ސ. ގަމާއި މާލެއާ ދެމެދު ދަތުރުކުރަން ސްރީލަންކަން އަށް ހުއްދަ ދިނުމާ މެދު ރާއްޖޭގެ އެއާލައިންތަކުން ދެކޮޅު ހަދައިފި އެވެ.

ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން ބުނީ ބޭރުގެ އެއާލައިންތަކަށް ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބި، މާލެ-ގަން، މާލެ- ހަނިމާދޫ ނުވަތަ މާލެ- މާމިގިލި ފަދަ ޑޮމެސްޓިކް މަންޒިލްތަކަށް ދަތުރުތައް ފެށުމަކީ އެ ކުންފުނިން ތާއީދުކުރާ ކަމެއް ނޫން ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގައި އޭވިއޭޝަންގެ ހިދުމަތްދޭ ކުންފުނިތަކުގެ ކުރިމަގަށް ވަރަށް ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވެ، އޭވިއޭޝަން ހިދުމަތްދޭ ކުންފުނިތައް ބަނގުރޫޓުވުމަކީ ދުރުކަމެއް ނޫން ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.

"މިފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ މި ގައުމުގެ އޭވިއޭޝަން އިންޑަސްޓްރީ މި ހިސާބަށް ގެނެސްދީ ދެމެހެއްޓުމަކަށް ޓަކައި މި ކުންފުނިންނާއި އަމިއްލަ ފަރާތްތަކުން ކުރެވިފައިވާ އެތަކެއް ބުރަ މަސައްކަތްތަކެއް ބޭކާރުވެ ގައުމުގެ އިގްތިސާދަށް ފޫ ނުބެއްދޭވަރުގެ ބޮޑު ގެއްލުމެއްވާނެ އެވެ،" އެ ކުންފުނިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

މޯލްޑިވިއަނުން ބުނީ، ނަމަވެސް ބޭރުގެ އެއާލައިންތަކުން ރާއްޖޭގެ އިންޓަނޭޝަނަލް އެއާޕޯޓްތަކަށް ދަތުރުތައް ކުރުމަކީ އެ ކުންފުނިން މަރުހަބާ ކިޔާ ކަމެއް ކަމަށެވެ. އެގޮތުން ކޮލަމްބޯ އިން ސީދާ ގަމަށް ދަތުރުކުރުމަކީ އައްޑޫ ސިޓީ އާއި ރާއްޖެ އަށް އިގްތިސާދީ ގޮތުން ބޮޑެތި ފައިދާތަކެއް ކުރާނެ ކަމެއް ކަމަށެވެ.

އެ ކުންފުނިން ބުނީ ކޮލަމްބޯއިން ގަމަށް ދަތުރުތައް ފެށުމުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އަށް އެތައް ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ.

އެތެރޭގެ އުދުހުމުގެ ހިދުމަތްދޭ އަމިއްލަ ކުންފުނި، ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް "ސަން"އާ ވާހަކަދައްކަވަމުން މިއަދު ވިދާޅުވީ ބޭރުގެ އެއާލައިންތަކަށް ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަކީ އެ ކުންފުނިން ކަންބޮޑުވާ ކަމެއްކަން ސިވިލް އޭވިއޭޝަން އޮތޯރިޓީ އަށް ލިޔުމުން އަންގާފައިވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ކަންބޮޑުވުމަކީ އެތެރޭގެ ޓްރެފިކްގައި ބޭރުގެ އެއާލައިނަކަށް ބައިވެރިވާ ގޮތަށް ފުރުސަތު ދިނުން. އޭގެ ސަބަބުން ގައުމަށް ލިބޭ އާމްދަނީ މަދުވެ، ޑޮމެސްޓިކް ނެޓްވޯކު ކުރިއެރުމަށް ވެސް ހުރަސްތަކެއް އެޅިގެންދާނެ،" އޭނާ ވިދާޅުވި އެވެ.

ރިލްވާން ވިދާޅުވީ ސްރީލަންކަން ފަދަ ބޭރުގެ ބޮޑު އެއާލައިނަކަށް ޑޮމެސްޓިކް ދަތުރުތައް ކުރަން ފުރުސަތު ދީފި ނަމަ ރާއްޖޭގެ އެއާލައިންތައް ބަނގުރޫޓުވުމަކީ ވަރަށް ކައިރި ކަމެއް ކަމަށެވެ.

