26 Oct 2010, 10:19
ދިވެހި ރާއްޖޭގައި ފުތަމަ ފަހަރަށް ބޭއްވި "ޓީޗިން އެކްސެލެންސް އެވޯޑް" ރޭ ހަ ޓީޗަރަކަށް ދީފި އެވެ.
އިސްކަންދަރު ސްކޫލުގައި ރޭ ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްތަފާ ލުތުފީ ވިދާޅުވީ ޓީޗަރުންނަކީ ގައުމު ބިނާކުރުމުގެ މުގުލުގައި ތިބޭ މީހުންކަމަށާއި ނަމަވެސް ޓީޗަރުން ގައުމަށް ކޮށްދޭ ހިދުމަތްތައް ގިނަ ފަހަރު ފާހަގަ ނުކުރެވޭ ކަމަށެވެ.
"އެ މީހުންނަކީ ބުރަ މަސައްކަތްތަކެއް ކުރަމުންދާ ބައެއް. އެކަމުކު އެމީހުންގެ މަސައްކަތުން ގިނަ ކުދިންތަކަކަށް ނަފްސާނީ ގޮތުންނާއި ދީނީ ގޮތުންނާއި ޖިސްމާނީ ގޮތުންނާއި އިޖްތިމާއި ގޮތުން ގެނެވޭ ކުރިއެރުން ގިނަ ފަހަރަށް އަޅުގަނޑުމެން ބޭނުންވާ މިންވަރަށް ޖަމާއަތުގައި ފާހަގަކުރެވިގެނެއް ނުދޭ. ޓީޗަރުންގެ އެވޯޑެއް ތައާރަފް ކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓީޗަރުންގެ ބުރަ މަސައްކަތް ގައުމީ ފެންވަރެއްގައި ފާހަގަ ކުރެވޭނެ ގޮތެއް މެދުވެރިކުރުން،" މިނިސްޓަރު ވިދާޅުވި އެވެ.
ރޭ ހަ ޓީޗަރަކަށް އެވޯޑް ހުށަހަޅާއި ވަނީ ހަ ކުންފުންޏަކުންނެވެ.
"ފޯސީޒަން ރިސޯޓްސް އެވޯޑް ފޯ ދަ ޓީޗަރ އޮފް ދަ އިޔަރ އިން އަ ޕްރީ ސްކޫލް" ލިބިވަޑައިގަތީ 1988 ވަނަ އަހަރުން ފެށިގެން ޕްރީސްކޫލުގެ ދާއިރާގައި މަސައްކަތް ކުރައްވާފައިވާ މާފަންނު މަދަރުސާގެ ޕްރީ ސްކޫލް އެކްޓިން ހެޑް ޓީޗަރ މައިމޫނާ މުހައްމަދަށެވެ.
"އޭޑީކޭ ގުރޫޕް ޓީޗަރ އެވޯޑް ފޯރ ލީޑިން ޓީޗަރ އިން އަ ޕްރަމަރީ ސްކޫލް" ލިބިވަޑައި ގަތީ 1987 ވަނަ އަހަރުން ފެށިގެން ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާފައިވާ އިސްކަންދަރު ސްކޫލުގެ ލީޑިން ޓީޗަރ އިތްލީނާ މުހައްމަދަށެވެ.
"މީޑިއާނެޓް ޑިޖިޓަލް އެވޯޑް ފޯރ ޓީޗަރ އޮފް ދަ އިޔަރ އިން އަ ޕްރައިމަރީ ސްކޫލް" 1999 ވަނަ އަހަރުން ފެށިގެން ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާފައިވާ އިސްކަންދަރު ސްކޫލުގެ ޕްރައިމަތީ ޓީޗަރ އައިޝަތު ސައީދަށެވެ.
"ވިލާ ކޮލެޖު އެވޯޑް ފޯދަ ޓީޗަރ އޮފްދަ އިޔަރ އިން އަ ސެކަންޑަރީ ސްކޫލް" ލިބިވަޑައި ގަތީ ސީއެޗްއެސްސީގެ ޕިޒިކްސް ޑިޕާޓު މަންޓުގައި 2002 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްޗާފައިވާ ބިދޭސީ ޓީޗަރެއް ކަމުގައިވާ އަޖިތާ މޭރީ އަށެވެ.
"މޯލްޑިވިއަން އެއާ ޓެކްސީ އެވޯޑް ފޯރ ޕްރިންސިޕަލް އޮފް ދަ އިޔަރ" ލިބިވަޑައިގަތީ 1987 ވަނަ އަހަރުން ފެށިގެން ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާފައިވާ ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް އަބްދުﷲ ރަޝީދަށެވެ.
"އައިލެންޑް އޭވިއޭޝަން އެވޯޑްފޯރ އެކްސެލެންސް ސަޕޯޓް ސްޓާފް އޮފް ދަ އިޔަރ" ލިބިވަޑައިގަތީ 12 އަހަރު ކޮމިއުނިޓީ ހެލްތު އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާ އަދި 2001 ވަނަ އަހަރު ފެށިގެން އެ ސްކޫލުގެ ސީނިއަރ ހެލްތް އޮފިސަރެއްގެ ގޮތުން ތާޖުއްދީން ސްކޫލުގައި މަސައްކަތް ކުރައްވާފައިވާ އަންގީލާ ނަސީމަށެވެ.