17 May 2013, 20:28
ތިން ވަނަ އިންޓަ އޮފީސް ކެރަމް މުބާރާތް އަންނަ މަހުގެ 23 ވަނަ ދުވަހު ފެށުމަށް ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ނިންމައިފި އެވެ.
ކެރަމް އެސޯސިއޭޝަންގެ ރައީސް އަހުމަދު މުބީން ވިދާޅުވީ، މިއަހަރުގެ މުބާރާތް އަންނަ ޖޫން މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށާއި އެގޮތުން މުބާރާތުގައި ބައިވެރިވުމަށް އެދި ސަރުކާރުގެ ގިނަ އޮފީސްތަކަށާއި އަމިއްލަ ގިނަ ކުން ފުނިތަކަށް ދައުވަތު އަރުވާފައިވާ ކަމަށެވެ.
"މުބާރާތުގައި ބައިވެރިވުމަށް އެދި ގިނަ އޮފީސްތަކަށް މިހާރު ވާނީ ދައުވަތު އަރުވާފަ. މުބާރާތުގައި ބައިވެރި ވުމުގެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ 16 ވަނަ ދުވަސް" މުބީން ވިދާޅުވި އެވެ.
މުބީން ވިދާޅުވީ، މުބާރާތުގައި ބައިވެރިވުމަށް އެދި ދައުވަތު ދީފައިވާ ގިނަ އޮފީސްތަކުން، ދައުވަތު ގަބޫލްކޮށް މުބާރާތުގައި ބައިވެރިވާނޭ ކަމުގެ ފެހި ސިގްނަލް މިހާރުވެސް ދީފައި ވާކަމަށެވެ. އަދި ހުސްވި އަހަރުގެ މުބާރާތަށް ވުރެ މިއަހަރުގެ މުބާރާތުގައި ބައިވެރިވާ އޮފީސް ތަކުގެ އަދަދު ގިނަ ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ހުސްވި އަހަރު ބޭއްވި ދެ ވަނަ އިންޓަ އޮފީސް ކެރަމް މުބާރާތުގައި ބައިވެރިވެފައި ވަނީ ޖުމްލަ 15 އޮފީހަކުންނެވެ. އެގޮތުން އެމުބާރާތުގެ ފިރިހެން ޗެމްޕިއަންކަން އެމްއެންޑީއެފްއިން ހޯދި އިރު، އަންހެން ޗެމްޕިއަންކަން ހޯދީ މޯލްޑިވްސް ކަސްޓަމްސް ސާވިސްއެވެ.