އައްޑޫ ސިޓީގެ މަރަދޫގައި މިދިޔަ ބުދަ ދުވަހު ހިނގާދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުން ހައްޔަރުކުރި އެރަށުގެ ޒުވާނުންގެ އާއިލާތަކާއި ކުރީގެ ހޯމް މިނިސްޓަރު އަދި ޕީޕީއެމްގެ ރިޔާސީ ކެނޑީޑޭޓްގެ ރަނިންގް މޭޓް ޑރ. މުހައްމަދު ޖަމީލް އަހުމަދު ބައްދަލުކުރައްވައިފި އެވެ.

މަރަދޫގައި ހުންނަ ޕީޕީއެމްގެ ޖަގަހައެއްގެ ތެރޭގައި ހިނގައި ދިޔަ ހަމަ ނުޖެހުންތަކާ ގުޅިގެން ފުލުހުން ވަނީ އެރަށުން އަށް މީހަކު ހައްޔަރުކޮށްފަ އެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ޕީޕީއެމާއި އެމްޑީޕީގެ ސަޕޯޓަރުން ހިމެނެ އެވެ. އެމައްސަލައިގައި ހިމެނޭ އެކަކު ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ގެންދިއުމުން ވަނީ ދޫކޮށްލަައިފަ އެވެ. އަނެއް ހަތް މީހުންގެ ބަންދަށް ކޯޓުން 10 ދުވަސް ޖަހާދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ސަން އަށް ދެއްވި އިންޓަވިއުއެއްގައި ކުރީގެ ހޯމް މިނިސްޓަރު ޑރ. ޖަމީލް ވިދާޅުވީ އެހަމަނުޖެހުންތަކާ ގުޅިގެން އެރަށުން ހައްޔަރުކުރި މީހުންގެ އާއިލާތަކުން ކަންބޮޑުވުންތަކެއް ފާޅުކުރަމުން ގެންދާތީ އެ ފަރާތްތަކާ މިއަދު ބައްދަލުކުރައްވާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެކަމުގައި ފުލުހުން ހަރަކާތްތެރިވާން ޖެހޭނީ ގާނޫނާ ގަވާއިދާ އެއްގޮތަށް ކަމަށް ދެކެވަޑައިގެންނަވާ ކަމަށާއި ނަމަވެސް އެއްވެސް ކަމެއް ގާނޫނުން ބޭރުގައި ހިނގާފައިވާ ނަމަ އެކަމެއް އެނގޭނީ ބަލަންޖެހޭ ފަރާތްތަކުން ބެލުމުން ކަމަށެވެ.

"ފުލުހުން ބަޔަކަށް އަނިޔާކުރި ކަމަށް ބުނެ އެކަމުގެ އިލްޒާމް އެފަރާތްތަކުން މިއަޅުވަނީ، އެހެންވެ އަޅުގަނޑު ދެންނެވީން އެކަންކަން ބެލިގެން ނޫނީ އެކަމާ މެދު ގޮތެއް ނިންމަން އަދި ނޭނގޭނެއޭ، އަޅުގަނޑު ދެކޭ ގޮތެއްގައި ފުލުހުން ހަރަކާތްތެރިވާނީ ވެސް އަދި ވާން ޖެހޭނީ ވެސް ގާނޫނުގެ ތެރެއިން، ފުލުހުންގެ އެސްއޯ ޓީމް އެރަށަށް ދިޔައީ އައްޑުއަތޮޅުން އެދިގެން، އެހެންވެ ފުލުހުންނާ ބެހޭ ކަންކަން ބެލުމަށް ހެދިފައި ހުރި މުއައްސަސާތަކުން އެކަން ބެލިގެން ނޫނީ އެކަމުގެ ހަގީގަތެއް ނޭނގޭނެ"، ޑރ. ޖަމީލް ވިދާޅުވި އެވެ.

އައްޑޫ ސިޓީގެ މަރަދޫއަށް ފުލުހުންގެ އެސްއޯޓީމް ގޮސްފައިވަނީ މަރަދޫގައި ދެ ގްރޫޕަކުން މަރާމާރީ ހިންގަން އުޅުނު ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ނެވެ. އަދި އެ މައުލޫމާތަކާ ގުޅިގެން ބަޔަކު ފާސްކުރަމުން ދަނިކޮށް އެރަށުގެ ބަޔަކު ވަނީ ފުލުހުންނަށް ހަމަލާދީ ހަމަނުޖެހުން ހިންގުމަށް މަސައްކަތްކޮށްފަ އެވެ.