19:00


ރިހެބިލިޓޭޝަން ޕްރޮގްރާމްގައި ބައިވެރިވުމަށް 300 އެއްހާ ގައިދީން ގޭ ބަންދުގައި އެބަތިބި ކަމަށް ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސާވިސަސް އިން ބުނެފި އެވެ.


ޑީޕީއާރުއެސްގެ ޑިރެކްޓަ ޖެނެރަލް މުހައްމަދު ރަޝީދު ވިދާޅުވީ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ 300 އާ ގާތްކުރާ އަދަދަކަށް ކުށްވެރިން ރިހެބިލިޓޭޝަން ޕްރޮގްރާމްގައި ބައިވެރިވެރި ވުމަށް ގެނެސްފައި ތިބިއިރު ބައެއް ގައިދީން ބޭސްފަރުވާއަށް ވެސް މާލެ ގެނެސްފައިވާ ކަމަށެވެ.


ރަޝީދު އަދި ވިދާޅުވީ ގޭބަންދުގައި ތިބި މީހުންގެ ތެރެއިން މިހާތަނަށް ތިރީހަކަށް ގައިދީން ގަވާއިދާ ހިލާފަށް އުޅެގެން އަނބުރާ ޖަލަށް ފޮނުވާލާފައިވާ ކަމަށެވެ.


ރަޝީދު ވިދާޅުވީ ގިނަ އަދަދެއްގެ ގައިދީން ގޭބަންދުގައި ތިބިއިރު އެކި ގޮތްގޮތުން ހުކުމް ތަންފީޒު ނުކުރެވި ތިބި މީހުންގެ އަދަދު މިހާރު 40 އަށް ތިރިކުރެވިފައިވާނެ ކަމަށެވެ. ރަޝީދު ވިދާޅުވީ އެ މީހުންގެ ހުކުމް މައިގަނޑު ގޮތެއްގައި ތަންފީޒު ނުކުރެވި އޮތީ ބައެއް މީހުންނަށް ނޭނގި، ޣައިރު ހާޒިރުގައި ހުކުމް ކޮށްފައިވުމުގެ ސަބަބުން ކަމަށެވެ. މީގެ އިތުރުން ރަށްރަށުގެ ކޯޓުތަކުން ހުކުމްކުރުމުން ރަށު އޮފީހަށް ފިލައިގެން އުޅޭ ބަޔަކު ވެސް އެބަތިބި ކަމަށާއި އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ރަޝީދު ވިދާޅުވި އެވެ.


ރަޝީދު ވިދާޅުވީ ޑީޕީއާރުއެސް އިން މިހާރު ބޮޑަށް މަސައްކަތް ކުރަނީ ގައިދީން އަނބުރާ މުޖުތަމައަށް ގެނައުމަށްޓަކައި ރިހެބިލިޓޭޝަން ޕްރޮގްރާމް އިތުރަށް ފުޅާކުރުމަށް ކަމަށެވެ. އެގޮތުން ވާކްސް ކޯޕަރޭޝަނާއި ސްވަޑާއި އަމިއްލަ މީސްމީހުންނާ ގުޅިގެން ރިހެބިލިޓޭޝަން ޕްރޮގްރާމް ފުޅާކުރެވޭނެ ގޮތްގޮތް ހޯދަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.


ރިހެބިލިޓޭޝަން ޕްރޮގްރާމަށް ގޭބަންދަށް ދޫކުރާ ގައިދީން ބައެއް ފަހަރު ކުށްކުށަށް އަރައިގަނެގެން ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އެގޮތުން ދާދި ފަހުން ހަބީބް ބޭންކުގެ މެނޭޖަރަށް ހަމަލަދީގެން އެކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި އެކަކީ ވެސް ރިހެބިލިޓޭޝަން ޕްރޮގްރާމްގެ ދަށުން ގޭބަންދަށް ދޫކޮށްފައިވާ މީހެއް ކަމަށް ފުލުހުން ބުނެ އެވެ.