ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ދެވަނަ ޑިވިޝަންގައި ރޭ ޑި ބާސްކެޓްބޯލް ކުލަބު (ޑިބީސީ)އާއި ދަ ބައުސް ސްޕޯޓްސް ކުލަބު ބައްދަލުކުރި މެޗު 17 ޕޮއިންޓުގެ ތަފާތުން ބައުސް މައްޗަށް ޑިބީސީގެ ކުރިހޯދައިފިއެވެ.

ރޭގެ މެޗުގެ ފުރަތަމަ ކުއާޓަގައި ބައުސްއިން ރަނގަޅަށް ސްކޯކުރި ނަމަވެސް ފަހު ތިން ކުއާޓާގައި ރަނގަޅަށް ކުޅެ ގިނަ ޕޮއިންޓު ހޯދީ ޑީބީސީ އިންނެވެ. އެގޮތުން ޑިބީސީއިން މެޗު ކާމިޔާބު ކުރީ 72 ޕޮއިންޓު 55 ޕޮއިންޓުންވެ.

ރޭގެ މެޗުގައި ޑިބީސީއަށް އެންމެ ގިނަ ޕޮއިންޓު ހޯދައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށްވެސް ހޮވުނު ރިޝްފާން ރަޝީދުއެވެ. އޭނާ ވަނީ ރޭގެ މެޗުގައި ޑީބީސީއަށް 23 ޕޮއިންޓު ހޯދައިދީފައެވެ. އެ މެޗުގައި ބައުސްއަށް އެންމެ ގިނަ ޕޮއިންޓު ހޯދައިދިނީ 14 ޕޮއިންޓު ހޯދައިދިން އިބްރާހީމް މުއާޒުއެވެ.

33 ވަނަ ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ދެވަނަ ޑިވިޝަންގައި މިރޭ ވާދަ ކުރާނީ ޕޮލިސް ކުލަބާއި ވީ ޔުނައިޓެޑް ކުލަބެވެ. މެޗު ކުޅޭނީ މިރޭ 9:00ގައި ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައެވެ.