17 May 2013, 14:04
ބަންގުލަދޭޝްގެ އައްސޭރިފަށަށް އެރި ބާރުގަދަ ތޫފާން "މަހަސެން"ގެ ސަބަބުން މަރުވެފައިވާ މީހުންގެ އަދަދު 13 އަށް އަރާފައިވާ ކަމަށް ބަންގުލަދޭޝްގެ މީޑިއާތަކުން ބުނެފި އެވެ.
ތޫފާން "މަހަސެން" އެއްގަމަށް އެރުމަށް ފަހު އިތުރަށް ބާރުގަދަ ވެގެންދާނެ ކަމަށް ލަފާކުރެވުމުން ބަންގުލަދޭޝްގެ މޫސުމާ ބެހޭ އިދާރާ އިން ވަނީ އެގައުމުގެ އައްސޭރިފަށުގެ ސަރަހައްދުތަކުގައި ދިރިއުޅޭ މިލިއަނެއްހާ މީހުން ސަލާމަތް ސަރަހައްދުތަކަށް ދިއުމަށް އެދި އިންޒާރެއް ނެރެފަ އެވެ.
ނަމަވެސް އެއްގަމަށް އެރުމާ އެކު ތޫފާނުގެ ބާރު ދަށްވެގެން ދިޔައިރު، އުދަ އަރާ ވަރަށް ތޫފާނުގެ ބާރު ގަދަވި ގަޑިއަކީ ކަނޑުގެ ލޮނުގަނޑުގެ ހިކިގެން ދިޔަ ވަގުތު ކަމުން ތޫފާނުގެ ސަބަބުން އާއްމުކޮށް ލިބޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފައި ނުވާ ކަމަށް މައުލޫމާތު ލިބެ އެވެ.
އަދި ތޫފާން ޗިޓަގޮންގާއި ކޮކްސް ބާޒާރުގެ ސަރަހައްދުތަކަށް އަރާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، އެސަރަހައްދުތަކާ ހިސާބަށް ދިއުމުގެ ކުރިން ތޫފާނުގެ މިސްރާބު ވަނީ ހުޅަނގަށް ބަދަލުވެފަ އެވެ.
މަރުވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވާ 13 މީހުންގެ ތެރެއިން ގިނަ މީހުން މަރުވެފައި ވަނީ ވެއްޓުނު ގަސްތަކުގައި ޖެހި ނުވަތަ ދަށުވުމުގެ ސަބަބުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ބީބީސީ އިން ބުނީ ސަލާމަތް ސަރަހައްދުތަކަށް ބަދަލުވި ބަންގުލަދޭޝްގެ މީހުން އެނބުރި ގެތަކަށް އަންނަމުންދާ ކަމަށާއި ބަންދުކޮށްފައިވާ އެއާޕޯޓުތަކާ އެހެނިހެން ބަނދަރުތައް ހުޅުވަމުންދާ ކަމަށެވެ.