ލަންޑަން (މޭ 18): އިނގިރޭސިވިލާތުން ނަސާރާ ދީން ފުހެވިގެންދާން ފަށާފައިވާ ކަމަށާއި ނަސާރާ ފައްޅިތަކުން ފެންނަމުންދަނީ އުމުރުން ދުވަސްވެފައިވާ މަދު އަދަދެއްގެ މުސްކުޅިން ކަމަށް އެގައުމުގެ ނޫހެއް ކަމަށްވާ ޑެއިލީ ޓެލެގްރާފް ބުނެފި އެވެ.

މި ނޫހުގައިވާ ދިރާސާ ރިޕޯޓެއް ބުނާ ގޮތުން 2001 ވަނަ އަހަރު އިނގިރޭސިވިލާތުގެ އާބާދީގެ ތެރެއިން ގާތްގަނޑަކަށް 68 އިންސައްތަ މީހުންނަކީ ނަސާރާއިންކަމަށް ތަފާސް ހިސާބުތަކުން ދެއްކި ނަމަވެސް މިއަދުގެ ހަގީގަތަކީ މުޅި އިނގިރޭސި މުޖްތަމަޢުގައި ނަސާރާއިންގެ ނިސްބަތް ގާތްގަނޑަކަށް 50 އިންސައްތައަށް ދަށަށް ގޮސް މުސްލިމުންގެ ނިސްބަތް ހަލުއިމިނެއްގައި މައްޗަށްދާ ކަމެވެ. މިގޮތުން އިނގިރޭސި ރައްޔިތުންގެ ތެރޭގައި ހިމެނޭ އުމުރުން 25 އަހަރުން ދަށުގެ ޒުވާނުންގެ ކޮންމެ ދިހަ މީހެއްގެ ތެރެއިން އެކަކީ މުސްލިމެއް ކަމަށާއި އަލަށް އުފަންވާ ކުދިންގެ ތެރޭގައި ނަސާރާދީން ދީން ގަބޫލުކުރާކުދިން މަދުވެ އިސްލާމްދީން ގަބޫލުކުރާ ކުދިން އިތުރުވަމުންދާ ކަމަށް މިރިޕޯޓް ބުނެ އެވެ.

ދެ ހާސް އެގާރަ ވަނަ އަހަރު އިނގިރޭސިވިލާތުގައި ނެރުނު ތަފާސްހިސާބުގެ ތަޙްލީލީ ރިޕޯޓެއްގައި ލަފާކޮށްފައިވާ ގޮތުން 2020 ވަނައަހަރާ ހަމައަށްދާ އިރު އިނގިރޭސި އާބާދީގައި ފުރަތަމަ ފަހަރަށް ނަސާރާއިން ބައިމަދު ބަޔަކަށް (މައިނޯރިޓީ އަކަށް) ވާންފަށާނެ އެވެ. އެއަށް ފަހު އިނގިރޭސި އާބާދީގައި ނަސާރާދީން ގަބޫލުކުރާމީހުން މަދުވަމުންގޮސް އިނގިރޭސި ނަސާރާއިންނަކީ މުސްތަޤްބަލްގައިވަރަށް ކުޑަކުޑަ ބައިމަދު ޖަމާއަތަކަށް ވެގެންދާނެ ކަމަށް އެރިޕޯޓްގައި ލަފާކޮށްފައިވެ އެވެ.
އިނގިރޭސިވިލާތުގެ ތަފާސްހިސާބުތަކާ ބެހޭ ގައުމީ އިދާރާ "އޮފީސް ފޯރ ނެޝަނަލް ސްޓެޓިސްޓިކްސް"އިން މިދިޔަ އަހަރު ނެރުނު(2011 ވަނަ އަހަރުގެ) ތަފާސްހިސާބުތައް ބުނާ ގޮތުން އިންގްލެންޑާއި ވޭލްޒްގައި ނަސާރާ އިން ކަމަށް ބުނާ މީހުންގެ ނިސްބަތް ވަނީ 2001ގައި ނެގި ތަފާސްހިސާބުތަކުގައިވާ މިންވަރަށްވުރެ 10 އިންސައްތަ ދަށަށްގޮސްފަ އެވެ. މިއީ 10 އަހަރުގެ ތެރޭގައި އިނގިރޭސި ނަސާރާ އާބާދީގެ ތެރެއިން 4.1 މިލިޔަން މީހުންމަދުވުންކަމަށް މިތަފާސް ހިސާބުތަކާ ޙަވާލާދީ ޑެއިލީ ޓެލެގްރާފް ބުނެ އެވެ.

އިނގިރޭސި އާބާދީގައި ނަސާރާއިންގެ ނިސްބަތް ދަށަށްގޮސް މުސްލިމުންގެ ނިސްބަތް މައްޗަށްދާ މައިގަނޑު ސަބަބަކީ އިނގިރޭސިވިލާތަށް ހިޖްރަކުރާ މީހުންގެ ތެރޭގައި މުސްލިމުންގެ ނިސްބަތް ގިނަވެފައި ނަސާރާއިންގެ ނިސްބަތް އާދަޔާ ޚިލާފަށް މަދުވުން ކަމަށާ ނަމަވެސް ނަސާރާއިންގެ ޒުވާނުން އިސްލާމް ދީން ޚިޔާރު ކުރާމިންވަރު މައްޗަށް ދިޔުމަކީ ވެސް މިކަމުގެ ސަބަބެއް ކަމަށް ޑެއިލީ ޓެލެގްރާފްގެ ރިޕޯޓް ބުނެ އެވެ. އަދި އިނގިރޭސި އާބާދީގައި ނަސާރާއިންގެ ނިސްބަތް ދަށަށްދާ މައިގަނޑު އަނެއް ސަބަބަކީނަސާރާއިންގެ ތެރޭގައި ހިމެނޭ ގިނަ އަދަދެއްގެ ބަޔަކު ވަކިދީނެއް ގަބޫލުނުކުރާ މީހުންނަށް ބަދަލުވަމުން ދިޔުމާއި ނަސާރާ އާއިލާތަކަށް އަލަށް އުފަންވާ ކުދިންގެ ތެރޭގައިވެސް ވަކިދީނެއް ގަބޫލުނުކުރާ ކުދިން ގިނަވުން ކަމަށް މިނޫސް ބުނެ އެވެ.

ޑެއިލީ ޓެލެގްރާފުގެ މިރިޕޯޓްގައި އިނގިރޭސިވިލާތުގައި ނަސާރާދީން ގަބޫލުކުރާ މީހުން ދަށްވެ މުސްލިމުންގެ ނިސްބަތް މައްޗަށްދާ މައްސަލަ ސިފަކޮށްފައިވަނީ ބޮޑުވެގެންވާ "ކާރިސާ" އެއްގެ ގޮތުގަ އެވެ. (ޑެއިލި ޓެލެގްރާފް)