18 May 2013, 09:20
ގެދޮރު އެޅުމަށް ލޯނު ދޫކުރާ ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)ގެ މިދިޔަ އަހަރުގެ ސާފު ފައިދާ އިން ހިއްސާއަކަށް 10ރ. ބަހަން ނިންމައިފި އެވެ.
ސަރުކާރާއި އެޗްޑީއެފްސީ އިންވެސްޓްމަންޓް އިންޑިއާ އާއި އައިއެފްސީ އަދި އޭޑީބީގެ ހިއްސާވާ ކުންފުނީގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ ވަނީ މިމަހުގެ 11 ވަނަ ދުވަހު މާބްލް ހޮޓެލްގައި ބާއްވައިފަ އެވެ.
އެ ކުންފުނީގެ އިސް އޮފިޝަލަކު ވިދާޅުވީ ކުންފުނީގެ ހިއްސާދާރުންނާ އެކު ބޭއްވި އަހަރީ އާއްމު ޖަލްސާގައި ނިންމާފައި ވަނީ މިދިޔަ އަހަރުގެ ސާފު ފައިދާއިން 33 ޕަސެންޓް ހިއްސާދާރުންނަށް ބެހުމަށް ކަމަށެވެ. އެގޮތުން 100ރ. މޫނުމަތީ ހިއްސާއަކަށް 10ރ. ބަހަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެޗްޑީއެފްސީގެ 49 ޕަސެންޓް ހިއްސާ އޮންނަ ދިވެހި ސަރުކާރަށް މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި 7.8 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުނީގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.
އެ ކުންފުނިން ބުނީ 2009 ވަނަ އަހަރު އެޗްޑީއެފްސީ ޕްރައިވެޓައިޒްކުރުމަށް ފަހު، މިއީ ކުންފުނީގެ ފައިދާއިން ހިއްސާ ބެހި ތިން ވަނަ ފަހަރު ކަމަށެވެ.
އެޗްޑީއެފްސީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އެ ކުންފުންޏަށް 48.9 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ލިބިފައިވެ އެވެ. އަދި ހިއްސާއަކަށް 30.73ރ. ޖެހިފައިވާ ކަމަށް އެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.
އެ ކުންފުނީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ހިންގުމުގެ ފައިދާގެ ގޮތުގައި 72.5 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
އެޗްޑީއެފްސީން ބުނީ މިދިޔަ އަހަރު ގައުމަށް ދިމާވި ސިޔާސީ ހަލަބޮލިކަމުގެ ސަބަބުން ކުންފުންޏަށް ލޯނު ލިބުމަށް ދިމާވި މައްސަލަތައް ހައްލުވެފައިވާ ކަމަށެވެ. އަދި ކުންފުނި ހިންގުން މިދިޔަ އަހަރު ވަރަށް ބޮޑަށް ރަނގަޅުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެޗްޑީއެފްސީން ބުނީ ކުންފުނީގެ ހިންގުން ހަރުދަނާވުމާ ގުޅިގެން ގެދޮރު އިމާރާތްކުރަން މުޅި ރާއްޖެ އަށް ލޯނު ދޫކުރަން ފަށާފައިވާ ކަމަށެވެ. އެގޮތުން އާއްމުކޮށް މުސާރަ ލިބޭ ފަރާތްތަކަށް ގެދޮރު އިމާރާތްކުރަން ލޯނު ދޫކުރަން ފަށާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
"މިހާރު މުސާރައިން އުނިކުރާ ގޮތަށް ކޮންމެ ރަށެއްގެ މީހަކަށް ވެސް ލޯނު ދޫކުރަމުން ދަނީ. އަދި މާލެއަށް ލޯނުދޫކުރާ ގޮތަށް މިވަގުތު 13 ރަށަކަށް ދަނީ ލޯނު ދޫކުރަމުން،" އެ ކުންފުނީގެ އޮފިޝަލް ވިދާޅުވި އެވެ.
އެ އޮފިޝަލް ވިދާޅުވީ މާލެއާ އެއްގޮތަށް ބިން މޯގޭޖްކުރުމަށް ފަހު ލޯނު ދޫކުރަނީ އައްޑޫ އަތޮޅަށާއި ފުވައްމުލައް، ގދ. ތިނަދޫ، ލ. ގަން، ފޮނަދޫ، ޅ. ނައިފަރު އަދި ހދ. ކުޅުދުއްފުއްޓަށް ކަމަށެވެ.
"އެ ރަށްރަށަށް މާލެއާ އެއްގޮތަށް ލޯނު ދޫކުރަނީ ބިމުގެ އަގު ބޮޑުވުމުން. މީގެ ސަބަބުން އެ ރަށްރަށުގެ އިންފްރާސްޓަރަކްޗާ ވަރަށް ބޮޑަށް ކުރިއަރައިގެންދާނެ،" އޭނާ ވިދާޅުވި އެވެ.
އެޗްޑީއެފް.ސީ ރައުސުލްމާލް ރީސްޓްރަކްޗާކޮށް އަދި ވިޔަފާރި އަލުން ފެށުމުގެ މަޝްރޫއު ފެށުނީ ފެބްރުއަރީ 2009، 10ގަ އެވެ.
އެ ކުންފުނިން ބުނީ ކުންފުނި ރީސްޓްރަކްޗާކުރުމަށް ފަހު ވިޔަފާރިއަށް އެންމެ ފުރަތަމަ ރައުސުލްމާލް ދައްކާފައި ވަނީ ބައިނަލްއަގުވާމީ ޝެއާހޯލްޑަރުން ކަމަށެވެ. މީގެ އިތުރުން އައިއެފްސީ އާއި އޭޑީބީގެ ފަރާތުން ތަފާތު އެކި ގޮތް ގޮތުން، ހަތް އަހަރު ދުވަހުގެ ތެރޭގައި ރައުސުލްމާލް ދެއްކުމުގެ ވަސީލަތްތައް ހޯދާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެޗްޑީއެފްސީ އަކީ ރާއްޖޭގައި ހުރި ހައުސިން ފިނޭންސް އަށް ހާއްސަކޮށްގެން ލޯން ދޫކުރާ ހަމައެކަނި ކުންފުންޏެވެ.
އެ ކުންފުނިން ބުނީ ފައިނޭންސިން ދާއިރާގެ ހަ ވިޔަފާރި ބޭންކް މަސައްކަތްކުރަމުންދިޔަ ނަމަވެސް، އެޗްޑީއެފްސީގެ ލޯން ސްކީމްއަކީ ލޯން އަނބުރާ ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތު ދިގު އަދި އާމްދަނީ ހިއްސާވާގޮތަށް ހަމަޖެހިފައިވާ ގެދޮރު ޢިމާރާތްކުރުމުގު ލޯން ސްކީމެއް ކަމަށް ވާތީ، 2010 ވަނަ އަހަރުގައި އެ އިންޑަސްޓްރީގެ ޕޯޓްފޯލިއޯ އެއް ބިލިއަން ރުފިޔާއަށް އަގުކުރެވުނު އިރު، އެޗްޑީއެފްސީ ވަނީ އެ އަހަރުގެ ނިޔަލަށް މާކެޓްގެ 30 ޕަސެންޓްގެ ހިއްސާ ހޯދާފައިވާ ކަމަށެވެ.