17 May 2013, 23:03
މާލޭގައި ދެ ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލުމާ ގުޅިގެން މާލެ ތެރޭގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ ޚާއްސަ ހަރަކާތްތަކެއް ފުލުހުން ފަށައިފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިއަދު މާލެ ތެރޭގައި ހިނގައިދިޔަ މާރާމާރީތަކާ ގުޅުން ހުރި މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންގެންދާ ކަމަށާއި ނަމަވެސް މިހާތަނަށް އެ މައްސަލައިގެ ތުހުމަތުގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.
އެކަމާ ގުޅިގެން މިރެއިން ފެށިގެން މާލެ ތެރެ ބެލެހެއްޓުމަށް ފުލުހުން ކުރިއަށް ވުރެ ބޮޑަށް ހަރަކާތްރެރިވަމުންގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މާލެ ތެރޭގައި ފުލުހުން އެކަމާ ގުޅިގެން ޚާއްސަ ޕެޓްރޯލެއް ފަށައިފައި މިވަނީ، އެގޮތުން ކުރިއަށް ވުރެ ބޮޑަށް މާލޭގެ އެކި ސަރައްދުތަކުގައި ފުލުހުން ހަރަކާތެރިވަމުން ގެންދާނެ،" އޮފިޝަލް ވިދާޅުވި އެވެ.
މާލެ ތެރޭގައި މިރޭ ދިން ފުރަތަމަ ހަމަލާ އަމާޒުވެފައިވަނީ ސްޓާ ސިނަމާ ކައިރީގައި ހުރި 20 އަހަރުގެ ޒުވާނެއްގެ މެޔަށާއި ބުރަކައްޓަށެވެ. އޭގެ ކުޑައިރު ކޮޅެއްގެ ތެރޭގައި ދެވެނަ ހަމަލާ ވެސް ދީފައިވަނީވެސް 20 އަހަރުގެ ޒުވާނަކަށެވެ. ޕީޓްރަލް ކައިރިން ދިން އެހަމަލާގައި އޭނާގެ ބުރަކައްޓަށް ތޫނުއެއްޗަކުން ވަނީ ހަމަލާދީ ވަނީ ޒަޚަމް ކޮށްލާފަ އެެވެ.
މި ދެ ޒުވާނުން ނަށްވެސް މިހާރު އައިޖީއެމްއެޗްގައި އަންނަނީ ފަރުވާދެމުންނެވެ.