ކ. މާފުށީ ސްކޫލުގައި އަންހެން ކުދިންނާއި ފިރިހެން ކުދިން އެއްކޮށް ކިޔަވައިދޭތީ އާއި އެ ރަށު ޕްރީ ސްކޫލްގައި ލަވަޖަހައިގެން ކުޅިވަރު ކުޅޭތީ ބައެއް ކުދިން ކިޔަވަން ފޮނުވުން ހުއްޓާލައިފި އެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި މާފުށީ ޕްރީ ސްކޫލުގެ ދަރިވަރުންތަކެއް ކިޔަވަން ފޮނުވުން ހުއްޓާލާފައި ވަނީ މި މަހުގެ 10 ވަނަ ދުވަހު ފާހަގަ ކުރި ކުޑަކުދިންގެ ދުވަހުގައި "ނާސަރީ ރައިމްސް" ޖަހައިގެން އެ ކުދިން ކުޅިވަރުގައި ޝާމިލު ކުރުވި ކަމަށް ބުނެ އެވެ. އަދި އެކަމާ ހިތްހަމަނުޖެހިގެން ބައެއް ބެލެނެވެރިން ފަސް ކުއްޖަކު ޕްރީ ސްކޫލަށް ފޮނުވުން ހުއްޓާލާފައިވާ އިރު، ދެ ކުއްޖަކު އެ ސްކޫލުން ކަނޑާލާފައިވެ އެވެ.

ރަށު ޕްރީ ސްކޫލުން ވާހަކަ ދެއްކި ޓީޗަރަކު ސަންއަށް ކިޔައިދިން ގޮތުގައި ޕްރީ ސްކޫލްގެ ތައުލީމުން އެ ކުދިން މަހުރޫމް ކުރި ސަބަބެއް ބެލެވެރިން ކިޔައިދީފައި ނުވާ ކަމަށެވެ. ނަމަވެސް ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށް ކުރިއަށް ގެންދިޔަ "ނާސަރީ ރައިމްސް" ހަރަކާތްތަކާ ގުޅިގެން ބައެއް ބެލެނެވެރިން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ. ނަމަވެސް ރަސްމީކޮށް އެކަން ސްކޫލަށް އަންގާފައި ނުވާ ކަމަށެވެ.

މާފުށީ ޕްރީ ސްކޫލް ހިންގަމުންދާ ރަށުގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީން ރައީސާ ބަދުރުއްނިސާ އިބްރާހިމް މިއަދު ވިދާޅުވީ ދަރިވަރުންނަށް ކިޔަވައިދިނުމުގައި ކަންބޮޑުވުންތަކެއް ހުރި ނަމަ ސްކޫލާ ވާހަކަ ދައްކައިގެން އެކަން ހައްލު ކުރެވިދާނެ ކަމަށެވެ. އަދި ކުޅިވަރާއި މަޖަލުގެ ތެރޭގައި ކުދިންނަށް ކިޔަވައިދިނުމުގައި ލަވަނުޖަހައި އެކަން ކުރެވޭނެ ގޮތެއް އޮތް ކަމަށްވާ ނަމަ ބެލެނެވެރިން ބޭނުންވާ ދަރިވަރުން އެފަދަ ކަންކަމުގައި ޝާމިލުނުކޮށް މައްސަލަ ހައްލު ކުރެވިދާނެ ކަމަށް ބަދުރުއްނިސާ ވިދާޅުވި އެވެ.

"ކޮންމެ ގޮތެއް ވިޔަސް، އެބޭފުޅުން އަޅުގަނޑުމެންނަށް ވާހަކަ ނުދައްކައި ކުދިން ސްކޫލަށް ފޮނުވުން ހުއްޓާލީ. ކިޔެވުމުން މަހުރޫމް ކުރީމާ އެ ގެއްލުނީ ތުއްތު ކުދިންތަކެއްގެ ހައްގުތަކެއް. އެއީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް،" ބަދުރުއްނިސާ ވިދާޅުވި އެވެ.

ބަދުރުއްނިސާ ވިދާޅުވީ "ދީނީ ހިޔާލުތަފާތުވުމެއްގައި" ތައުލީމުން ކުދިން މަހުރޫމް ކުރާ މާއްސަލަ ކަމާ ބެހޭ ފަރާތްތަކުގެ ސަމަލާކު ކަމަށް ގެންނަވާނެ ކަމަށެވެ.

ރަށު ސްކޫލުގެ ޕްރައިމަރީގައި ކިޔަވާ ދަރިވަރެއްގެ ބެލެނެވެރިޔަކު ވެސް އެފަދަ ވިސްނުމެއްގައި އެ ކުދިން ސްކޫލަށް ނުފޮނުވާ ކަމަށް ރަށު ކައުންސިލުން ބުންޏެވެ. ސަބަބެއް ކަމަށް ވަނީ އަންހެންކުދިންނާއި ފިރިހެން ކުދިން އެއްކޮށްގެން އެ ރަށު ސްކޫލުގައި ކިޔަވަދޭތީ ކަމަށްވެ އެވެ.

ދީނީ ހިޔާލުތަފާތުވުންތަކެއްގައި ކުދިންތަކެއް ތައުލީމުން މަހުރޫމް ކުރާ މާއްސަލަ މާފުށީގައި ފެންމަތިވި އިރު، ތުއްތު ކުދިންނަށް ވެކްސިން ނުދިނުމާއި އަންހެން ކުދިން ހިތާނަ ކުރުމުގެ މައްސަލަ ރާއްޖޭގައި އާންމުވަމުންދާތީ ޖެންޑާ މިނިސްޓްރީން ކުރިން ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.