ތަހުގީގުގައި ހަނުހުރުމުން ފުލުހުން ބިރުދައްކާ އިންޒާރުދީ ވަކި ގޮތަކަށް ބަޔާން ނަގަން އުޅެފައިވާ ކަމަށް ބުނެ މީހަކު ކްރިމިނަލް ކޯޓަށް ޝަކުވާގެ މައްސަލައެއް ހުށަހަޅައިފި އެވެ.


ކްރިމިނަލް ކޯޓުން ބުނީ ވައްކަމުގެ ތުހުމަތުގައި ކްރިމިނަލް ކޯޓުގެ އަމުރު ލިބިގެން ބަންދުކޮށްފައިވާ މ.ކޮޅުފުށީ، ޒަހީރާމަންޒިލް މުހައްމަދު ނާޒިމުގެ ފަރާތުން އޭނާގެ ވަކީލު އަލީ ޝާހު ޝަކުވާގެ މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި އެ ޝަކުވާއކީ ޤާނޫނު އަސާސީއާއި ޚިލާފަށް ފުލުހުން ޢަމަލުކުރަމުން ދާކަމަށްބުނެ ހުށަހެޅި ޝަކުވާއެއް ކަމަށެވެ.


ވަކީލު ކްރިމިނަލް ކޯޓަށް ފޮނުވި ޝަކުވާގެ ސިޓީގައި ބުނަނީ ގާނޫނު އަސާސީން ލިބިދީފައިވާ ހަނުހުރުމުގެ ހައްގު ބޭނުންކަމަށް ނާޒިމު ތަހުގީގުގައި ބުނެ ހަނުހުރެފައިވަނިކޮށް ތަހުގީގު ޓީމުން ވަކިގޮތަކަށް ބަޔާން ނަގަން މަސައްކަތް ކޮށްފައިވާކަމަށެވެ. އަދި ނާޒިމު އާއި އޭނާގެ ޢާއިލާއަށް ފުލުހުން ބިރުދައްކާ އިންޒާރު ދެމުން ގެންދާކަމަށެވެ. ބަންދުގައިހުރި ނާޒިމު އާއިމެދުގައި އެކަށީގެންނުވާފަދަ ގޮތްގޮތަށް ފުލުހުން ޢަމަލު ކުރަމުންގެންދާކަމަށްވެސް ބުނެފައިވެ އެވެ.


 ކޯޓުން ބުނީ މި ޝަކުވާތަކަށް ފުލުހުން އިންކާރުކޮށްފައިވާ ކަމަށާއި ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އެއްވެސް އަސާސީ ހައްގަކަށް އުނިކަމެއް އަންނަކަމެއް ނުކޮށް ޤާނުނީ ވަކީލެއްގެ އެހީތެރިކަމާއި ހަނުހުރުމުގެ ހައްގު އޮތްކަން ނާޒިމަށް އަންގާފައި ވާނެކަމަށެވެ. އަދި ހަނުހުރުމަށް ނާޒިމު ބުނި ހިނދުން ފެށިގެން އޭނާއާއި ސުވާލުކޮށްފައި ނުވާނެކަމަށާއި، ނާޒިމުގެ ވަކީލުގެ ޝަކުވާއަކީ ސާބިތުނުހިފޭ ވާހަކަތަކެއް ކަމަށެވެ.