ދަނޑުވެރިކަމުގެ ދާއިރާގައި ހިމެނޭ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ސަރުކާރުން ދޫކުރުމަށް ހަމަޖައްސާފައިވާ ހަތް މިލިއަން ރުފިޔާގެ ލޯނުގެ 60 ޕަސެންޓް މިދިޔަ އަހަރު ނޮވެމްބަރު މަހު ރާއްޖެ އަސްކުރި ވިއްސާރާގައި ގެއްލުންލިބުނު ދަނޑުވެރިނަށް އަދި 40 ޕަސެންޓް އާންމުކޮށް ދަނޑުވެރިނަށް ދިނުމަށް ނިންމައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީ އިން ބުނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ދަނޑުވެރިކަމަށް ހާއްސަކޮށްގެން ހުޅުވާލި އެލޯނަށް ހުށައެޅި ފަރާތްތަކުގެ ޕުރޮޕޯސަލްތައް އިވެލުއޭޓްކުރުމަށް ފަހު ލޯނަށް ޝަރުތު ހަމަވާ ފަރާތްތަކުގެ ލިސްޓް މިހާރު ބެންކް އޮފް މޯލްޑިވުސް (ބީއެމްއެލް) އަށް ފޮނުވާފައިވާ ކަމަށެވެ. އަދި ލޯން ލިބޭ ފަރާތްތަކާއި ލޯނަށް ހުށައެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަނުވާ ފަރާތްތަކުގެ ނަންތައް އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓްގައި އާންމުކޮށްފައިވާނެކަމަށް ވެސް ބުންޏެވެ.

"ބީއެމްއެލް އަށް ފޮނުވާފައިވާ ލިސްޓުގައި ހިމަނާފައި ވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއިން ކަނޑައަޅާފަިއވާ މިންގަނޑުތަކުގެ މައްޗަށް ބިނާކޮށް ލޯނަށް ހުށައަޅާފައިވާ ފަރާތްތައް އިވެލުއޓް ކުރުމަށް ފަހު އެފަރާތްތަކުގެ ތެރެއިން އެންމެ މަތީ މާކުސް ލިބިފައިވާ ފަރާތްތައް. ބީއެމްއެލް އަށް ފޮނުވާފައިވާ ފަރާތްތަކުގެ ކުރެޑިޓް ހިސްޓްރީ އާއި ކޮލެޓްރަލް ރިކުއާމަންޓުސް އަދި ޕްރޮޕޯސަލް ފީސިވިލިޓީ އަށް ބެލުމަށް ފަހު ލޯނު ހައްގުވާ ފަރާތްތަކަށް ލޯނު ދިނުމުގެ އިންތިޒާމު ބީއެމްއެލްއިން ހަމަޖައްސައިދޭނެ،" އިކޮނޮމިކް މިނިސްޓްރީ އިން ބުންޏެވެ.

އިކޮނަމިކް މިނިސްޓްރީ އިން ބުނީ ލޯނަށް ޝަރުތުހަމަވި ފަރާތްތަކުގެ ތެރެއިން ކުދި އަދި މެދު ފަންތީގެ ވިޔަފާރިއެއްގެ ގޮތުގައި ރަޖިސޓްރީކޮށްފައިނުވާ ފަރާތްތައް ނަމަ ލޯނު ލިބޭނީ ރަޖިސްޓުރީ ކުރުމުން ކަމަށެވެ.

އިކޮނަމިކް މިނިސްޓަރު އަހުމަދު މުހައްމަދު ވިދާޅުވީ ކުދި އަދި މެދުފަންތީގެ ބިލް ރައްޔިތުން މަޖިލީހުން ފާސްވުމާ އެކު އެގާނޫނުގެ ދަށުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޮޑެތި ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން ސަރުކާރުގެ ބަޖެޓުން އެ ވިޔަފާރިތަކަށް ކޮންމެ އަހަރަކު 50 ބިލިއަން ރުފިޔާގެ ލޯނު ލިބިގެންދާ އިރު މިހާރު ގެންގުޅޭ ލޯނު ސުކީމްތަކަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ.