ގްލޯބަލް ކާގޯ ކެއާއިން ސްޕޮންސާ ކޮށްގެން ބާއްވާ ގްލޯބަލް ޓީ ޓުވެންޓީ ކްރިކެޓް ކަޕްގެ ފައިނަލުން އެމްއެސް އެކަޑަމީ އާއި މާލޭ ސްޕޯޓްސް ޖާގަ ހޯދައިފިއެވެ.

ލީގު އުސޫލުން ކުރިއަށް ގެންދިޔަ އެ މުބާރާތުގެ ފައިނަލުން އެމްއެސް އެކަޑަމީ ޖާގަ ހޯދި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ޖުމުލަ 12 ޕޮއިންޓު ހޯދައިގެންނެވެ. އަދި މިދިޔަ އަހަރުގެ ޗެމްޕިއަން މާލޭ ސްޕޯޓްސް ފައިނަލުން ޖާގަހޯދީ ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިންމެޗު ކާމިޔާބުކޮށް ޖުމުލަ 9 ޕޮއިންޓު ހޯދައިގެންނެވެ.

މުބާރާތުގައި ވާދަކުރި އެހެން ޓީމުތަކަށް ބަލައިލާއިރު ހިންނަވަރު ހިރިޔާ ވަނީ ދެމެޗުން މޮޅުވެ ހަ ޕޮއިންޓު ހޯދައިގެން ތާވަލުގެ ތިނަވަ ހޯދާފައެވެ. ކުޅުނު ހަތަރު މެޗުގެ ތެރެއިން އެންމެ މެޗަކުން މޮޅުވެ ތިން ޕޮއިންޓާއެކު ވެސްޓު ސްޕޯޓްސް އޮތީ ތާވަލުގެ ހަތަރު ވަނައިގައެވެ. ޖުމުލަ ފަސް ޓީމު ވާދަކުރާ މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން މޮޅުނުވެ ތާވަލުގެ ފުލަށް ދިޔައީ ނިއު ސްޓާއެވެ. ނިއު ސްޓާއަކީ ކުރިކެޓް ބޯޑުގެ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމްގައި ހިމެނޭ ކުޅުންތެރިންގެ ޓީމެކެވެ.

މުބާރާތުގެ ފައިނަލް މެޗުގައި އެމްއެސް އެކަޑަމީ އާއި މާލޭ ސްޕޯޓްސް މާދަމާ މެންދުރު ފަހު 2:00ގައި ވާދަކުރާ މެޗު އެމްބީސީއިން ލައިވް ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. ފައިނަލް މެޗްގެ ކުޅުން ކުރިއަށް ގެންދާނީ ކުޅިވަރު އެކުވެނީގެ އެއްނަންބަރު ދަނޑުގައެވެ.