17 May 2013, 22:22
ދުނިޔޭގެ މުއާސަލާތާއި އިންފޮމޭޝަން ޓެކްނޯލޮޖީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރާއްޖޭގައި މުއާސަލާތީ ހިދުމަތްދޭ އެއް ކުންފުނި ކަމަށްވާ ވަތަނިއްޔާ ޓެލެކޮމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދުވަހުގެ ޝިއާރާ ގުޅުވައިގެން އާންމުން ހޭލުންތެރި ކުރުވުމުގެ ސޯޝަލް މީޑިޔާ ކެމްޕޭނެއް މިއަދު ފަށައިފިއެވެ.
މިއަހަރުގެ ބައިނަލްއަގްވާމީ މުއާސަލާތާއި އިންފޮމޭޝަން ޓެކްނޯލޮޖީ ދުވަހަށް ހަމަޖެހިފައިވާ ޝީޢާރަކީ "އައިސީޓީސް އެންޑް އިމްޕުރޫވިން ރޯޑްސޭފްޓީ" އެވެ.
ވަތަނިއްޔާއިން ބުނީ އާންމުން ހޭލުންތެރި ކުރުމަށް އެކުންފުނިން މިއަދު ފެއްޓި ސޯޝަލް މީޑިޔާ ކެމްޕޭނުގައި އާންމުންނަށް ރޯޑް ސޭފްޓީއަށް އައިސީޓީގެ މުހިއްމުކަން އަންގައިދޭ އެކިއެކި މެސެޖްތައް ފޯރުކޮށްދޭނޭ ކަމަށެވެ.
ވަތަނިއްޔާގެ ސީއީއޯ ހާރޫން ޝަހުލް ހަމީދު ވިދާޅުވި ގޮތުގައި ޓެލެކޮމިއުނިކޭޝަން ދާއިރާއާއި މަގުމަތީގެ މަގުމަތީގެ ސަލާމަތާއި ރައްކާތެރިމާއި ވަނީ ވަރަށް ބޮޑަށް ގުޅި ލާމެހިފައެވެ.
"މިހާރު ކޮންމެ މީހެއްގެ އަތުގައި ފޯނެއް އޮންނައިރު، މަގުމަތީގައި ދުއްވާ އެއްޗެހީގައި އުޅުއްވާއިރު، ތިމާއާއި އެހެން މީހުންގެ ސަލާމަތަށް ވިސްނުމަކީ ފަރުދީ ޒިންމާއެއް. އަދި ހެދިފައިވާ ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ފޯނު އަދި އެހެނިހެން އާލާތްތައް ބޭނުން ކުރުން ވަރަށް މުހިއްމު،" ހާރޫން ޝަހުލް ހަމީދު ވިދާޅުވިއެވެ.
ވަތަނިއްޔާއިން ބުނީ އެކުންފުނިން މިދުވަހުގެ މުހިއްމުކަން ފާހަގަ ކުރަނީ، ވަތަނިއްޔާގެ ދިރިހުރުމާއި މުސްތަގުބަލަކީ މިފަދަ ދުވަސްތަކާއި ގުޅި ލާމެހިފައިވާ ކަންކަމަށްވާއިރު މިދުވަހަށް ހަމަޖެހިފައިވާ ޝީޢާރު "އައިސީޓީސް އެންޑް އިމްޕުރޫވިން ރޯޑްސޭފްޓީ"ގެ މުހިއްމުކަން އާންމުންނަށް އަންގައި ދިނުމަކީ އެ ކުންފުނީގެ ޒިންމާއެއްކަމަށް ގަބޫލު ކުރެވޭތީ ކަމަށެވެ.
ވަތަނިއްޔާ ޓެލެކޮމް މޯލްޑިވްސް ވުޖޫދަށް އައި ފަހުން ރާއްޖޭގެ މުވާސަލާތީ ހިދުމަތްތަކަށް ފާހަގަ ކޮށްލެވޭ ހެޔޮ ބަދަލުތަކެއް އައިސްފައި ވާކަން ފާހަގަ ކޮށްލަން ޖެހެއެވެ. އަދި ވޭތުވެ ދިޔަ ހަތް އަހަރު ދުވަހުގެ ތެރޭގައި އެކުންފުނިން ވަނީ ރާއްޖޭގައި އައިސީޓީ ދާއިރާ ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
ދުނިޔޭގެ މުއާސަލާތާ ބެހޭ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 17 ވަނަ ދުވަހުއެވެ.