އިއްޔެ އިރުއޮއްސުނު ވަގުތު މާލޭގެ ދެ ސަރަހައްދަކުން ދެ މީހެއްގެ ގަޔަށް ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލިތާ 24 ގަޑިއިރު ނުވަނީސް އަނެއްކާ ވެސް ދެ މީހަކަށް ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލައިފި އެވެ.
މިއަދު ހަވީރު 3:00 އާއި 3:25އާ ދެމެދުގެ ވަގުތެއްގައި ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައި ވަނީ އުމުރުން 18 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކަށެވެ.

ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އައިޖީއެމްއެޗަށް ގެންދިޔަ 18 އަހަރުގެ ޒުވާނާގެ މެއާއި ބުރަކަށީގެ އިތުރުން ގައިގެ އެކި ތަން ތަނަށް ތޫނު އެއްޗަކުން ހަމަލަދީ ޒަޚަމްކޮށްލާފައިވެ އެވެ. ތޫނު އެއްޗަކުން ބުރަކަށްޓަށް ހަމަލަދީ ޒަޚަމްކޮށްލި 21 އަހަރުގެ ޒުވާނާއަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދިނުމަށްފަހު މިހާރު ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފަ އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބް ވިދާޅުވީ މެއާއި ބުރަކަށީގެ އިތުރުން ގައިގެ އެކި ތަންތަނަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ޒުވާނާ ސާޖަރީ ހެދުމަށް ތިއޭޓަރަށް ވައްދާފައިވާ ކަމަށެވެ.

ނަމަވެސް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު އައިޖީއެމްއެޗަށް ބަދަލު ކުރި އުމުރުން 21 އަހަރުގެ ޒުވާނާ އަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.

އެ ހާދިސާ ހިނގި ސަރަހައްދުގައި ހުރި މީހަކު ބުނީ ތޫނުއެއްޗަކުން ހަމަލާދީފައި ވަނީ މ. ޖަންތަރިހުޅަނގުބައި ކައިރިން ކަމަށެވެ. ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި އެ މާރާމާރީގައި މެޔަށް ތޫނުއެއްޗެއް ހަރާލުމުގެ ސަބަބުން ޒަޚަމްވި ޒުވާނާ ސަލާމަތްވާން ވެގެން މ. ޖަންތަރިހުޅަނގުބަޔަށް ވަނުމުން އޭނާގެ ގައިން އޮހޮރުނުލޭ އެގޭ ސިޑިއާއި ސިޑިކައިރީގައި ހުރިކަމަށް ވެސް އެ މީހާ ބުންޏެވެ.


ސަންގެ ނޫސްވެރިން އެ ސަރަހައްދަށް ދިޔައިރު ދެ މީހެއްގެ ފައިވާން އެގޭ ކުރިމަތީގައި ހުއްޓެވެ.