މިއަދު ހަވީރުގެ ވަގުތެއްގައި މާލޭގެ ދެ ސަރަހައްދެއްގައި ދެ މީހެއްގެ ގަޔަށް ވަޅި ހަރައި ޒަޚަމް ކޮށްލައިފި އެވެ.

ފުލުހުން ބުނީ ފުރަތަމަ މީހާއަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލާފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައި ސްޓާ ސިނަމާ ކައިރިން ކަމަށެވެ. އެ ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ އިރުއޮއްސި 6:28 ހާއިރު ކަމަށް ވެސް ފުލުހުން ބުންޏެވެ.

ސްޓާ ސިނަމާ ކައިރިން ވަޅިން ހަމަލާދީ ޒަޚަމްކޮށްލާފައިވަނީ އުމުރުން 20 އަހަރުގެ މީހަކަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މީހާގެ ބުރަކަށީގެ އިތުރުން މެޔަށްވެސް ވަޅިން ހަމަލާދީ ޒަޚަމް ކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ދެވަނަ މީހާއަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައި ޕީޓްރަލް ސަރަހައްދުން ކަމަށެވެ. އެ ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ އިރުއޮއްސި 6:57 ހާއިރު ކަމަށް ވެސް ފުލުހުން ބުންޏެވެ.

ޕީޓްރަލް ސަރަހައްދުން ވެސް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވަނީ އުމުރުން 20 އަހަރުގެ މީހަކަށް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މިހާތަނަށް މައުލޫމާތު ލިބިފައިވާގޮތުގައި ވަޅިހަރައި ޒަޚަމްކޮށްލާފައި ވަނީ އޭނާގެ ބުރަކަށްޓަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ ދެ މީހުންނަށްވެސް މިހާރު އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

އެ ދެ މީހުންގެ ގަޔަށް ވަޅިހަރައި ޒަޚަމް ކޮށްލި ކަމަށް ތުހުމަތު ކުރެވޭ ފަރާތްތަށް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.