތް ކުރަމުން ނުދާނެ ކަމަށް ވެސް އަބުދުއްރަހީމް ވިދާޅުވި އެވެ.

މިހާތަނަށް ގެއްލުނު ހަތަރު މީހުންކުރެން އެކެއްގެ ވެސް ހަބަރެއް ވެފައިނުވާ އިރު ރަށްރަށުން އެމީހުން ހޯދުމަށް ކުރަމުން އަންނަ މަސައްކަތް ހުއްޓާލައިފައެއްނުވެ އެވެ.