18 May 2013, 10:52
ސަންތިއާގޯ ބާނަބިއުގައި ރޭ ކުޅުނު ސްޕެނިޝް ކަޕްގެ ފައިނަލުގައި 10 ކުޅުންތެރިންނާ އެކު ކުޅުނު ރެއާލް މެޑްރިޑް ދޭއް އެކަކުން ބަލިކޮށް ވާދަވެރި އެތުލެޓިކޯ މެޑްރިޑުން 10 ވަނަ ފަހަރަށް ކޮޕާ ޑެލް ރޭ ޓްރޮފީ އުފުލާލައިފި އެވެ.
ރޭގެ މެޗުގައި ރެއާލްގެ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯއާއި ކޯޗު ހޯސޭ މޮރީނިއޯއަށް ވެސް ވަނީ ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ. އަދި ފޯރިގަދަ މެޗުގެ ފުރިހަމަ ވަގުތު ހަމަވީއިރު އެކެއް އެކަކުން ދެޓީމު އެއްވަރުވެފައި އޮތުމުން މެޗުގެ ނަތީޖާ ނެރެން ޖެހުނީ 30 މިނިޓު އިތުރަށް ކުޅުވައިގެންނެވެ. އިތުރަށް ކުޅުވި 30 މިނިޓުގެ ފަހު މިނިޓުގައި އެތުލެޓިކޯގެ ޖީ ފާނޭންޑޭޒްއަށްވެސް ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލާފައެވެ.
މެޗުގެ 14 ވަނަ މިނިޓުގައި ރެއާލް އަށް ކުރިހޯދައި ދިނީ ކުރިސްޓިއާނޯ ރޮނާލްޑޯއެވެ. އެހެން ނަމަވެސް އޭގެ 21 މިނިޓު ފަހުން ޑިއެގޯ ކޮސްޓާ ވަނީ ލަނޑެއް ކާމިޔާބުކޮށް އެތުލެޓިކޯއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. ކޮސްޓާ ލަނޑު ކާމިޔާބު ކުރުމުގެ ކުރިން ރެއާލްގެ މެސުޓް އޮޒިލް، ކަރީމް ބެންޒެމާ އަދި ކްރިސްޓިއާނޯ ރޮނާލްޑޯ ކޮންމެ ކުޅުންތެރިޔަކު ވަނީ އެތުލެޓިކޯގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. އެކަމަކު ތިން ހަމަލާވެސް އަމާޒުވީ ގޯލްގެ ދަނޑިއަށެވެ. 14 އަހަރަށް ފަހު ރެއާލްގެ މައްޗަށް އެތުލެޓިކޯއިން ކުރި ހޯދި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ، 99 ވަނަ މިނިޓުގައި ޖޮއާއޯ މިރިންޑާއެވެ.
މޭޖާ ޓްރޮފީއެއްގައި ބީހިލަން ނުލިބި ސީޒަން ނިންމާލަން ޖެހުނު ރެއާލްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ، މި ސީޒަނަކީ އޭނާގެ ކޯޗިން ކެރިއަރުގެ އެންމެ ބަދު ނަސީބު ސީޒަން ކަމަށެވެ. އަދި ރޭގެ މެޗުގައި ރެއާލް އިން ނުރައްކާތެރި ތިން ހަމަލާ ދަނޑީގައި ޖެހިފައި ބޭރަށް ނުކުމެފައިވާތީ މޮރީނިއޯ ބުނީ މެޗުން މޮޅު ނުވެވުމުގައި ނަސީބުވެސް ދެރައީ ކަމަށެވެ.
އުފަލުން ރޮވިފައި ތިބި އެތުލެޓިކޯ މެޑްރިޑްގެ ކުޅުންތެރިން ބުނީ އެމީހުންނަށް ލިބުނު ޓްރޮފީގެ ހައްގުވެރިންނަކީ 14 އަހަރު ވަންދެން ރެއާލް މެޑްރިޑް ބަލިކުރުމުގެ އިންތިޒާރުގައި ތިބި އެތުލެޓިކޯގެ ސަޕޯޓަރުން ކަމަށެވެ.