"އަޅުގަނޑުމެން ކަހަލަ ކުދި އެއާލައިންތަކަށް ވަރަށް ބޮޑު ގެއްލުމެއްވާނެ. ރާއްޖޭގެ ސިވިލްއޭވިއޭޝަން ދާއިރާގެ ކުރިއެރުމަށް ވެސް އެޅޭ ވަރަށް ބޮޑު ހުރަހަކަށްވާނެ. ސަރުކާރުން މިފަދަ ނިންމުމެއް ނިންމަން ޖެހޭނީ ވަރަށް ބޮޑަށް ވިސްނައިގެން،" އޭނާ ވިދާޅުވި އެވެ.

ރިލްވާން ވިދާޅުވީ ގަމާއި ކޮލަމްބޯއާ ދެމެދު ސީދާ ދަތުރުތައް ފެށުމަކީ އެ ކުންފުނިން ވެސް މަރުހަބާ ކިޔާ ކަމެއް ކަމަށެވެ. އަދި އޭގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ވެސް ކުރިއެރުންތަކެއް އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސިވިލްއޭވިއޭޝަން އޮތޯރިޓީގެ ޗީފް އެގްޒެކްޓިކް އޮފިސަރު ހުސެއިން ޖަލީލު މިއަދު ވިދާޅުވީ ގަމާއި ކޮލަމްބޯއާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް ސްރީލަންކަން ހުށަހެޅުމާ ގުޅިގެން އެކަމާ މެދު ސަރުކާރުން މަޝްވަރާކުރަމުން އަންނަ ކަމަށެވެ. އަދި އެ ދަތުރުތައް ކުރުމުގައި ހުރި "އެހެން" ކަންތައްތަކާ މެދު މަޝްވަރާކުރި ނަމަވެސް އެއްވެސް ގޮތެއް ސަރުކާރުން ނުނިންމަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެނަށް އެބަހުރި ރާއްޖޭގެ އެއާލައިންތަކުގެ ކަންބޮޑުވުންތަކެއް ހުށަހަޅާފައި. ގަމާއި މާލެއާ ދެމެދު ބޭރުގެ އެއާލައިނަކުން ދަތުރުތައް ފަށައިފި ނަމަ ރާއްޖޭގެ އެއާލައިންތަކަށް ހުރި ގޮންޖެހުންތައް. ސަރުކާރުން އެކަން ކަމާމެދު ދަނީ މަޝްވަރާކުރަމުން،" ޖަލީލު ވިދާޅުވި އެވެ.

ސްރީލަންކަންއިން ކޮލަމްބޯ އާއި ގަމާ ދެމެދު ދަތުރުތައް ފަށާއިރު ގަމާއި މާލެއާ ދެމެދު ދަތުރުތައް ފަށަން ހުށަހަޅާފައިވާ ކަމެއް ސިވިލްއޭވިއޭޝަނުން ނުބުނެ އެވެ. ނަމަވެސް ކޮލަމްބޯ އިން ސީދާ ގަމަށް ދަތުރުކުރާ އިރު، މާލެ އިން ކޮލަމްބޯއަށް ދަތުރުކުރާ މީހުން އެއް ފްލައިޓެއްގައި ގެންދިއުމަށް މަޝްވަރާކުރަމުންދާކަން އެނގިފައިވެ އެވެ.

ސްރީލަންކާގެ ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ އެ ގައުމުގެ ޑެއިލީ މިރާ ނޫޙުގައި ބުނެފައި ވަނީ ރާއްޖެ އަށް ޒިޔާރަތްކުރާ މީހުންގެ އަދަދު އިތުރުކުރަން ކޮލަމްބޯއާއި ގަމާ ދެމެދު ދަތުރުކުރަން ހުއްދަ ހޯދަން ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން ހަފުތާއަކު ދެ ފްލައިޓް ކޮލަމްބޯ އާއި ގަމާ ދެމެދު ބާއްވާއިރު، ގަމުން މާލެއާ ދެމެދު ދަތުރުކުރަން ވެސް ހުށަހަޅާފައިވާ ކަމަށް އެ އޮފިޝަލް ވިދާޅުވެފައިވެ އެވެ.

"އެ މަޝްވަރާތައް މަޑުމަޑުން ކުރިޔަށް އެބަދޭ،" އޭނާ ވިދާޅުވި އެވެ.