18 May 2013, 13:58
ރާއްޖެއާއި ސްރީލަންކާގެ ކުދި ވިޔަފާރިތަކަށް އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ)ން މާލީ އެހީތެރިކަން ހޯދައިދިނުމަށް އެހީތެރިވެދޭން ނިންމައިފި އެވެ.
ވޯލްޑް ބޭންކް ގްރޫޕްގައި ހިމެނޭ އައިއެފްސީއަކީ އާއްމުކޮށް ބޮޑެތި ވިޔަފާރި ކުންފުނިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ބައެކެވެ. އައިއެފްސީން ވަނީ އިބްރާޙިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ޕްރައިވެޓައިޒްކުރުމުގައި ދިވެހި ސަރުކާރަށް އެހީތެރިވެދީފަ އެވެ. އަދި ވިލާ ގްރޫޕަށް ވެސް މާލީ އެހީތެރިކަން ފޯރުކޮށްދީފަައިވެ އެވެ.
އައިއެފްސީން ދާދިފަހުން ވަނީ ދެ ގައުމުގެ ބޭންކުތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ޖަޕާނު ސަރުކާރުގެ އެހީތެރިކަމާ އެކު ގްލޯބަލް ޓްރޭޑް ފައިނޭންޝަލް އެޑްވައިޒަރީ ޕްރޮގްރާމްގެ ދަށުން ޓްރެއިނިން ޕްރޮގްރާމެއް ހިންގައިފަ އެވެ.
"ވާދަވެރިކަމާ އެކު މަސައްކަތްކުރާ އިރު ވަރަށް މުހިންމު ކަމެއް ބޭންކުތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ޓްރޭޑް ފައިނޭންސިންއާ ގުޅޭ ގޮތުން އެ މީހުންގެ މައުލޫމާތު މުއްސަނދިވުމަކީ. ދެ ގައުމުގައި ވިޔަފާރިއާއި އިންވެސްޓްމަންޓްތައް ފުޅާވަމުން އަންނައިރު މިފަދަ ޕްރޮގްރާމްތައް އަބަދުވެސް ހިންގުމަކީ ވަރަށް މުހިންމު ކަމެއް،" ކޮލަމްބޯގައި ހުންނަ ޖަޕާނު އެމްބަސީގެ ހެޑް އޮފް އިކޮނޮމިކް ކޯޕަރޭޝަން ސުގުރު މިނޯޔާ އައިއެފްސީއާ ހަވާލާދީ ބުނެފައިވެ އެވެ.
އައިއެފްސީން ބުނެފައި ވަނީ ބޭންކްތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ޓްރޭޑް ފައިނޭންސިންގައި ދިމާވާ ރިސްކްތައް ހައްލުކޮށް ބައިނަލްއަގުވާމީ ހަމަތަކާ އެއްގޮތަށް މަސައްކަތްކުރަން ދަސްކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
"ޓްރޭޑް ފައިނޭންޝަލް އެޑްވައިޒަރީ ޕްރޮގްރާމްގެ ސަބަބުން ބޭންކުތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ދުނިޔޭގެ މާލީ ނިޒާމްގައި ކަން ހިނގާ ގޮތް ވަރަށް ބޮޑަށް ދަސްވެގެންދާނެ. ކުރިޔަށް އޮތްތަނުގައި ވެސް އަޅުގަނޑުމެން މާލީ އިދާރާތަކާ ގުޅިގެން ވިޔަފާރި ފުޅާކުރުމަށާއި ތަޖުރިބާ ހޯދުމަށް މިފަދަ ތަމްރީން ޕްރޮގްރާމްތައް ހިންގާނަން،" އައިއެފްސީން ރާއްޖެ އަށާއި ލަންކާ އަށް ކަންޑައަޅާފައި ހުންނަ ކަންޓްރީ މެނޭޖަރު އެޑަމް ސެކް ވިދާޅުވި އެވެ.
އައިއެފްސީން ބުނީ އެ ޖަމާއަތުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ވެސް މާލީ އެހީތެރިކަން ހޯދުމަށް ލަފާދިނުމުގެ އިތުރުން ހިންގުމުގެ ގާބިލްކަން އިތުރުކޮށްދިނުމާއި ތަމްރީނުގެ ފުރުސަތު ހޯދައިދޭނެ ކަމަށެވެ.