18 May 2013, 09:41
ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ވަޑައިގެންނެވި އިރު އެމަނިކުފާނަށް ތާއީދު ކުރި ރައްޔިތުން އެންމެ އުއްމީދުކުރި އެއް ކަމަކީ އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނުނު ދަތުރުފަތުރުގެ ނިޒާމެވެ. ރަށްޓެހި ރަހުމަތްތެރިންނާއި ތިމާގެމީހުން ތިބި އަތޮޅު ތެރޭގެ އެއް ރަށުން އަނެއް ރަށަށް ފަސޭހައިން ގޮސް އައިސް ވުމުގެ އުއްމީދެވެ. ރަށުގައި ހައްދާ އެތިކޮޅަށް އޭގެ ރަނގަޅު އަގު ލިބޭ ރަށަކަށް ފަސޭހައިން އުފުލި، ދަނޑުވެރިކަމުގެ ވިޔަފާރިއަށް ފަސޭހަކަން ލިބުމެވެ.
ރައީސް ނަޝީދުގެ ވެރިކަމުގެ ދެވަނަ އަހަރު މުޅިރާއްޖޭގައި ވެސް ދަތުރުފަތުރުގެ ނިޒާމު ފެށިއެވެ. ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕް އުސޫލުންނެވެ. ފެރީގެ ހިދުމަތްދޭ މީހުންނަށް ރާއްޖޭގެ ރަށެއް ދީގެން، އެ ރަށުން އާމްދަނީ ހޯދައިގެން ހިންގާ ނިޒާމެއްގެ ގޮތުގަ އެވެ.
ވަރަށް ހެޔޮ އަގެއްގައި ފެރީ ދަތުރުތައް ފެށި ކުންފުނިތަކަށް ދޫކުރި ރަށްތައް އަދިވެސް ހުރީ އަތް ނުލެވި އެވެ. ޓޫރިސްޓް ރިޒޯޓެއްގެ ގޮތުގައެއް ވެސް އަދި އެހެން ކަމަކަށް ވެސް ބޭނުމެއް ނުކުރެވުނެވެ. ނަތީޖާއަކަށްވީ ކުންފުނިތައް ބަނގްރޫޓްވާ ހިސާބަށް ގޮސް އެންމެ ފަހުން ދަތުރުފަތުރު ހުއްޓިގެން ދިއުމެވެ. ދަތުރުތައް ހުއްޓުނު އިރު ، ފެރީތަކަށް އެޅި ތެލުގެ އަގު ވެސް ވަނީ ނުދެއްކި އެވެ. ތެޔޮ ކުންފުނިން ފެރީ ކުންފުނި ފަހާ ދުވަނީ އެވެ.
ފެރީގެ ނިޒާމު ހުއްޓުނީ ކީއްވެ ކަމެއް އާއްމު ރައްޔިތުންނަކަށް ނޭނގެ އެވެ. އެއީ އެމީހުންނަށް މުހިއްމު ކަމެއް ކަމަކަށް ވެސް ނުދެކެ އެވެ. އެމީހުންނަށް ބޮޑުވީ ފެރީ ހުއްޓުނު މައްސަލަ އެވެ.
"ފެރީގެ ނިޒާމު ހުއްޓުމުން ރައްޔިތުންނަށް ވަނީ ވަރަށް ބޮޑު ނިކަމެތިކަމެއް ލިބިފައި، ފެރީގެ ހިދުމަތް ލިބެމުން ދިޔަ އިރު އެހިދުމަތުގެ ބޭނުން ރައްޔިތުން އެންމެ ބޮޑަށް ބޭނުން ކުރަމުން ދިޔައީ ސިއްހީ ފޮރުވާ ހޯދުމަށް ދިއުމަށް،" ފެރީގެ ނިޒާމު މިހާރު މުޅިން ހުއްޓިފައި އޮތް ރ. އަތޮޅުގެ ހުޅުދުއްފާރު ރަށުކައުންސިލުގެ ރައީސް މުހައްމަދު ޒުބައިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެނިޒާމު އޮތް އިރު ރައްޔިތުން އެނިޒާމުގެ ބޭނުން ވަރަށް ރަނގަޅަށް ކުރި ކަމަށެވެ.
"އޭރުގައި ކޮންމެ ދުވަހަކު ވެސް ފެރީ ދަތުރުކުރަމުން ދިޔައީ ޖާގަ ފުލްކޮށް، ބައެއް ފަހަރު ދެދަތުރުވެސް ކޮށްފައި އެބަހުރި،" ޒުބޭރު ވިދާޅުވި އެވެ.
