17 May 2013, 20:39
ސަފާރީއަކުން ގަވާއިދާ ޚިލާފަށް ބާލައިގެން މާލެ ގެންނަން އުޅުނު ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކެއް މާލޭ ހުޅަނގު ދެކުނު ފަރާތު ހާބަރުގައި އޮތް ދޯންޏަކުން ފުލުހުން އަތުލައިގެންފި އެވެ.
ފުލުހުން ބުނީ ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި އެފުޅިތަށް ފެނިފައި ވަނީ މިއަދު ހެނދުނު 10:40 ހާއިރު ކަމަށެވެ.
ފުލުހުން އެދޯންޏަށް ގޮސް ބަލައި ފާސްކުރިކުރުމުން ފޮށިގަނޑުތަކުގައި ބަންދުކޮށްފައި ހުރި އޮރިޖިނަލް ޕެކިންގައި ހުރި 85 ބަނގުރާ ފުޅި ފެނިފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ "ބްލެކް އެންޑް ވައިޓް ބްލެންޑެޑް ސްކޮޗް ވިސްކީ"ގެ 36 ފުޅިއަކާއި "ވަޓް 69 ބްލެންޑެޑް ސްކޮޗް ވިސްކީ" ގެ 48 ފުޅިއާއި "ސިމިނޮރފް" އެއް ފުޅި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އެ ބަނގުރާ ފުޅިތަކާ ގުޅުން ހުރި ސަފާރީއެއް ބަލައިފާސްކުރި އިރު އެ ސަފާރީން 113 ފުޅި ބަނގުރަލާއި 70 ބިޔަރު ދަޅު ފެނިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން މިހާތަނަށް ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރުކޮށްފައި ވަނީ އުމުރުން 42 އަހަރުގެ ދިވެއްސަކާއި 23 އަހަރުގެ ދިވެއްސެއްގެ އިތުރުން 22 އަހަރުގެ ބިދޭސީއެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލަ ފުލުހުން ގެންދަނީ މިހާރު ތަހުގީގު ކުރަމުންނެވެ.