މޯލްޑިވްސް ބާސްކެޓް ބޯލް އެސޯސިއޭޝަން (އެމްބީއޭ)އާއި އިންޓަނޭޝަނަލް ބާސްކެޓްބޯލް ފެޑެރޭޝަން (ފީބާ) ގުޅިގެން މިމަހުގެ 15-17އަށް ކުރިއަށް ގެންދިޔަ "ފީބާ އޭޝިޔާ ރެފްރީސް ކުލިނިކް 2013" ކާމިޔާބު ކަމާއެކު ނިންމާލައިފި ކަމަށް އެމްބީއޭއިން ނުމެފި އެވެ.

މި އަހަރުގެ ތަމްރީނު ޕްރޮގްރާމްގައި ރާއްޖޭގައި ހަރަކާތްތެރިވާ ބާސްކެޓްބޯޅަ އޮފިޝަލުންގެ 16 ފަރާތަކުންވަނީ ބައިވެރި ވެފަ އެވެ. އޭގެ ތެރޭގައި ރާޖޭގައި މިވަގުތު ތިބި ފީބާ ދެ ކޮމިޝަނަރުންގެ ތެރެއިން އެއް ކޮމިޝަނަރު މުހައްމަދު ޔާމީން އާއި އަދި ފީބާ ރެފްރީ ބުންޔާމީން ޔޫސުފު ބައިވެރިވެ ކޯސް ފުރިހަމަ ކޮށްފައިވެ އެވެ. ކޯހުގައި ބައިވެރި ނުވަނީ ފީބާ ކޮމިޝަނަރު އަބްދުﷲ އާމިރު އެވެ.

ފީބާ އޭޝިޔާ ރެފްރީސް ތަމްރީނު ޕްރޮގްރާމަކީ ކޮންމެ އަހަރަކު ވެސް އެގައުމެއްގައި ތިބޭ ބާސްކެޓްބޯލް އޮފިޝަލުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމެކެވެ. އަދި އެ ޕްރޮގްރާމްގައި ބާސްކެޓްބޯލް ރެފްރީންނާއި ކޮމިޝަނަރުންގެ އިތުރުން ޓޭބަލް އޮފިޝަލުންވެސް ބައިވެރިވާން ޖެހެ އެވެ.

އެމްބީއޭގެ ޖެނެރަލް ސެކްރެޓަރީ އާރިފް ރިޒާ ވިދާޅުވީ ފީބާ ކޯހަކީ ބާސްކެޓްބޯޅައިގެ ހުރިހާ ރެފްރީންނާއި އޮފިޝަލުންނަށް ވެސް ވަރަށް މުހިއްމު މައުލޫމާތުތަކެއް ހިއްސާ ކުރެވޭ ޕްރޮގްރާމެއް ކަމަށެވެ. އަދި ތަމްރީނު ޕްރޮގްރާމް ފުރިހަމަކޮށް ފާސްވާ ބާސްކެޓްބޯޅަ ރެފްރީންނާއި ކޮމިޝަނަރުންނަށް ފިޔަވައި އެ އަހަރަކު ބާއްވާ ބައިނަލްއަގްވާމީ މުބާރާތްތަކުގައި ބާސްކެޓްބޯޅަ އޮފިޝަލްކަން ކުރުމުގެ ފުރުސަތު ނުލިބޭ ކަމަށެވެ.

"ފީބާ އޭޝިއަން ޑިވެލޮޕްމަންޓް ޕްލޭންގެ ދަށުން ކުރިއަށް އޮތް ހަތަރު އަހަރު ދުވަހަށް ކަނޑައަޅާފައިވާ ގޮތުގައި ކޮންމެ ގައުމެއްގައިވެސް "ފީބާ އޭޝިޔާ ރެފްރީސް ކުލިނިކު" ހިންގަންޖެހޭނެ. އަދި އެ ޕްރޮގްރާމުން ފާސް ނުވާ ފަރާތްތައް ޖެހިގެން އަންނަ އަހަރު ބައިވެރިވެ ފާސް ވެގެން މެނުވީ ބައިނަލްއަގްވާމީ މުބާރާތެއްގައި އޮފިޝަލްކަން ކުރުމުގެ ފުރުސަތެއް ނުލިބޭނެ،" އާރިފު ވިދާޅުވިއެވެ.

ފީބާ އޭޝިޔާ ރެފްރީސް ކުލިނިކު 2013 ކޮންޑަކްޓް ކޮށް ދެއްވީ ފީބާގެ ތަޖްރިބާކާރު އިންސްޓްރަކްޓަރެއް ކަމަށްވާ ބަހްރެއިންގެ ޔޫނިސް އަލް ޒަދްޖާލީއެވެ.