އުތުރުގެ ހުރިހާ އަތޮޅެއްގައި ފެރީގެ ނިޒާމު މިހާރު މުޅިން ހުއްޓިފައި ވާއިރު ދެކުނުން ގއ. އަތޮޅާއި ގދ. އަތޮޅުގައި ވެސް އެނިޒާމު މިހާރު ވަނީ ހުއްޓިފަ އެވެ.
އާބާދީގައި 63361 މީހުން ތިބި ހަތަރު އަތޮޅުކަމުގައިވާ ނ. އަތޮޅާއި ރ. އަތޮޅާއި ބ. އަތޮޅާއި ޅ. އަތޮޅުގައި ފެރީގެ ނިޒާމު އޮތް އިރު އެނިޒާމުގެ ބޭނުން ކޮށްގައިވާ މިންވަރު ދަތުރުފަތުރުގެ ތަފާސް ހިސާބަށް ބަލާލުމުން ފެނެއެވެ. ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި ހަތަރު އަތޮޅުގައި އެވްރެޖްކޮށް މަހަކު 18283 މީހުން ފެރީ ނިޒާމުން ދަތުރުކޮށްފައިވެ އެވެ.
ހަތަރު އަތޮޅުގެ ފެރީގެ ނިޒާމު މުޅިން ހުއްޓުމުން އެކަން އަލުން ފެށުމަށް އެހަތަރު އަތޮޅުގެ ކައުންސިލާއި ލޯކަލް ގަވަނެންސް އޮތޯރިޓީ (އެލްޖީއޭ) އާއި ޓްރާންސްޕޯޓް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީއާއި ފެރީގެ ހިދުމަތްދޭ ކުންފުނި ދީބާޖާ ގުޅިގެން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކޮށްފަ އެވެ.
"އުތުރު ސަރަހައްދުގެ ދަތުރުފަތުރުގެ ފޯރަމް 2013"ގެ ނަމުގައި މި މަހުގެ 15 ވަނަ ދުވަހާއި 16 ވަނަ ދުވަހު އެލްޖީއޭގައި ބޭއްވި އެ މަޝްވަރާތަކަށް ފަހު ހުރިހާ ފަރާތްތަކުން ވެސް އެއްބަސް ވެފައި ވަނީ މިހަފުތާގައި ދަތުރުތައް އަލުން ފެށުމަށެވެ. މައްސަލަތަކަށް ވަގުތީ ހައްލެއް ނަމަވެސް ހޯދުމަށެވެ.
ފެރީގެ ނިޒާމު އަލުން ފެށުމަށް ހަތަރު އަތޮޅުގެ ކައުންސިލަރުން ވަނީ ގިނަ ކަންތައްތަކެއް ހުށައަޅާފައެވެ. އެގޮތުން ހިދުމަތް ދިނުމަށް އާމްދަނީ ހޯދުމަށް ސަރުކާރުން ކަނޑައަޅާފައިވާ ރަށުން ލިބޭ އާމްދަނީ ޕަބްލިކް ޓްރަސްޓް ފަންޑަކަށް ޖަމާކޮށް، އެ ފައިސާ އިން ކޮންޓްރެކްޓަރަށް ސަބްސިޑީ ދިނުމަށް ކައުންސިލަރުން ހުށައެޅުއްވި އެވެ. ހުށައެޅުއްވި އަނެއް ކަމަކީ ފެރީގެ ހިދުމަތް ދިނުން އަތޮޅު ކައުންސިލާ ހަވާލު ކުރުމެވެ.
