18 May 2013, 11:55
މިދިޔަ އަންގާރަ ދުވަހު ހދ. ކުމުންދޫ ސްކޫލްގައި ފިޒިކްސް ކިޔަވައިދޭ އިންޑިއާ ޓީޗަރަކު ދަރިވަރަކު ގައިގައި ޖެހި ކަމަށް ބުނެ ބެލެނިވެރިންތަކެއް ނުކުމެ ޓީޗަރަށް ހަމަލާދީ ޒަޚަމްކޮށްލި މައްސަލަ ޓީޗާސް އެސޯސިއޭޝަނުން ވެސް ކުށްވެރިކޮށްފި އެވެ.
ޓީޗާސް އެސޯސިއޭޝަންގެ ރައީސް އާތިފް އަބުދުލްހަކީމް ސޮއި ކުރައްވާ އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ޓީޗަރުންނަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކޮށްދެވޭނީ ޓީޗަރުން މަސައްކަތް ކުރާ ވެއްޓަކީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވެސް އަމާން ރައްކާތެރި ތަނަކަށް ވެގެން ކަމަށެވެ. އަދި ފަހަކަށް އައިސް ޓީޗަރުންނަށް ނަފްސާނީ ގޮތުންނާއި ބިރު ދެއްކުމުގެ އިތުރަށް ރަހުމް ކުޑަ ޖިސްމާނީ އަނިޔާތައް ދެމުންދާ ކަމަށް ބުނެ ޓީޗާސް އެސޯސިއޭޝަނުން ނެރުނު ބަޔާނުގައި ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ކުމުންދޫ ސްކޫލްގައި ކިޔަވައިދޭ ޓީޗަރަށް ދިން ހަމަލާ ކުށްވެރިކޮށް ނެރެފައިވާ ބަޔާނުގައި އަދި ބުނީ ބެލެނިވެރިންނަކީ ދަރިވަރުންނަށް ނަމޫނާ ދައްކަން ޖެހޭ ބަޔަކަށްވީ ހިނދު، ޓީޗަރަކާ މެދު ހިތްހަމަނުޖެހޭ ކޮންމެ ފަހަރަކު ސްކޫލުގައި ބޮޑު ތަޅު އަޅުވާ ސްކޫލްގެ ތަކެއްޗަށާއި އިމާރަތަށް ފެއްލުންދީ ހެދުމަކީ ޒިންމާދާރުކަމާއެކު ކުރެވޭ ކަމެއްތޯ ވިސްނާލަން ޖެހޭ ކަމަށެވެ. އަދި މަދު ބެލެނިވެރިންކޮޅެއްގެ ކުރާ އެފަދަ އަމަލަކުން ރަށް ފަޟީހަތްވެ އެފަދަ ރަށްރަށަށް ޓީޗަރުން ދިއުމަށް އުޒުރުވެރިވުމުން ފެއްލުން ލިބެނީ ކޮންބައެއްގެ ދަރިންނަށްތޯ ވިސްނަނާލަން ޖެހޭ ކަމަށެވެ.
އަދި ހިތްހަމަނުޖެހޭ ކޮންމެ ފަހަރަކު ޓީޗަރުންނަށާއި ސްކޫލްގެ ތަކެއްޗަށް ގެއްލުން ދިނުމުގެ ބަދަލުގައި ހަމަޖެހިފައި އޮންނަ އުސޫލެއްގެ ދަށުން އެކަން ކުރިއަށް ގެންދިއުމަށް ވެސް އެބަޔާނުގައި ވަނީ އިލްތިމާސްކޮށްފަ އެވެ.