18 May 2013, 15:21
އެއްވެސް ޕާޓީއަކުން އަނެއް ޕާޓީއެއްގެ ކެމްޕޭން ޓީމަށް ހުރަސް އަޅައިގެން ނުވާނެ ކަމަށް ކޮމިޝަނަރު އޮފް ޕލިސް އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ފުލުހުން ވަމުންދާ ތައްޔާރީތަކާ ގުޅޭ ގޮތުން ފުލުހުންގެ މީޑިއާ މެދުވެރިކޮށް ރިޔާޒް ވިދާޅުވީ ކޮންމެ ޕާޓީއަކަށް ވެސް އަދި ކޮންމެ ރިޔާސީ ކެންޑިޑޭޓަކަށް ވެސް ގާނޫނާއި ގަވާއިދުގެ ތެރެއިން ކެމްޕޭން ކުރުމުގެ ފުރުސަތު ލިބިދޭން ޖެހޭނެ ކަމަށެވެ. އަދި އެއްވެސް ޕާޓީއަކުން އަނެއް ޕާޓީއެއްގެ ކެމްޕޭނަށް ހުރަސް އަޅައިފި ނަމަ ގާނޫނާއި ގަވާއިދުގެ ތެރެއިން އެކަމެއް ހުއްޓުވާނެ ކަމަށެވެ.
"ކޮންމެ ސިޔާސީ ޕާޓީއަކަށް ވެސް އަދި ކޮންމެ ކެންޑިޑޭޓަކަށް ވެސް ގާނޫނީ އިމުގެ ތެރެއިން ކެމްޕޭން ކުރުމުގެ ފުރުސަތު އޮންނާނެ. އޮންނަން ޖެހޭނެ. އެހެން ވީމާ އެއްވެސް ޕާޓީއަކުން އަނެއް ޕާޓީއެއްގެ ކެމްޕޭނަށް ހުރަސް އަޅާ ނަމަ އެކަން ހުއްޓުވާނަން. ފުލުހުންނަށް އަޅުގަނޑު އޮންނާނީ އެ އަމުރު އަންގާފައި އެކަން ކުރަން. އަދި އެއީ އެއްވެސް ޕާޓީއަކުން އަނެއް ޕާޓީއެއްގެ ކެމްޕޭނަށް ހުރަސްއަޅަނީ އަޑުގަދަ ކުރާ ބޭނުންކޮށްގެން އެކަން ކުރާ ކަމަކަށްވާ ނަމަ އެ ވަސީލަތެއް ގާނޫނީ ހަމަތަކުގެ މަތިން ފުލުހުން ހިފަހައްޓާނެ. އެހެންވީމާ ފުލުހުން ވަރަށް ފާމްކޮށް އެކަން ކުރާނެ، ކުރަންވާނެ،" ރިޔާޒް ވިދާޅުިވި އެވެ.
ރިޔާޒް ވިދާޅުވީ ކުރިއަށް ރިޔާސީ އިންތިހާބަކީ އަމާން އޮމާން އިންތިހާބަކަށް ހެދުމަށް ޓަކައި ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް ފުލުހުންވެފައިވާ ކަމަށެވެ. އެހެންކަމުން ކައުރިއަށް އޮތް ރިޔާސީ އިންތިހާބު އަމާން އޮމާން އިންތިހާބަކަށް ހަދައި ގައުމުގައި އަމަން އަމާންކަން ގާއިމު ކުރުމަށް ފުލުހުން ތިބީ ތައްޔާރަށް ކަމަށް ރިޔާޒް ވިދާޅުވި އެވެ. އަދި އެކަމަށް ޓަކައި ބޭނުންވާ ހުރިހާ ސާމާނެއް ފުލުހުންގެ އަތުގައި އެބަހުރި ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.
"ރިޔާސީ އިންތިހާބާ ގުޅިގެން ގައުމުގެ ހަމަޖެހުމަށް ލޮޅުމެއް އަޔަ ނުދިނުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް ފުލުހުން އަޅާނެ. ފުލުހުން މިތިބީ ވަރަށް ތައްޔާރަށް. އަޅުގަނޑުމެނަށް ބޭނުންވާ ހުރިހާ އޮޕަރޭޝަނަލް ސޭފްޓީ އިކްއިޕްމަންޓްސް ވަނީ ލިބިފައި. ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް އަޅުގަނޑުމެން ބޭނުންވާ ހުރިހާ ގިއަރެއް އެބަހުރި ލިބިފައި. އެހެންވީމާ މިއަދު މިވެނި ކަމެއް ނުވެގެންނޭ ބުނާކަށް ނުޖެހޭ،" ރިޔާޒް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ކުރިއަށް ރިޔާސީ އިންތިހާބަކީ އަމާން އޮމާން ރިޔާސީ އިންތިހާބަކަށް ހެދުމަށް ޓަކައި ހުރިހާ ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރަން ބޭނުންވާތީ ސިޔާސީ ޕާޓީތަކަށް ސިޓީ ފޮނުވި ކަމަށާއި އަދި އެކަމުގައި ސިޔާސީ ޕާޓީތަކުން ވަރަށް ފުރިހަމަ އަށް އެއްބާރުލުން ދީފައިވާ ކަމަށް ރިޔާޒް ވިދާޅުވި އެވެ.
"ކުރިއަށް އޮތް ރިޔާސީ އިންތިހާބް އަމާންކަމާ އެކު ކުރިއަށް ގެންދިއުމަށް ޓަކައި އަޅުގަނޑުމެން ވަނީ ސިޔާސީ ޕާޓީތަކާށއި މަޝްވާރާ ކުރަން ނިންމާފ ސިޔާސީ ޕާޓީތަކަށް ސިޓީ ފޮނުވިން. ހުރިހާ ސިޔާސީ ޕާޓީތަކުން ވެސް ވަނީ އެކަށީގެންވާ ޖަވާބެއްދީ، ބޭފުޅުން އައްޔަން ކޮށްދީފައި. ކޮންމެ ޕާޓީއަކުން ވެސް އެބޭފުޅުންގެ ރެޕްރެޒެންޓެޓިވުން ވަނީ ކަނޑައަޅާފައި އެއީ އަޅުގަނޑުމެނާއެކުގައި ޕާޓީތައް ތިބިކަން އަދި އިންތިހާބުގެ ކަންކަން ސުލްހަވެރިކަމާ އެކު ކުރިޔަށް ގެންދަން ބޭނުންވާ ކަމުގެ ރަމްޒެއް،. އަންނަ ހަފުތާގައި އަޅުގަނޑުމެން ފަށާނަން ފުރަތަމަ ބައްދަލުވުން އިލެކްޝަންސް ކަންތައްތަކުގައި ވަކި ޓީމެއް ނަގައިގެން. އެބޭފުޅުން ހުރިހާ ޕާޓީތަކަށް ކިޔައިދޭނެ ފުލުހުންގެ ޕޮލިސީސް އާއި ކަންތައް ކުރާނެ ގޮތާއި ރާވާފައިވާ ގޮތް އެ މައުލޫމާތު ހިއްސާކޮށް ޕާޓީތަކުގެ ރިޒަވޭޝަން ނޫނީ އެ ފަރާތްތަކުގެ އިތުރު ހިޔާލުތައް ބަލައި އެ ހިޔާލުތައް އަޅުގަނޑުމެން ހޯދާނަން."ރިޔާޒް ވިދާޅުވި އެވެ.