މާފަންނު ސްޓޭޑިއަމްގައި މިހާރު ކުރިއަށް ގެންދާ ވަތަނިއްޔާ ކުލަބު މޯލްޑިވްސް ކަޕުގެ ގަދަ ސޯޅައިގައި މިއަދު ކުޅުނު މެޗުތައް ކާމިޔާބުކޮށް ކަސްޓަމްސް ރެކްރިއޭޝަން ކުލަބު (ސީއާރުސީ)އާއި، އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސް)އާއި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަދި ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.

އެސްޓީއޯގެ ޓީމު ކުއާޓާ ފައިނަލުން ޖާގަ ހޯދީ ގަދަ 16ގެ މެޗު ތަކުގެ ތެރެއިން މިއަދު މެންދުރު ފަހު ކުޅުނު ފުރަތަމަ މެޗުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޓީމާ ވާދަކޮށް ތިނެއް ދޭކުން މެޗު ކާމިޔާބު ކޮށްގެންނެވެ. މެޗުގައި އެސްޓީއޯގެ ފުރަތަމަ ދެ ލަނޑު ޖަހައި ދިނީ، މުހައްމަދު ސުރޭހް ސައީދުއާއި އަލީ ނާސިހުއެވެ. އަދި ތިންވަނަ ލަނޑަކީ ރައީސް އޮފީހުގެ އިބްރާހީމް ޝިފާގުގެ އަތުން ބައިކޮޅަށް ވައިން ލަނޑެކެވެ. ރައީސް އޮފީހުން ކާމިޔާބު ކުރި ދެލަނޑު ޖަހައިދިނީ އަލީ އަހްތަރުއާއި އިބްރާހީމް ޝިފާގުއެވެ.

އައިއޭއެސް ކުއާޓާއިން ޖާގަހޯދީ މިއަދުގެ ދެވަނަ މެޗުގައި އެފްއެސްއެމް ޔުނައިޓެޑް ދޭއް އެކަކުން ބަލިކޮށްގެންނެވެ. އައިއޭއެސްގެ ދެލަނޑު ކާމިޔާބު ކުރީ އަލީ ޝިފާއުއާއި ހުސައިން އަލީއެވެ. އަދި އެފްއެސްއެމް ޔުނައިޓެޑުގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ އާދަމް ނާސިހުއެވެ.

ސީއާރުސީ ކުއާޓާއިން ޖާގަ ހޯދީ މިއަދު ކުޅުނު ތިންވަނަ މެޗުގައި ޓީމް ފެނަކަ އަތުން ތިނެއް ދޭކުން މޮޅު ވެގެންނެވެ. އެމެޗުގައި ސީއާރުސީގެ ތިން ލަނޑުގެ ތެރެއިން ދެލަނޑު ކާމިޔާބު ކޮށްދިނީ މުމްތާޒު އަބްދުއްރަޝީދުއެވެ. އަދި އަނެއް ލަނޑު ކާމިޔާބު ކޮށްދިނީ ހުސައިން ޝުއައިބުއެވެ. ޓީމް ފެނަކައަށް ދެލަނޑުވެސް ޖަހައިދިނީ އަބްދުﷲ ޒައީމް އެވެ.

ޑީއެސްސީ މުބާރާތުގެ ކުއާޓާއިން ޖާގަ ހޯދީ މިއަދު ހަވީރު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ ވާދަކޮށް ޕެނަލްޓީ ޖަހައިގެން ހަލަނޑު ހަތަރު ލަނޑުން މެޗު ކާމިޔާބު ކޮށްގެންނެވެ. ޑީއެސްސީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހުސެއިން އަމީން ދެލަނޑު، އަހުމަދު ހުސައިން، އަހްމަދު ތޯހާ، އަލީ ފަރީދު، އަދި އަހްމަދު ފަޒާލުއެވެ. އެމްއޭސީއެލްގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ މުހައްމަދު ހައިޝަމް ނަޖީބު، މޫސާ ވަޖުދީ އިބްރާހީމް ފުރުގާން އަދި އިސްމާއީލު މުހައްމަދު އެވެ.

ގަދަ 16ގެ ބާކީ ހަތަރު މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މާދަމާ ހަވީރުއެވެ. އެގޮތުން ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ އެމްޕީއެލް އާއި ކުލަބު އެޗްޑީސީއެވެ. ދެވަނަ މެޗުގައި ޕޮލިސް ކުލަބާއި އެލައިޑްއެވެ. އަދި ތިންވަނަ މެޗުގައި ޔުނައިޓެޑް ބީއެމްއެލް އާއި އެމްޑަބްލިޔުއެސްސީ ވާދަކުރާއިރު ހަތަރު ވަނަ މެޗުގައި ވާދަކުރާނީ މާލޭ ސިޓީ ކައުންސިލާއި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)އެވެ.