18 May 2013, 14:49
ޖުވެނައިލް ކޯޓުގެ ވެބްސައިޓް ހެކްކޮށްފި އެވެ.
ހެކްކުރުމަށް ފަހު އެ ވެބްސައިޓްގައި އެންމެ ފުރަތަމަ ލިޔެފައި ވަނީ ވެބްސައިޓް ހެކްކޮށްފައި ވަނީ ކޮން ބައެއްކަމެއް ނޭނގޭ ސެކިއުރިޓީ ޓީމަކުން ކަމަށެވެ. އޭގެ ފަހުން ހެކްކޮށްފައި ވަނީ "އަލީ ޓީއެންޕީ" ކަމަށް ބުނެ ސައިޓްގައި ވަނީ ލިޔުމެއް ޝާއިއުކޮށްފަ އެވެ.
މީގެއިތުރުން ވަކިއެއްޗެއް ދޭހަނުވާފަދަ މަދު ލިޔުންތަކެއް ވެސް ވަނީ ޝާއިއުކޮށްފަ އެވެ. އެ ލިޔުން ކައިރީ ހުރި ބަޓަނަކަށް ފިއްތާލުމުން ފިންގާ ޕްރިންޓެއް ފެނުމަށް ފަހު އިތުރު ލިޔުންތަކެއް ފެންނަން ފަށައެވެ.
ޖުވެނައިލް ކޯޓުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ފާއިތުވި ހަފްތާތަކުގައި ވެބްސައިޓްގައި އެކިއެކި މައްސަލަތައް ދިމާވެ ވެބްސައިޓަށް އަޕްލޯޑު ކުރުމަށް ދަތިތަކަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ. އަދި އެ ވެބްސައިޓަށް ދިމާވި މައްސަލަތަކަށް ބެލުމުން ހެކްކުރަން އުޅުނުކަން އެނގުނު ކަމަށާއި ނަމަވެސް ދިރާގު މެދުވެރިކޮށް މިދިޔަ ހަފްތާގެ ތެރޭގައި އެކަން ހައްލުކޮށްފައި ވާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ޖުވެނައިލް ކޯޓުގެ ވެބްސްއިޓުގައި އެ ކޯޓުގައި ބާއްވާ ޝަރީއަތްތަކުގެ ތާވަލް ވަގުތުން ވަގުތަށް އަޕްލޯޑްކޮށްފައި ހުރެ އެވެ. އޭގެއިތުރުން ކޯޓުގެ ތަފާސްހިސާބުތަކާއި ކޯޓާ ބެހޭ މައުލޫމާތުތައް ވެސް އެ ކޯޓުގެ ވެބްސައިޓުގައި ފެންނަން ހުރެ އެވެ.