18 May 2013, 13:49
ދަޅުގައި ބަންދުކޮށްފައިވާ ނުވަތަ ޕްރޮސެސްކޮށްފައިވާ މަހުގެ ބާވަތްތައް ބޭނުން ކުރުމުން ކެންސަރަށް މަގުފަހިވާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
ވޯލްޑް ކެންސާ ރިސާޗު ފަންޑު (ޑަބްލިޔުސީއާރުއެފް) އިން 7،000 ކުލިނިކަލް ޓްރަޔަލްސްގެ އެހީގައި ހަދާފައިވާ މި ދިރާސާއަކީ ބޭނުންކުރެވޭ ކާނާގެ ބާވަތްތަކުގެ ސަބަބުން ކެންސަރު ޖެހުމަށް މަގުފަހިވޭތޯ ބެލުމަށް ހަދާފައިވާ ދިރާސާއެކެވެ.
ދަޅުގައި ބަންދުކޮށްފައި ނުވަތަ ޕްރޮސެސްކޮށްފައިވާ މަހުގެ ބާވަތްތަކުގެ ތެރޭގައި ދިވެހިންގެ މެދުގައި މަގުބޫލު ސޮސެޖުގެ ބާވަތްތަކާއި ސަލާމީ އަދި ސޭންޑްވިޗްގައި ބޭނުންކުރުމަށް ބަންދުކުރެވޭ މަހުގެ ބާވަތްތައް ހިމެނެ އެވެ.
ޑަބްލިޔުސީއާރުއެފްގެ ދިރާސާގައި ބުނެފައި ވަނީ ބަންދުކުރެވޭ މަހުގެ ބާވަތްތައް ބޭނުންކުރުމުގެ ސަބަބުން ކެންސަރަށް މަގުފަހި ވަނީ ޕްރޮސެސްޑް މީޓްގައި ބޭނުންކުރެވޭ ކާސިނޯޖެނިކް މާއްދާއެއް ކަމަށްވާ ސޯޑިއަމް ނައިޓްރައިޓްގެ ސަބަބުން ކަމަށެވެ. ޕްރޮސެސްޑް މީޓުގައި މިމާއްދާ ބޭނުންކުރެވެނީ ބަންދުކުރެވިފައިވާ މަހަކީ ތާޒާ މަސްކަމަށް ދެއްކުމަށް ޓަކައި މަހުގައި ރަތްކުލަ ގަދަކުރުމަށް ބޭނުންކުރެވޭ މާއްދާއެކެވެ.
ޑަބްލިޔުސީއާރުއެފްގެ ދިރާސާގައި ބުނެފައި ވަނީ ސޯޑިއަމް ނައިޓްރައިޓަކީ ހަށިގަނޑުގެ ތެރޭގައި ކެންސަރަށް މަގުފަހިވާ މާއްދާއެއް ކަމަށްވާ ނައިޓްރޯސެމިންސް އުފެއްދުމަށް އެހީވެދޭ މާއްދާއެކެވެ. މިކަމާ ގުޅިގެން ބަންދުކޮށްފައިވާ މަހުގެ ބާވަތްތައް ބޭނުންކުރުމުގެ ސަބަބުން ކެންސަރަށް މަގުފަހިވާ ކަމަށް ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.
މިއީ ބަންދުކޮށްފައިވާ މަހުގެ ބާވަތްތަކުން ކެންސަރަށް މަގުފަހިވާ ކަމަށް ދިރާސާއަކުން ދެއްކި ފުރަތަމަ ފަހަރެއް ނޫނެވެ.
މީގެ ކުރިން 2005 ވަނަ އަހަރު ޔުނިވާސިޓީ އޮފް ހަވާއީ އިން ހެދި ދިރާސާއެއްގައި ބުނެފައި ވަނީ ބަންދުކޮށްފައިވާ މަސް ބޭނުންކުރުމުން ޕެންކްރިއެޓިކް ކެންސާ ޖެހުމުގެ ފުރުސަތު 67 އިންސައްތައަށް އިތުރުވެގެންދާ ކަަމަށެވެ.
ބަންދުކުރެވިފައިވާ މަހުގެ ބާވަތްތަކުގެ ތެރެއިން ސޯޑިއަމް ނައިޓްރައިޓް ބޭނުންކުރެވެނީ ގެރި މަސް އަދި ސޮސެޖު ފަދަ "ރެޑް މީޓް" ގެ ބާވަތްތަކުގަ އެވެ. ބަންދުކޮށްފައިވާ ކުކުޅު މަހާއި ކަނޑު މަހުގެ ބާވަތްތަކުގައި ސޯޑިއަމް ނައިޓްރައިޓް އެކުލެވިގެން ނުވެ އެވެ.