ހދ. މަކުނުދޫގައި އިއްޔެ ދަންޖެހިފައި ހުއްޓައި ފެނިގެން، ސަލާމަތް ކުރި އުމުރުން 17 އަހަރުގެ އަންހެން ކުއްޖާ އަށް އިތުރަށް ފަރުވާދިނުމަށް ހދ. ކުޅުދުއްފުއްޓަށް ގެންގޮސްފި އެވެ.

ކުޅުދުއްފުށީގެ ހޮސްޕިޓަލްގެ މެޑިކަލް އޮފިސަރު އިންޗާޖް ޑރ. މުހައްމަދު އަލީ މިއަދު ވިދާޅުވީ އެ އަންހެން ކުއްޖާ ހޮސްޕިޓަލަށް ގެންދިޔަ އިރު ނޭވާ ލަމުން ގެންދާ ކަމަށާއި ކުޅުދުއްފުއްޓަށް ގެންގޮސްފައި ވަނީ އޭނާގެ އެތެރެ ހައްޓަށް އެއްވެސް ގެއްލުމެއް ލިބިފައިވޭތޯ ބެލުމަށް ކަމަށެވެ.

"އެކުއްޖާގެ ސްޓޭބަލް އޭ ބުނެވޭނީ މިހާރު، ވާހަކަ ދައްކާ ވެސް ހަދާ، އެކުއްޖާ އަދި އޮތީ އޮބްޒަވޭޝަންގައި،" ޑރ. މުހައްމަދު އަލީ ވިދާޅުވި އެވެ.

ސަންއަށް އެނގިފައިވާ ގޮތުގައި މަކުނުދޫ ސްކޫލްގެ ގްރޭޑް 10ގައި ކިޔަވަމުން އަންނަ އެ އަންހެން ކުއްޖާ ދަންޖެހިފައި ވަނީ އޭނާގެ ބަރަހާނާ ފޮޓޯތަކެއް ލީކްވި މައްސަލައެެއްގަ އެވެ. އަދި އެއަންހެން ކުއްޖާ އޭނާގެ ކޮޓަރީގެ ތެރޭގައި ދަންޖެހިފައި ހުއްޓައި ފެނިގެން ސަލާމަތްކުރި އިރު ނޭވާ ނުލަ އެވެ. އަދި އޭނާ ނޭވާލާން ފެށީ މަކުނުދޫ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދެމުން ގެންދަނިކޮށެވެ.

އެ މައްސަލަ މިހާރު ފުލުހުންގެ ވެސް ގެންދަނީ ތަހުގީގުކުރަމުންނެވެ.