އެމެރިކާގެ އުތުރުގެ ސްޓޭޓެއް ކަމަށްވާ ކަނެކްޓިކަޓްގައި ދެ ރޭލު ޖެހި އެތައް ބަޔަކަށް އަނިޔާ ވެއްޖެ އެވެ.

އެމެރިކާގެ ނިއުޔޯކްޓައިމްސް ނޫހުން ބުނީ ކަނެކްޓްޓިކަޓްގެ ފެއާފީލްޑްގެ ކައިރީގައި ދެރޭލު ޖެހުނީ އޭގެ ތެރެއިން ރޭލެއް، ރޭލު ދަގަނޑުމަތިން ކައްސާލުމުގެ ސަބުން ކަމަށާ އެ ހާދިސާގައި 60 މީހުން ޒަހަމްވި ކަމަށެވެ. އަދި ބުނީ އޭގެ ތެރެއިން ފަސްމީހެއްގެ ހާލު ނާޒުކު ކަމަށެވެ.

މެޓްރޮޕޮލިޓޭން ޓްރާންސްޕޯޓް އޮތޯރިޓީއާ ހަވާލާދީ ނޫހުގައިވާ ގޮތުން ރޭލު ދަގަނޑު މަތިން ކައްސާލީ ބްރިޖްޕޯޓާއި ފެއާފީލްޑް ގުޅޭ ސަރައްދުން އިރުމައްޗަށް ދަތުކުރަމުން ދިޔަ ރޭލެވެ. އިއްޔެ ހަވީރު ހިނގި އެހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ.

ދެރޭލު ޖެހުމުގެ ހާދިސާގައި އަނިޔާވި މީހުންނަށް ފަރުވާ ދެމުންދާ ދެހޮސްޕިޓަލަކުން ބުނެފައި ވަނީ ގިނަ މީހުންނަށް ލިބިފައި ވަނީ ކުދި ކުދި ޒަހަމްތަކެއް ކަމަށާއި ފުރާނަ އަށް ނުރައްކާ ވާފަދަ ހާނިއްކައެއް ވެފައިވާ މީހަކު ނެތް ކަމަށެވެ.

"ގިނަ މީހުންނަށް ލިބިފައި ވަނީ ކުދި ކުދި ޒަހަމްތަކެއް، އެކަމަކު ބޮލަށާއި ކަރަށް ތަންކޮޅެއް ސީރިއަސް އަނިޔާތަކެއް ވެފައިވާ އެކަކު އެބަ ވޭ،" ޒަހަމްވި މީހުންގެ ތެރެއިން 27 މީހަކަށް ފަރުވާ ދެމުން އަންނަ ސޭންޓް ވިންސެންޓްސް މެޑިކަލް ސެންޓަރުގެ ނައިބު ރައީސް ޑަޔަނީ އޯގަރް ވިދާޅުވި ކަމަށް ނޫހުގައިވެ އެވެ.