ފޯރަމް ނިންމުމުގެ ގޮތުން ބޭއްވި ސެޝަންގައި ވާހަކަފުޅު ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު އަމީނު އިބްރާހީމް ވިދާޅުވީ ފެރީނިޒާމު ހުއްޓިފައި ހުރި ހުރިހާ ސަރަހައްދެއްގައި ވެސް އެކަން އަލުން ފެށުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
"ތިޔަބޭފުޅުން މިމަސައްކަތްޕުޅު ފެއްޓެވީމާ އަޅުގަނޑަށް ބައެއް ދިމަ ދިމާއިން ސުވާލު އައި، އެއީ ނ. ރ. ބ. ޅ.ގައި އެކަންޏަކު ނޫން މިކަން ހުއްޓިފައި މިއޮތީ، ހއ. ހދ. ށ. ގައި ވެސް ހުއްޓިފައި، ގއ. ގދ.ގައި ވެސް ހުއްޓިފައި، އެހެންވީމާ އެދިމަ ދިމާގައި ތިއްބެވި ބޭފުޅުން ގުޅުއްވާފައި ވިދާޅުވި އޭ ތިމަންނަ މެންނަށް ދެން ވާނީ ކިހިނެތް ހެއްޔޭ ތިމަންނަމެންގެ ހާލެއް ކަލޭމެން ނުބަލަމެއް ނޫންހޭ؟ ދެން އަޅުގަނޑު ދަންނަވަން ބޭނުން ވަނީ އިރާދަ ކުރެއްވިއްޔާ، ހުއްޓިފައި ހުރި ހުރިހާ ސަރަހައްދެއްގައި ހަމަ ވަރަށް އަވަހަށް އެކަން ފެށުމަށް ޓަކައި ކުރަން ޖެހޭ މަސައްކަތްތައް މިދަނީ ކުރަމުން،"
މިނިސްޓަރު ވިދާޅުވީ ހއ. އަތޮޅާއި ހދ. އަތޮޅުގައި ފެރީގެ ހިދުމަތް ދެމުން އަންނަ ފަރާތާ ވާހަކަ ދައްކައިގެން ވަރަށް އަވަހަށް ހިދުމަތް ފެށޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާ ގއ. އަތޮޅާއި ގދ. އަތޮޅުގައި ހިދުމަތް ފެށުމަށް އެމްޓީސީސީއާ ވާހަކަ ދައްކަވާފައިވާ ކަމަށެވެ. ގއ. އަތޮޅާއި ގދ. އަތޮޅުގައި ހިދުމަތް އަލުން ފެށުމަށް އެމްޓީސީސީއާ ވާހަކަ ދައްކަވާފައިވާ ކަމަށާއި އަންނަ ހަފުތާ (މި ހަފުތާ)ގައި އެކަމާ މެދު ގޮތެއް ނިމޭނެ ކަމަށެވެ.
"ދީބާޖާ" އިން ހިދުމަތް ދެމުން އަންނަ ނ. އަތޮޅާއި ރ. އަތޮޅާއި ބ. އަތޮޅާއި ޅ. އަތޮޅުގައި އަންނަ ފެށުމަށް ފޯރަމްގައި ވަނީ ނިންމާފަ އެވެ. އަދި އެކަން ފެށުމަށް ދީބާޖާ އިން ވަނީ އެއްބަސް ވެފައެވެ.
ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވެސް ވިދާޅުވީ ފެރީގެ ހިދުމަތް ހުއްޓުމުގެ މައްސަލައަށް މިހާރު އަލިމަގެއް ފެނިފައިވާ ކަމަށެވެ.
"އަޅުގަނޑަށް ހީވަނީ މިހާރު މިކަމުގައި އަލިމަގެއް އެބަފެނޭހެން. އަޅުގަނޑުމެން އަލަށް އިއުލާން ކުރާ ދެ ރަށުގެ އެކްއިޒިޝަން ކޮސްޓް މިއުޅެނީ ޓްރާންސްޕޯޓް ފަންޑަށް ލާން. އެހެން ވީމާ ޓްރާންސްޕޯޓް ފަންޑުން ވެސް ޓްރާންޕޯޓް މިނިސްޓަރަށް ވަރަށް ބޮޑު އެއްޗެއް ފެސިލިޓޭޓް ކުރެވިގެންދާނެ،" އަދީބު ވިދާޅުވި އެވެ.
ދަތުރުފަތުރުގެ ނިޒާމު ހުއްޓުމަކަށް އަންނަން ޖެހުނު ސަބަބެއް ކަމަށް ކައުންސިލަރުންނާއި ޓްރާންސްޕޯޓް އަދި ޓޫރިޒަމް މިނިސްޓްރީން ވެސް އިއްތިފާގުވާ ސަބަބެއް އެބަ އޮތެވެ. އެއީ އެނިޒާމު ތައާރަފް ކުރި އިރު ކުރީގެ ސަރުކާރުން ރޭވި މޮޑެލް ކަމު ނުދިއުމެވެ. އެމޮޑެލްއާ އެއްގޮތަށް ދޫކުރި ރަށްތައް ހެދޭނެ ފެންވަރެއް، ފެރީގެ ނިޒާމާ ހަވާލުވި ކުންފުނިތަކުގައި ނެތީ އެވެ. އެހެންވެ އެ ކުންފުނިތަކަށް ލިބުނު ރަށްތައް ހަދާނެ ފަރާތެއް ހޯދުމަށް މަސައްކަތް ކުރަން ޖެހި، އެކަން ވެސް ކާމިޔާބު ނުވެ އޮއްވައި ހިދުމަތް ފަށައި ކުރިއަށް ގެންދަން ޖެހުމުން ކުންފުނި ވެސް ބަނގްރޫޓްވާ ހިސާބަށް ކަންތައްތައް ދިޔައީ އެވެ.
