ސޫރިޔާގައި އެގައުމުގެ ސަރުކާރާ އިދިކޮޅު ހަނގުރާމަވެރި ޖަމާއަތްތަކާ ދެމެދު ހިނގަމުންދާ ހަމަނުޖެހުން ހުއްޓާލުމަށް ދިވެހި ސަރުކާރުން ގޮވާލައިފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ ސޫރިޔާގެ ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން ގެއްލޭ ގޮތަށް އެގައުމުގައި ހިންގަމުން ގެންދާ އަނިޔާވެރި އަމަލުތައް ކުށްވެރިކޮށް، އެ ހަމަނުޖެހުންތައް ހުއްޓާލުމަށް ދިވެހި ސަރުކާރުން ގޮވާލާފައިވާ ކަމަށެވެ. ސޫރިޔާގައި ހަމަނުޖެހުން ހިންގަމުންދާ ދިއުން ކުށްވެރިކޮށް އދ. އިން ރޭ ފާސްކުރި ގަރާރު ދިވެހި ސަރުކާރުން ކޯ ސްޕޮންސާކޮށް އެގަރާރާ އެއްކޮޅަށް ވޯޓްދީފައިވާ ކަމަށެވެ.

ސޫރިޔާގެ ހަލާތާ ގުޅޭ ގޮތުން އދ. ފާސްކުރި ފަސް ވަނަ ގަރާރު ރޭ ފާސްކޮށްފައިވާ އިރު އެގަރާރާ ދެކޮޅަށް 12 ގައުމަކުން އަދި ވަކިކޮޅަކަށް ވޯޓްދޭން ނުފެންނަ ކަމަށް 59 ގައުމަކުން ވޯޓް ދީފައިވެ އެވެ.

"ދި ސިޗުއޭޝަން އިން ސީރިއަން އަރަބް ރިޕަބްލިކް"ގެ ފާސްކުރި ގަރާރުގައި ވަނީ އާއްމު ރައްޔިތުންނާ ދެކޮޅަށް ކުރިއަށް ގެންދާ ހަމަނުޖެހުންތައް މިހާރުން މިހާރަށް ނިމުމަކަށް ގެނައުމަށެވެ.

ސޫރިޔާގެ ހަމަނުޖުހުންތަކުގައި މިހާތަނަށް 80،000 މީހުން މަރުވެ، 5.5 މީހުންގެ ގެދޮރު ނެތި ރެފިއުޖީންނަށް ވެފައިވެ އެވެ.