އދ. މަޖލިސް (މޭ 16): ސޫރިޔާގައި ހިންގަމުން ގެންދާ މީހުން މެރުމާއި އިންސާނިއްޔަތާ ޚިލާފު ޢަމަލުތައް އދ.ގެ ޖެނެރަލް އެސެމްބްލީން ވަރަށް ބޮޑަށް ކުށްވެރިކޮށްފި އެވެ.

މިކަމާބެހޭ ގޮތުން ޖެނެރަލް އެސެމްބްލީން ފާސްކުރި ޤަރާރު ބުނަނީސޫރިޔާގެ ރައްޔިތުން ހަނގުރާމައާއި އަނިޔާވެރިކަމާ އަދި ޤަތްލު އާންމުތަކުގެ ޝިކާރައަކަށް ވެގެން ހިނގައްޖެ ކަމުގަ އެވެ. އަދި ދެއަހަރަށް ވުރެ ގިނަ ދުވަސްވީ ސޫރިޔާގެ ހަމަނުޖެހުމާއި އަހްލީ ހަނގުރާމައިގާ 80 ހާހަށް ވުރެ ގިނަ ސޫރިޔާގެ ރައްޔިތުން މަރާލެވި 5.5 މިލިޔަން މީހުން ރެފިއުޖީންނަށްވެ ސޫރިޔާގެ ބޮޑުބައެއް ހަލާކުވެ ވީރާނާވެފައިވާ އިރު ގިނަބަޔަކަށް އިންސާނިއްޔަތާ ޚިލާފު އަނިޔާތައް ވެސް ކޮށްފައިވާ ކަމަށް މިގަރާރު ބުނެ އެވެ.

މިޤަރާރުގައި ސޫރިޔާ ސަރުކާރުން އެގައުމުގެ ރައްޔިތުންގެ އިންސާނީ ހައްޤުތަކަށް ފުޅާދާއިރާއެއްގައި އަރައިގަންނަމުންދާ ކަމަށް ބުނެ އެކަންތައް ހުއްޓާލުމަށް ސޫރިޔާ ސަރުކާރަށް ގޮވާލާފައިވެ އެވެ. މިޤަރާރު އދ.ގެ ޖެނެރަލް އެސެމްބްލީއަށް ހުށަހަޅާފައި ވަނީ ސޫރިޔާގެ ރަޙްމަތްތެރިންގެ ނަމުގައި ޙަރަކާތްތެރިވާ ގައުމުތަކުގެ ތާއީދާއެކު ޤަތަރުންނެވެ.
މިޤަރާރަށް ވޯޓަށް އެހުމުން އެއަށް ތާއީދުކޮށް ވޯޓު ދީފައިވަނީ ޖެނެރަލް އެސެމްބްލީގެ ޖަލްސާއަށް ޙާޒިރުވި 187 ގައުމުގެ ތެރޭން 107 ގައުމުންނެވެ. ފަންސާސް ނުވަ ގައުމުން ވަކިއަތަކަށް ވޯޓު ދީފައިނުވާ އިރު 12 ގައުމަކުން މިޤަރާރާ ދެކޮޅަށް ވޯޓު ދީފައިވެ އެވެ. މިޤަރާރު ހުށަހެއްވި ޤަތަރުގެ މަންދޫބު އައްޝައިޚް މިޝްޢަލް ބިން ޙަމަދު އާލްޘާނީ ވިދާޅުވީ ސޫރިޔާގެ ރައްޔިތުންނާ ދެކޮޅަށް ކޮންމެ ފަރާތަކުން އަނިޔާވެރި އަދި ލާއިންސާނީ ޢަމަލުތައް ހިންގި ނަމަވެސް އެކަން ކުށްވެރިކުރަންޖެހޭނެ ކަމަށެވެ. ނަމަވެސް އަނިޔާކުރާ ފަރާތާއި އަނިޔާލިބޭ ފަރާތް އެއްވަރު ނުކުރެވޭނެ ކަމަށާ މިގޮތުން އަނިޔާކުރާ ފަރާތަކީ ސޫރިޔާ ސަރުކާރުކަމާއި އަނިޔާލިބޭ ފަރާތަކީ އެގައުމުގެ ރައްޔިތުން ކަމަށް ޤަތަރުގެ މަންދޫބު ސިފަކުރެއްވި އެވެ.

މިޖަލްސާގައި ސޫރިޔާގެ ފަރާތުން ވާހަކަދެއްކެވި އެގައުމުގެ ސަރުކާރުގެ މަންދޫބު ބައްޝާރުލްޖަޢްފަރީ ވަނީ ސޫރިޔާގެ ސަރުކާރު ވައްޓާލަން މަސައްކަތްކުރާ އިދިކޮޅު ހަނގުރާމަވެރިންނަކީ ޓެރަރިސްޓުން ކަމަށް ސިފަކުރައްވައި މިފަދަ ޤަރާރުތަކުގެ ސަބަބުން އެފަރާތްތަކަށް ހިއްވަރު ލިބިގެންދާނެ ކަމަށްވިދާޅުވެ ޤަތަރުން ހުށަހެޅި މިޤަރާރު ކުށްވެރިކުރައްވާފަ އެވެ. އަދި ސޫރިޔާގައި ހިގަމުންދާ ހަނގުރާމައިގެ އެންމެހާ ޢަމަލުތަކުގެ ޒިންމާ އުފުލަންޖެހޭނީ އިދިކޮޅު ހަނގުރާމަވެރިންނާ އެމީހުންނަށް ތާއީދުކުރާ ފަރާތްތަކުން ކަމަށްވެސް ސޫރިޔާގެ މަންދޫބު ވިދާޅުވި އެވެ. (އަލްޖަޒީރާ)