"ދެން މިމޮޑެލްއަށް ބަލައިލާ އިރުގައި، ފުރަތަމަ މިދެނީ ރަށެއް، ދިނީމާ އެބޭފުޅުން އެ ރަށް މިސާލަކަށް ވިއްކާލައިގެން ނުވަތަ ސަބްލީސްކޮށްގެން އެއްފަހަރާ ލިބޭ ލާރިކޮޅުން ދަތުރު ފަތުރު މިފަށަނީ. ދެން ކޮންމެ ގޮތެއް ވިޔަސް އެރަށް ހަދާ މީހަކަށް ވެސް އެބަ ޖެހޭ ކޮންސްޓްރަކްޝަން ޕީރިއަޑެއް ދޭން، ދެން އެފައިސާ ހުސްވެއްޖެއްޔާ ދެން ކިހިނެތްތޯ މިވަނީ، އެކަހަލަ ބައިވަރު އިޝޫ އެބަ ހުރޭ، " ދަތުރު ހުއްޓެން ދިމާވި ގޮތާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އަދީބު ވިދާޅުވި އެވެ.
އަދީބު ވިދާޅުވީ އެކަމުގެ ސަބަބުން ދަތުރުފަތުރުގެ ހިދުމަތްދޭ ކުންފުނިތައް ބަނގްރޫޓްވާ ހިސާބަށްދާ ކަމަށެވެ.
އެމައްސަލަ ހައްލުކުރަން މިހާރު ވަނީ އެހެން ގޮތަކަށް ވިސްނާފަ އެވެ.
ސަރުކާރުން މިހާރު ނިންމާފައި ވަނީ ޓްރާންސްޕޯޓް ފަންޑުގެ ނަމުގައި ފަންޑެއް އުފައްދައި، ދަތުރުފަތުރުގެ ނިޒާމަށް ހިނގާ ހަރަދު ހޯދުމަށް ކަނޑައަޅާފައިވާ ރަށްތަކުގެ ކުލި އެފަންޑަށް ޖަމާކޮށް، އެ ފަންޑުން ސަބްސިޑީ ދިނުމަށެވެ.
".. އަޅުގަނޑަށް ހީވަނީ މިހާރު އަމީނު އެ ގެންގުޅުއްވާ މޮޑެލް މާ ރަނގަޅުހެން، މާނައަކީ ބޭފުޅުން ދަތުރު ކުރީމާ، އެއަށް ސަބްސިޑީ ދޭންވާ ވަރަށް ސަރުކާރުން ސަބްސިޑީ ދޭނެ. އެ ލާރި ހުންނާނެ އެރަށްތަކުގެ އެކުއިޒިޝަން ކޮސްޓް އެ ފަންޑަށް (ޓްރާންސްޕޯޓް ފަންޑަށް) ޖަމާ ކުރީމާ، ދެން އެރަށްތައް ހެދުނީމާ ، އެރަށްތަކުގެ ރެންޓް ޖަމާވާނީ އެ ފަންޑަށް. އެހެން ވެއްޖެއްޔާ އެފަންޑް އަބަދުވެސް އޮންނާނެ އަބަދުވެސް ސަރުކާރުގައި، އެހެންވީމާ އެދަތުރުފަތުރު ކޮންމެ ބަޔަކު ކުރިޔަސް އެބަޔަކު އެކަން ކޮށްފައިތާ އަންނަން ޖެހޭނީ ސަބްސިޑީ ހޯދަން. މިސާލަކަށް މިއޮތިއްޔޭ ދަތުރު ކުރެވުނު އަދަދު، މިހިރިއްޔޭ އަތުން ހަރަދުވި ވަރު،" އަދީބު ވިދާޅުވި އެވެ.
ސަރުކާރުގެ އާ މޮޑެލަށް ފެރީގެ ނިޒާމު ބަދަލުކުރަން ޖެހެނީ، ކުރީގެ މޮޑެލާ އެއްގޮތަށް ކުރިއަށް ނުގެންދެވޭނެކަން މިހާރު ގާތްގަނޑަކަށް ޔަގީން ވެފައި ވާތީ އެވެ. އެމޮޑެލަށް އެކަން ކުރިއަށް ގެންދާ ނަމަ ފެރީގެ ނިޒާމު އަބަދުވެސް އޮންނާނީ ހުއްޓިފަ އެވެ. ރައްޔިތުން ތިބެން ޖެހޭނީ ކުރިއެކޭ އެއްގޮތަށް ރަށު ބަންދުގަ އެވެ.