18 May 2013, 10:03
ބަޣްދާދު (މޭ 18): ޢިރާޤުގައި މިދިޔަ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު ހިންގި ބޮންގޮއްވުމާއި އެނޫން ހަރުކަށި ޢަމަލުތަކުގައި 100 އަށް ވުރެ ގިނަ މީހުން މަރުވެ 300 އެއްހާމީހުން ޒަޚަމްވެއްޖެ އެވެ.
މީގެ ތެރެއިން ބަޣްދާދުގެ އިރުއުތުރުގެ ބަޢްޤޫބާގެ މިސްކިތަކަށް އަމާޒުކޮށްގެން އެއްވަގުތަކު ދިން ކާރުބޮމުގެ ދެ ޙަމަލާއެއްގައި 47 މީހުން މަރުވެ 70 އަށް ވުރެ ގިނަމީހުން ޒަޚަމްވެފައިވެ އެވެ. މި ކާރުދެބޮން ގޮއްވާލާފައި ވަނީ މަސްޖިދުއްސާރިޔާ ނަމަކަށްކިޔާ މިމިސްކިތުން މީހުން ހުކުރު ނަމާދުން ފޭބިވަގުތުގަ އެވެ. އެހެންކަމުން މިޖަރީމާގައި މަރުވެ އަދި ޒަޚަމްވެފައި ވަނީ އެމިސްކިތުން ހުކުރުން ފޭބި މީހުންކަމަށް ޢިރާޤު ސަރުކާރުން ބުނެ އެވެ. އަދި ބަޣްދާދުގެ ދެކުނުގައިވާ މަދާއިންގައި ބާރުގަދަ ބޮމެއް ގޮއްވާލުމުގެ ސަބަބުން އަށް މީހަކު މަރުވެ 18 އަށް ވުރެ ގިނަމީހުން ޒަޚަމްވެފައިވެ އެވެ.
ބަޣްދާދުގެ އަލްޢާމިރިއްޔާ އަވަށުގެ ވިޔަފާރި މަރުކަޒެއްގެ ކައިރީގައި އިއްޔެ ބާރުގަދަ ބޮމެއް ގޮއްވާލުމުގެ ސަބަބުން 19 މީހަކު މަރުވެ 30 އަށް ވުރެ ގިނަމީހުން ޒަޚަމްވެފައިވެ އެވެ. މީގެއިތުރުން ބަޣްދާދާއި މޫސިލްއާއި ކިރްކޫކް އާއި އެނޫންވެސް އެތަށް ސަރަހައްދުތަކެއްގައި އިއްޔެ އާއި އޭގެ ކުރީދުވަހު ގޮއްވާލި ބޮންތަކާއި އަމިއްލައަށް މަރުވެގެން ދިން ޙަމަލާތަކުގައި 30 އަށްވުރެ ގިނަމީހުން މަރުވެ ސަތޭކަ ފަންސާހަށް ވުރެ ގިނަމީހުން ޒަޚަމްވެފައިވާ ކަމަށް ޢިރާޤުގެ އަމްނާބެހޭ ދާއިރާތަކުން ބުނެ އެވެ. (އަލްޖަޒީރާ)